Roadha Mihaaru
މުޅި ދުވަސް ދެ އެކުވެރިންނާ އެކު، ދެން އެކްސިޑެންޓް

މުޅި ދުވަސް ދެ ރަހުމަތްތެރިންނާ އެކު، ދެން ފެނުނީ އެ ބިރުވެރި މަންޒަރު

28 ފެބުރުއަރީ 2021

އަލީ އާމިލް އަހުމަދާއި އަހުމަދު މުތީއު އަބްދުލްހަކީމް އިއްޔެގެ މެންދުރުފަހުގެ ބޮޑު ބައެއް ހޭދަކުރީ އެ މީހުންގެ އެކުވެރިއެއްގެ ގަރާޖުގަ އެވެ. ފުވައްމުލަކަށް އަލަށް ގެންދިޔަ ރީތި ސްޕޯޓްސް ކާރު މަރާމާތުކޮށް، ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެތަނުގައިކުރި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަލީ އާމިލް އަހުމަދާއި އަހުމަދު މުތީއު އަބްދުލްހަކީމް އިއްޔެގެ މެންދުރުފަހުގެ ބޮޑު ބައެއް ހޭދަކުރީ އެ މީހުންގެ އެކުވެރިއެއްގެ ގަރާޖުގަ އެވެ. ފުވައްމުލަކަށް އަލަށް ގެންދިޔަ ރީތި ސްޕޯޓްސް ކާރު މަރާމާތުކޮށް، ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެތަނުގައިކުރި އެވެ.

ދަޅު ބޮއެ، މަޖާކޮށް، އެކި ވާހަކަތަކުގައި ތިބެ އެ މީހުން މަސައްކަތް ނިންމާލައި، ކާރު ދުއްވާލަން ނުކުތީ ހަވީރު ހަތަރެއް ޖަހާ ބޮޑުވި ފަހުންނެވެ.

އެކަމަކު ގަރާޖުގެ ވެރިޔާ އަދި ދެ ޒުވާނުންގެ އެކުވެރިޔާ އެވަގުތު އެތާކު ނެތެވެ. އަސްލު ނަން ޖަހަން ބޭނުންނުވާތީ، މި ރިޕޯޓްގައި އެކުވެރިޔާގެ ނަމަކަށް ބޭނުން މިކުރަނީ އަހުމަދު ޝިމާލް އެވެ.

ޝިމާލް ބުނި ގޮތުގައި ދެ އެކުވެރިންގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ކާރުގައި ނުކުތް އިރު ގަރާޖުގައި ނުހުރެވުނަސް، އިއްޔެ އެމީހުންނާ އެކު އެންމެ ގިނަ ވަގުތު ހޭދަކުރެވުނީ އޭނާއަށެވެ. ގަރާޖުން ނުކުމެ ހޭދަވި 15 ވަރަކަށް މިނިޓް ތެރޭގައި އިވުނީ އޭނާއަށް ފެނުނީ ގަރާޖާ ވަރަށް ކައިރީ އޮތް ނައިބު ތުއްތު މަގާ ދިމާއަށް މީހުން ދުވާ ތަނެވެ.

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި މަރުވި ދެ ޒުވާނުން ކަމަށްވާ އާމިލް (ކ) އަދި މުތީއު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި މަރުވި ދެ ޒުވާނުން ކަމަށްވާ އާމިލް (ކ) އަދި މުތީއު

އޭރު އެހެން ދިޔަ އެމްބިއުލާންސް ފަހަތުން ޝިމާލް ވެސް ދިޔައީ، މާ ނުރައްކާތެރި ކަމެއް ހިނގި ކަމުގެ ހީތަކާ އެކު ވެސް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އޭނާއަށް ފެނުނީ، މަގުގެ އެއް ފަރާތުގައި ހުރި ގަހެއްގައި ޖެހިފައި އޮތް ކާރެވެ. އެއީ އޭގެ ކުޑައިރުކޮޅެއް ކުރިން އޭނާ މަރާމާތުކުރި ކާރުކަން ޔަގީންވި އެވެ.

އެ ކާރުގައި ތިބީ ކޮން ބައެއްކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު ކާރު ތެރޭގައި އޭރު ލެޔާ ތަތްތެޅިފައި އޮތް ދެ ޒުވާނުން ފެނުމާ އެކު އެއީ ގާތް ދެ ރަހުމަތްތެރިން ކަމަށްވާ އާމިލް އާއި މުތީއުކަން އޮޅޭވަރެއް ނުވި އެވެ. ލިބުނު ސިހުން، ހިތާމަ، ބިރު އެހާ ބޮޑެވެ. ނަމަވެސް ދެ ރަހުމަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް، އެތަނުގައި ތިބި އެހެން މީހުންނާ އެކު، އޭނާ ފެށި އެވެ.

އެ ކާރުގެ ދޮރު ހުޅުވަނީ މައްޗަށެވެ. ނަމަވެސް ގަހުގައި ޖެހިފައި އޮތްލެއް ބާރުކަމުން ލިބުނު ގެއްލުންތަކުގައި ދޮރެއް ނުހުޅުވުނެވެ. އެހެންވެ ޝިމާލްމެންނަށް ޖެހުނީ ޗެއިން ބްރޭކަރާއި ބޮޑެތި ކަތުރާއި ގްރޭންޑަރު ފަދަ ސާމާނު ބޭނުކޮށް ދޮރު ކީހާލާށެވެ. ބައެއް އެއްޗެހި އޭނާގެ ގަރާޖުން ލިބުނެވެ. އަނެއް ބައި އެއްޗެހި ގެންދިޔައީ ކައިރީގައި ހުރި ވޯކްޝޮޕަކުންނެވެ.

ދޮރު ކީހާލަން ގަޑިއިރެއްހާއިރު ނެގި އެވެ. ދެ ޒުވާނުންނަށް ވެފައި ވަރު ފެނުނީ ވެސް އެހާ ހިސާބުންނެވެ.

ޝިމާލް ބުނިގޮތުގައި އާމިލްގެ ސިކުނޑިން ބައެއް އޮތީ ބޭރުގަ އެވެ. މޫނު މަތި ވެސް ޒަހަމްވެ، ސިފަ ވަކިނުވާ ވަރަށް ލެއިން ފޯވެފަ އެވެ.

ފުވައްމުލަކުގައި އިއްޔެ އެކްސިޑެންޓް ހިނގި ވަގުތު، ޒުވާނުން ސަލާމަތް ކުރުމަށް މީހުން މަަސައްކަތް ކުރަނީ-- ފޮޓޯ: އެމްވީކްރައިސިސް

ފުވައްމުލަކުގައި އިއްޔެ އެކްސިޑެންޓް ހިނގި ވަގުތު، ޒުވާނުން ސަލާމަތް ކުރުމަށް މީހުން މަަސައްކަތް ކުރަނީ-- ފޮޓޯ: އެމްވީކްރައިސިސް

އެއީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ހިތްހަލާކުވާ ފަދަ ބިރުވެރި އަދި ހިތްދަތި ވަގުތުކޮޅެކެވެ. ނަމަވެސް ދެ ރަހުމަތްތެރިންގެ ފުރާނަ ސަލާމަތްކުރަން، ހިތްވަރާ އެކު، ޝާމިލް އުޅުނެވެ.

"ކުރިން އަޅުގަނޑުމެންނަށް ބޮލުގެ ސިކުނޑި ފެންނަނީ ފޮޓޯ އާއި ވީޑިއޯތަކުން. އެކަމަކު އެކުވެރިޔާގެ ސިކުނޑި އަޅުގަނޑުގެ ހަމަ ލޮލަށް ފެންނަން އޮތީ،" އަދިވެސް ގަބޫލުކުރަން ދަތި އެ ހިތާމަވެރި މަންޒަރާ ބެހޭ ގޮތުން ޝިމާލް ބުންޏެވެ.

ދެ އެކުވެރިންގެ ހާލަތު ފެނުމުން ހިނދުކޮޅަކަށް އޭނާއަށް ހުއްޓުން އެރި އެވެ. ނަމަވެސް ފުރާނަ ސަލާމަތްކުރެވޭތޯ ސިކުންތެއް ވެސް ބޭކާރުނުކޮށް އެންމެން މަސައްކަތްކުރި އެވެ.

ޝިމާލް ބުނިގޮތުގައި ކާރު ދުއްވަން އިން އާމިލްގެ ކަނާތު އަތް، ކާރުގެ ދޮރު ތެދުކޮށްލި ވަގުތު، ކުޑަކޮށް ހަރަކާތްކޮށްލި އެވެ. އެކަމަކު އެމްބިއުލާންސްއަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އާމިލް އާއި މުތީއުގެ ހަށިގަނޑުން ވެސް އެއްވެސް ހަރަކާތެއް ނުފެނެ އެވެ.

ދެ ޒުވާނުން މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އާމިލަކީ ރޭސް ޖަހައި އުޅުނު ޒުވާނެއް ނޫން

އާމިލާއި މުތީއު ދުއްވީ އެހެން އެކުވެރިޔަކު އަލަށް ގަނެގެން ގެނައި ކާރެކެވެ. ޝިމާލްގެ ގަރާޖުގައި ކާރަށް ބައެއް ބަދަލުތައް ގެނެސް، މަރާމާތު ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޭނާ ބުނިގޮތުގައި އެ ދުވަހު ވެސް، ކާރުގެ ބްރޭކް ޕެޑް ބަދަލުކޮށް، އެހެން މަރާމާތުތައް ވެސް ކުރި އެވެ. އެކަމަކު ކާރުގައި މައްސަލައެއް ނޫޅޭނެ ކަމަށް އޭނާ ބުންޏެވެ.

ކާރު ދުއްވަން އިން އުމުރުން 19 އަހަރުގެ އާމިލަކީ، ޝާމިލް ބުނިގޮތުގައި ރޭސް ޖަހައި، "މޮޅެތި ގޮތްގޮތަށް" ކާރު ދުއްވާ ޒުވާނެއް ނޫނެވެ. އެހެންވެ، އޭނާ ގަބޫލުކުރަނީ، އެކްސިޑެންޓްވީ ބާރު ކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.

"ހުރިހާ އެކުވެރިން ވެސް އެ ކާރު ދުއްވާނެ. ކާރުގައި އެއްވެސް މައްސަލައެއް ނޫޅޭނެ،" ޝާމިލް ބުންޏެވެ.

އިއްޔެ ހެނދުނުން ފެށިގެން ހުރިހާ ވަގުތެއް އާމިލް ހޭދަކުރީ ޝާމިލްއާ އެކު އެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކި އެވެ. އޭނާ ކުރި މަސައްކަތްތަކާއި ކުރަން ބޭނުންވާ ކަންކަން ވެސް ކިޔައިދިނެވެ. އަދި އެކްސިޑެންޓްވުމާ ހަމައަށް، އިއްޔެ އަކީ އެކުވެރިންގެ މެދުގައި އެންމެ މަޖާކޮށް، ސަކަރާތް ޖެހި އެއް ދުވަސް ކަމަށް ވެސް ޝާމިލް ބުންޏެވެ. އެހެންވެ، ކައިރީގައި ދެ އެކުވެރިން އެގޮތަށް ކުއްލިއަކަށް ވަކިވެގެން ދިޔުން އަދިވެސް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ.

"އަޅުގަނޑު ގެއިން ގަރާޖަށް އާދެވޭނީ އެތާ ކައިރިން ލާފައި. އެހެންވެ، އެ ހިސާބު ފެންނަ ކޮންމެ ފަހަރަކު އެމީހުންގެ މަތިން ވަރަށް ބޮޑަށް ހަނދާންވޭ،" ޝާމިލް ބުންޏެވެ.

"އެކަމަކު ކަމެއް ވާންވީމައި ފަހެއް ނޯންނާނެ."