Roadha Mihaaru
ކަރަންގެ އުފަން ދުވަސް ފާހަގަކުރީ ރާއްޖޭގައި

ކަރަންގެ އުފަން ދުވަސް ފާހަގަކުރީ ރާއްޖޭގައި

25 ފެބުރުއަރީ 2021

އިންޑިއާގެ އެކްޓަރު ކަރަން ސިންގް ގްރޯވާގެ 39 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެކްޓަރު ކަރަން ސިންގް ގްރޯވާގެ 39 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާގެ އުފަން ދުވަސް ފާހަގަކުރީ ޑަބްލިއު މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވެސް ދެމަފިރިންގެ އިންސްޓަގްރާމާއި ފޭސްބުކްގައި ޕޯސްޓްކޮށްފައިވެ އެވެ.

ކުރިން ވެސް ރާއްޖޭގައި މި ދެ ތަރިން އެތައް ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވާ އިރު، މިހާރު އެއްގޮތަކަށް ވެސް ފިލްމުތަކުން ނުފެންނަ ބަތަލާ ބުނީ އޭނާ މި ވަގުތު ހުރީ އަހަރުގެ އެންމެ އުފާވެރި ދުވަހާ ދިމާކޮށް، އެންމެ ގަޔާވާ ތަނުގައި ކަމަށެވެ.

ރާއްޖޭގެ ކުރީގެ ދަތުރުތަކުގެ ފޮޓޯތައް ހިއްސާކޮށް ރާއްޖެ އަކީ އެންމެ ދާހިތްވާ ޗުއްޓީ މަންޒިލު ކަމަށް ބިޕާޝާ އަބަދު ވެސް ބުނެ އެވެ.

ޓީވީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ފަހުން ބޮލީވުޑަށް ވެސް ނުކުތް ކަރަން އާއި ބިޕާޝާ ކައިވެނިކުރީ 2016 ގަ އެވެ. މިއީ ކަރަންގެ ތިން ވަނަ ކައިވެންޏެވެ.

އޭނާގެ ކުރިއަށް އޮތް އުފެއްދުމަކި އަންނަ މަހުގެ 12 ގައި ޒީ5 އިން ޕްރިމިއާކުރާ ވެބް ސީރީޒް "ގުބޫލް ހޭ 2.0" އެވެ. އެއީ ޒީޓީވީ އަށް ކަރަން ކުރިން ކުޅުނު ސިލްސިލާ "ގުބޫލް ހޭ"ގެ އިތުރު ބައެއްގެ ގޮތުގައި ގެނެސްދޭ އެއްޗެކެވެ.

ބިޕާޝާ އާއި ކަރަން އެކީގައި މިދިޔަ އަހަރު ވެބް ސީރީޒް "ޑޭންޖަރަސް" އިން ފެނިފައިވާ އިރު، ދެ ތަރިން އެކީގައި ކުޅުނު ފިލްމަކީ 2015 ގެ "އެލޯން" އެވެ.