Roadha Mihaaru
ކިޓްކެޓުން ވެޖެޓޭރިއަން ޗޮކްލެޓެއް ނެރެނީ

ކިޓްކެޓުން ވެޖެޓޭރިއަން ޗޮކްލެޓެއް ނެރެނީ

17 ފެބުރުއަރީ 2021

ހަމައެކަނި ގަސްގަހާގެހީގެ ކާނާގެ ޑައިޓްތައް ފޮލޯކުރާ މީހުންނަށް ހާއްސަކޮށް ކިޓްކެޓްގެ ވީގަން ނުވަތަ ވެޖެޓޭރިއަން ޗޮކްލެޓެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަމައެކަނި ގަސްގަހާގެހީގެ ކާނާގެ ޑައިޓްތައް ފޮލޯކުރާ މީހުންނަށް ހާއްސަކޮށް ކިޓްކެޓްގެ ވީގަން ނުވަތަ ވެޖެޓޭރިއަން ޗޮކްލެޓެއް ނެރެން ނިންމައިފި އެވެ.

މިކަން ހޯމަ ދުވަހު އިއުލާންކޮށް، ކިޓްކެޓް ނެރޭ ނެސްލޭ އިން ބުނީ މިއީ އަހަރުތަކެއް ވަންދެން ކަސްޓަމަރުންތަކެއް އެދެމުން ދިއުމާ އެކު ގެނެސްދޭ އުފެއްދުމެއް ކަމަށެވެ. ވީގަން ކިޓްކެޓަށް ދީފައިވާ ނަމަކީ "ކިޓްކެޓް ވީ" އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގެ މާކެޓަށް ހާއްސަކޮށްގެން އެ ޗޮކްލެޓް ނެރޭނީ މި އަހަރުގެ ފަހުކޮޅު އެވެ. އާންމުކޮށް މާކެޓަށް އެ ޗޮކްލެޓް ނެރޭނީ ކަނޑައެޅޭ ބައެއް ރިޓެއިލް ވިޔަފާރިތަކުގެ މެދުގައި ދުވަސްތަކެއް ވަންދެން ޓެސްޓްކުރުމަށް ފަހު އެވެ.

ނެސްލޭ އިން ބުނި ގޮތުގައި "ކިޓްކެޓް ވީ" އަކީ އެ ބްރޭންޑްގެ ޗޮކްލެޓްތަކުން ގެނެސްދޭ މީރުކަމާއި ހިތްހަމަޖެހުން ކަސްޓަމަރުންނަށް ގެނެސްދޭނެ އެއްޗެކެވެ. އަދި މިއީ ކިރުގެ ނުވަތަ ޑެއިރީގެ ބާވަތްތައް ބޭނުން ނުުކޮށް އުފައްދާ އެއްޗަކަށް ވިޔަސް ކިޓްކެޓް ޗޮކްލެޓްގެ ހިތްގައިމު ރަހަ ނުގެއްލޭނެ ކަމަށް ބުންޏެވެ.

"ހަމަ ޔަގީނުން ވެސް ކަސްޓަމަރުން ވަރަށް ގަޔާވާނެ އެއްޗަކަށް ކިޓްކެޓް ވީ ވާނެ،" ނެސްލޭ އިން ބުންޏެވެ.

"ކިޓްކެޓް ވީ" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމަނުކުރި ނަމަވެސް މި ޗޮކްލެޓް ނެސްލޭ އިން ތައްޔާރުކުރާނީ 100 ޕަސަންޓް ސަސްޓައިނަބަލް ކޮކޯ ބޭނުންކޮށްގެންނެވެ.

"މިއީ އަހަރެމެންގެ އެކްސްޕަޓީޒްގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެން ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭނެ އުދެއްދުމެއް." އިނގިރޭސިވިލާތުގެ ޔޯކްގައި ހުންނަ ނެސްލޭ ކޮންފެކްޝަނަރީ ޕްރޮޑަކްޓް ޓެކްނޮލޮޖީ ސެންޓަރުގެ ހެޑް ލުއީ ބެރެޓް ވިދާޅުވި އެވެ.

ޗޮކްލެޓްގެ އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ކިޓްކެޓަކީ 1935 ގައި ތައާރަފުކުރި ޗޮކްލެޓެކެވެ.