Roadha Mihaaru
ކެޑްބަރީގެ އާ ރަހައެއް އުފައްދަން ފުރުސަތު ހުޅުވާލައިފި

ކެޑްބަރީގެ އާ ރަހައެއްގެ ޗޮކްލެޓް ތައްޔާރުކުރަން މި އަހަރު ވެސް ފުރުސަތު ހުޅުވާލައިފި

13 ސެޕްޓެމްބަރ 2019

މަޝްހޫރު ޗޮކްލެޓް ބްރޭންޑް ކެޑްބަރީން މި އަހަރު ވެސް މުޅިން އާ ރަހަތަކެއްގެ ޗޮކްލެޓެއް ތައްޔާރުކުރަން ކަސްޓަމަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ޗޮކްލެޓް ބްރޭންޑް ކެޑްބަރީން މި އަހަރު ވެސް މުޅިން އާ ރަހަތަކެއްގެ ޗޮކްލެޓެއް ތައްޔާރުކުރަން ކަސްޓަމަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

މިކަމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ލިންކަށް www.cadburyinventor.com ވަދެލައިގެން ރަޖިސްޓްރީކޮށްލެވޭނެ އެވެ.

މިއީ ކަސްޓަމަރުންނަށް އިނގިރޭސިވިލާތުގެ ކެޑްބަރީން މި ފުރުސަތު ދިން ދެ ވަނަ އަހަރެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ހުޅުވައިލި ފުރުސަތުގައި ކެޑްބަރީގެ ޑެއިލީ މިލްކްގެ ކަލެކްޝަންގެ ތެރެއަށް އިތުރުވާ އާ ރަހަ "ޗޮކާ-ލާޓޭ" މި މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ އެވެ. އެ ތައްޔާރުކޮށްފައި ވަނީ ކެލަމް ކްގޯލާ ކިޔާ މީހެކެވެ.

މި އަހަރު ހުޅުވައިލި ފުރުސަތުގައި ކަސްޓަމަރުންނަށް 90،000 ފްލެވާ ކޮމްބިނޭޝަނުގެ ތެރެއިން ހޮވާލައިގެން އެ މީހަކު ބޭނުންވާ ރަހައެއްގެ ޗޮކްލެޓް ތައްޔާރުކޮށް، އޭތި ފަރުމާކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން ލިސްޓްގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި އާމަންޑް، ހިކި މޭބިސްކަދުރު، ރާސްބެރީޒް، ޑިޖޯން މަސްޓަޑް، ޓޮމާޓޯ، ސްޕައިސީ ޗިލީ، ޕޮޕިން ކޭންޑީ އަދި ފިނިފެންމާ ފަދަ ރަހަތައް ހިމެނެ އެވެ.

ކެޑްބަރީން ބުނިގޮތުގައި އެތަނުގެ ފެކްޓްރީގައި އަމިއްލަ ރަހަ އުފައްދައި، ޗޮކްލެޓް ޑިޒައިންކުރަން ހުޅުވާލި ފުރުސަތުގައި ކުރުމަތިލާ މީހުންގެ ތެރެއިން ތިން މީހަކު ހާއްސަ ޖަޖިން ޕެނެލަކުން ޝޯޓްލިސްޓްކުރާނެ އެވެ. މިކަން ކުރިއަށް ދާނީ އިނގިރޭސިވިލާތުގެ ބޯންވިލްގައި ހުންނަ ކެޑްބަރީ ޗޮކްލެޓް ސެންޓަ އޮފް އެކްސެލެންސްގަ އެވެ.

އެގޮތުން އެތަނުގެ ތަޖުރިބާރުންގެ އެހީއާ އެކު އާ ރަހަތަކުގެ ޗޮކްލެޓް ތައްޔާރުކުރުމުގެ ފުރުސަތު ޝޯޓްލިސްޓް ކުރާ ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ.

ކެޑްބަރީން ބުނިގޮތުގައި ކަސްޓަމަރުން ތައްޔާރުކުރާ ތިން ރަހައިގެ ޗޮކްލެޓްގެ ތެރެއިން އެކައްޗެއް ފައިނަލްކުރުމުގެ ކުރިން އެ ގައުމުގެ ބާޒާރުތަކުގައި ތިން މަސް ދުވަހަށް ވިއްކައި، ރަހަތަކާ މެދު އާންމުންގެ ހިޔާލު އޮންލައިންކޮށް ހޯދާނެ އެވެ. އަދި އެންމެ ގިނަ ވޯޓް ލިބޭ ރަހައެއް ކެޑްބަރީ މިލްކް ރޭންޖަށް ރަސްމީކޮށް އިތުރުކުރާނެ އެވެ.