Roadha Mihaaru
އައްޑޫގައި ކޮވިޑްގެ ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

އައްޑޫގައި ކޮވިޑްގެ ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

14 ފެބުރުއަރީ 2021

އައްޑޫން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މިދިޔަ އަހަރު ވެސް މިގޮތަށް އައްޑޫގެ ހުރިހާ އަވަށަކުން ރޭންޑަމް ސާމްޕަލްތަކެއް ނަގާފައިވާ އިރު މިއަދު އެ މަސައްކަތް މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިން ބުންޏެވެ.

އެ ހޮސްޕިޓަލުން މިހާތަނަށް ކޮވިޑް-19 ގެ 10،000 އަށް ވުރެ ޓެސްޓް ހަދާފައިވެ އެވެ.

އައްޑޫން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު 58 އަށް އަރާ އިރު، ހަތަރު މީހަކަށް އަންނަނީ ކޮވިޑް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ދުވަސްވީ ދެ މީހަކު ވެސް ހިމެނެ އެވެ.

އައްޑޫގައި އޮތީ ކޮވިޑްގެ ދެ ކްލަސްޓާއެކެވެ. އެއީ ގުޅިފައިވާ އަވަށްތައް ކަމަށްވާ ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫން ޕޮޒިޓިވް ބަޔަކު ހިމެނޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ކްލަސްޓާ އާއި ވަކިން އޮންނަ ހުޅުމީދޫން ބިދޭސީންތަކެއް ޕޮޒިޓިވްވި އެމްޓީސީސީ ކްލަސްޓާ އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން މިހާތަނަށް ވަނީ ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން ކޮންޓްރެކްޓް ޓްރޭސިން ހަދަން މޮނިޓަރިން އަށް ލާފައިވާ އިރު މި މަހުގެ 23 އާ ހަމައަށް އައްޑޫގައި އަންނަނީ ރޭގަނޑު ކާފިއު ވެސް ހިންގަމުންނެވެ. އެއީ 8:00 އިން ފަތިހު 4:00 އާ ހަމައަށެވެ. އަދި އެއް އަވަށުން އަނެއް އަވަށަށް ޒަރޫރީގައި ބޭނުމެއްގައި ނޫނީ ދިއުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން އައްޑޫގެ 180 އަށް ވުރެ ގިނަ ތަންތަން މިހާރު ހުރީ ކަރަންޓީނުކޮށްފަ އެވެ.

އައްޑޫގެ އަވަށްތަކުގައި މިހާރު އަންނަނީ ކޮވިޑް-19 އަށް ވެކްސިން ވެސް ދެމުންނެވެ.