Roadha Mihaaru
ޓްރަމްޕްގެ ވަކީލުން ބޭނުންވަނީ އެންމެ ހަތަރު ގަޑިއިރު

ޓްރަމްޕްގެ ވަކީލުން ބޭނުންވަނީ އެންމެ ހަތަރު ގަޑިއިރު

12 ފެބުރުއަރީ 2021

އެމެރިކާގެ ކޮންގްރެސްގެ މަތި ގެ އާއި ތިރި ގެ ހިމެނޭ ކެޕިޓަލް އިމާރާތަށް ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކުގެ އަސްލަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ބުނެ، ސެނެޓްގައި މިހާރު ކުރިއަށް ދާ ޝަރީއަތުގައި ދިފާއުގައި ވާހަކަ ދައްކަން ބޭނުންކުރާނީ 16 ގަޑިއިރުގެ ތެރެއިން އެންމެ ހަތަރު ގަޑިއިރު ކަމަށް، ވަކީލުން ބުނެފި އެވެ.

އެމެރިކާގެ ކޮންގްރެސްގެ މަތި ގެ އާއި ތިރި ގެ ހިމެނޭ ކެޕިޓަލް އިމާރާތަށް ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކުގެ އަސްލަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ބުނެ، ސެނެޓްގައި މިހާރު ކުރިއަށް ދާ ޝަރީއަތުގައި ދިފާއުގައި ވާހަކަ ދައްކަން ބޭނުންކުރާނީ 16 ގަޑިއިރުގެ ތެރެއިން އެންމެ ހަތަރު ގަޑިއިރު ކަމަށް، ވަކީލުން ބުނެފި އެވެ.

މިރޭ ފަތިހު ފަށާ ސެނެޓް ޝަރީއަތުގައި އެހާ ކުޑަ ވަގުތުކޮޅެއް ނަގައިގެން ދިފާއުގެ ވާހަކަ ދައްކަން ޓްރަމްޕްގެ ވަކީލުން ނިންމެވި އިރު، މި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ވޯޓު ހަމަނުވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނަށް، ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ 17 ވޯޓު ބޭނުންވެ އެވެ. މިހާތަނަށް ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ބެލެވެނީ ރިޕަބްލިކަން ޕާޓީގެ ހަ ސެނެޓަރެކެވެ. ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލްގައި ހިންގި، ފަސް މީހުން މަރުވި، ހަމަނުޖެހުންތަކުގައި ސީދާ ގޮތެއްގައި އޭރުގެ ރައީސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަކަށް، އަދިވެސް އޭނާއަށް ވަފާތެރި ސެނެޓަރުން ގަބޫލެއްނުކުރައްވަ އެވެ.

މިހާރުގެ ރައީސް ޖޯ ބައިޑަން ކާމިޔާބުކުރެއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ރަސްމީކުރުމުގެ ޖަލްސާ ހިނގަމުން ދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުން، ކޮންގްރެސްގެ މަތި ގެ، ސެނެޓާއި ދަށު ގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ހިމެނޭ އިމާރާތަށް ވަނުމުގެ ކުރިން، ވައިޓް ހައުސްގެ ކުރިމަތީގައި ޓްރަމްޕް ވަނީ ރުޅިވެރިކަން އުފެދޭ ފަދަ ހަރުކަށި ވާހަކަތަކެއް ދައްކަވައިފަ އެވެ. އޭގެ ތެރޭގައި "ބާރުގެ ބޭނުންނުކޮށް ގައުމު އަނބުރާ ނުލިބޭނެ" ކަމަށް ވިދާޅުވުން ފަދަ، "ހުރި ހިތްވަރެއް މިއަދު ދައްކާލަން ޖެހޭނެ" ފަދަ، އެތައް ވާހަކައެއް ހިމެނެ އެވެ. އަދި "ތިމަންނަ ވެސް ކަލޭމެންނާ އެކު ދާނަމޭ" ވިދާޅުވި އެވެ. އެކަމަކު ޓްރަމްޕް ވަޑައެއް ނުގަންނަވަ އެވެ.

މިއީ އެމެރިކާގެ ރައީސަކު ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ފަހަރެވެ. މިދިއަ އަހަރު ވެސް ހައުސްގައި ޓްރަމްޕް އިމްޕީޗްކުރި އެވެ. އެކަމަކު އޭރު ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮތް ސެނެޓުގައި ހިންގި ޝަރީއަތުން އޭނާ ސަލާމަތްވެވަޑައިގަތެވެ.

އެމެރިކާގެ ކުރީގެ ރައީސަކާ ދެކޮޅަށް ސެނެޓްގައި އިމްޕީޗްމެންޓް ޝަރީއަތެއް ހިންގާ ފުރަތަމަ ފަހަރަކީ ވެސް މި އެވެ.

ޖެނުއަރީ 6 ގައި ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތް ހިފާފައި: މިއީ އެމެރިކާގެ ތާރީހުގައި ވެސް ނުދެކޭ ފަދަ މަންޒަރެއް

ޖެނުއަރީ 6 ގައި ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތް ހިފާފައި: މިއީ އެމެރިކާގެ ތާރީހުގައި ވެސް ނުދެކޭ ފަދަ މަންޒަރެއް

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޝަރީއަތުގެ ވަކީލުންގެ ގޮތުގައި ކަނޑައެޅި ހައުސްގެ ހަ މެނޭޖަރުން މިދިއަ ދެ ދުވަހު، ވީޑިއޯ އާއި އޯޑިއާ ބޭނުންކުރައްވައިގެން ވަރަށް ވަރުގަދަ ހެކިތަކެއް ސެނެޓަށް ދެއްކެވި އެވެ. އޭގެ ތެރޭގައި ކެޕިޓަލް އިމާރާތުގެ އެތެރޭގައި ހުރި ކެމެރާތަކުގެ މަންޒަރުތައް ވެސް ހިމެނެ އެވެ. އެއީ އަސަރު ގަދަ އަދި ބިރުވެރި މަންޒަރުތަކެއް ކަމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ގަބޫލުކުރެއްވިޔަސް، އެ ހަމަނުޖެހުންތަކުގެ ޒިންމާ ޓްރަމްޕް ސީދާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަކަށް، އެ ޕާޓީގެ ގިނަ ސެނެޓަރުން ދެކެވަޑައެއް ނުގަންނަވަ އެވެ.

އިމާރާތުގެ ތެރެއަށް ވަދެގަނެ، ޓްރަމްޕްގެ ހައްދުފަހަނައަޅާފައިވާ ސަޕޯޓަރުން ވަނީ، ނައިބު ރައީސް މައިކް ޕެންސަށް އަމާޒުކޮށް، "ޕެންސް ދަންޖައްސާ" ފަދަ ގޮވުންތައް ގޮވައިފަ އެވެ. އަދި ހައުސްގެ ރައީސް ޑިމޮކްރެޓިކް ޕާޓީގެ ނެންސީ ޕެލޯސީ އަތުޖެހޭތޯ ވެސް މަސައްކަތްކުރި އެވެ. އެ ދެ ބޭފުޅުން އަވަހާރަކޮށްލަން ރާވާފައި އޮތް ކަމަށް ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ބަޔާންތަކަށް ބިނާކޮށް، ޑިމޮކްރެޓިކް ޕާޓީގެ މެނޭޖަރުން ސެނެޓްގައި ވިދާޅުވި އެވެ.

ޓްރަމްޕްގެ ދިފާއީ ވަކީލުން ސީދާ ދައްކަވާނެ ވާހަކަތައް އަދި ނޭނގުނަސް ބޮޑަށް ބެލެވެނީ ދިފާއު ބިނާކުރައްވާނެ އެއް ކަމަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމެވެ. ޖެނުއަރީ 6 ގައި ޓްރަމްޕް ވާހަކަ ދެއްކެވީ ގާނޫނުއަސާސީގެ ފުރަތަމަ މާއްދާ ނުވަތަ ފަސްޓް އެމެންޑްމަންޓުން ކަށަވަރުކޮށްދީފައިވާ މިނިވަންކަމެއްގެ ބޭނުންކުރައްވައިގެންކަން، ދިފާއީ ވަކީލުން މިހާރު ވެސް ވިދާޅުވެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެނޭޖަރުން އިއްޔެ ވާހަކަތައް ނިންމާލެއްވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން، ޖެނުއަރީ 6 ގެ ހަމަނުޖެހުންތަކަށް ހިމާޔަތެއް ނުލިބޭނެ ކަމަށް ވިދާޅުވެ އެވެ. ކެޕިޓަލް އިމާރާތަށް ހަމަލާދިނީ، ޓްރަމްޕްގެ ވާހަކަތަކަށް ފަހު ކަމަށާއި އެއީ ހަމަނުޖެހުމަށް ހިތްވަރު ދެއްވައި، އަލިފާން ރޯކުރެއްވުން ކަމަށް ވެސް، އެ ބޭފުޅުން ވިދާޅުވެ އެވެ.

ދިފާއީ ވަކީލުން ދެން ނަންގަވާނެ ޕޮއިންޓެއް ކަމަށް ބެލެވެނީ، ހަމަނުޖެހުންތަކަށް ސީދާ ގޮވާލައްވާފައި ނުވާތީ، އެ ކަމެވެ. އަދި މި އިމްޕީޗްމެންޓަކީ ސިޔާސީ ހާސިލްކުރުމެއްގެ ނިޔަތުގައި ޑިމޮކްރެޓިކުން ކުރައްވާ ކަމެއް ކަމަށް ވެސް، ޓްރަމްޕްގެ ވަކީލުން ވިދާޅުވާނެ ކަމަށް، ބެލެވެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ހުށައެޅުއްވި ވީޑިއޯ ހެކިތަކަކީ، ޓްރަމްޕްގެ އިސް އެއް ވަކީލް ޑޭވިޑް ޝެއޮން ސިފަކުރެއްވި ގޮތުގައި، "ފިލްމެ"ކެވެ. އަދި "މުނިފޫހިފިލުވުމުގެ ޕެކޭޖެ"ކެވެ.

ޓްރަމްޕްގެ ވަކީލުންނަށް ކުރިމަތިކުރުވި ވަރުގަދަ ސުވާލުތަކެއް

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ޝަރީއަތަށް ކަނޑައެޅި އިސް މެނޭޖަރު ޖެމީ ރަސްކިން، އެ ބޭފުޅުންގެ ކޭސް ހުށައަޅުއްވާ ނިންމެވުމުގެ ގޮތުން ޓްރަމްޕްގެ ވަކީލުންނަށް އަމާޒުކުރެއްވި ސުވާލުތައް ތިރީގައި އެވަނީ އެވެ. - ކެޕިޓަލްގައި ހިންގި ހަމަނުޖެހުންތައް އެނގިވަޑައިގަތުމުން ވެސް އެކަން ހުއްޓާލަން ސަޕޯޓަރުންނަށް ޓްރަމްޕް ގޮވާނުލެއްވީ ކީއްވެގެންތޯ އެވެ؟ - ހަމަނެޖެހުންތައް ފެށުމާ އެކު އެކަން ހުއްޓުވަން މަދުވެގެން ދެ ގަޑިއެއްހާ އިރު ޓްރަމްޕް އެއްވެސް ކަމެއް ނުކުރެއްވީ ކީއްވެގެންތޯ އެވެ؟ - އަމާންކަން ގާއިމްކުރަން ތިބި އޮފިސަރުންނަށް އެހީވާން އެއްވެސް ކަމެއް ނުކުރެއްވީ ކީއްވެގެންތޯ އެވެ؟ - ޖުނުއަރީ 6 ގައި، އެ ހަމަނުޖެހުންތަކާއި ހަމަނުޖެހުން ހިންގި މީހުން ކުށްވެރިކުރައްވަން އެއްވެސް ކަމެއް ނުކުރެއްވީ ކީއްވެގެންތޯ އެވެ؟ - އަހަރެމެންގެ ސަރުކާރާ ދެކޮޅަށް އެފަދަ ހަމަނުޖެހުންތަކެއް ރައީސަކު ހިންގަވައިފި ނަމަ އެއީ އިމްޕީޗްމެންޓް ޝަރީއަތެއް ހިންގަން ޖެހޭ ވަރުގެ ކުށަކަށް ވާނެ ހެއްޔެވެ؟