Roadha Mihaaru
ކޮވިޑް ވެކްސިން ކާޑު އާންމު ނުކުރަން އެދެފި

އެމެރިކާގައި އެދެނީ ކޮވިޑް ވެކްސިން ކާޑު ސޯޝަލް މީޑިއާގައި އާންމު ނުކުރަން

08 ފެބުރުއަރީ 2021

ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށި ފަހުން ސޯޝަލް މީޑިއާގައި މިހާރު އެންމެ ގިނައިން ދައުރުވަނީ ވެކްސިން ޖަހާ އިރު މީހުން ނަގާފައި ހުންނަ ފޮޓޯތަކެވެ. އަދި މިފަދަ ފޮޓޯތަކާ އެކު ބައެއް މީހުން ވެކްސިން ކާޑުގެ ފޮޓޯ ވެސް ޕޯސްޓިކުރެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށި ފަހުން ސޯޝަލް މީޑިއާގައި މިހާރު އެންމެ ގިނައިން ދައުރުވަނީ ވެކްސިން ޖަހާ އިރު މީހުން ނަގާފައި ހުންނަ ފޮޓޯތަކެވެ. އަދި މިފަދަ ފޮޓޯތަކާ އެކު ބައެއް މީހުން ވެކްސިން ކާޑުގެ ފޮޓޯ ވެސް ޕޯސްޓިކުރެ އެވެ.

މީގެ ބޭނުމަކީ ވެކްސިން ޖެހިކަން ގިނަ ބަޔަކަށް އެންގުމެވެ. އެކަމަކު މިކަމުގައި ފަރުވާތެރިވާން އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެތަނުގެ ބްލޮގްގައި ވަނީ ވެކްސިން ކާޑު ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއްގައި އާންމުނުކުރަން އެދިފަ އެވެ. ސަބަބަކީ "ޑިޖިޓަލް ވަގުން" މި އެއްޗެހީގެ ބޭނުންކޮށް ވެކްސިން ކާޑްގެ ޓެމްޕްލޭޓް ހަދައިގެން ފޭކް ވެކްސިން ކާޑްތައް ހެދުމުގެ ފުރުސަތު ނުދިނުމެވެ. އިންޓަނެޓްގައި ތިބޭ ހެކަރުންނަކީ އަބަަދުވެސް މިކަހަލަ ކަންކަމަށް ބަލަބަލާ ތިބޭ ބައެކެވެ. ވެކްސިން ކާޑު ސޯޝަލް މީޑިއާގައި އާންމުކުރާއިރު އޭގައި ހުންނަ ޒާތީ މައުލޫމާތު އެހެން މީހަކު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮންނާނެތީ އެކަމަށް ސަމާލުވާން ވަނީ އެދިފަ އެވެ.

"އެހެންވީމާ ވެކްސިން ކާޑް ސޯޝަލް މީޑިއާގައި ޕޯސްޓްނުކުރޭ،" އެފްޓީސީ އިން ބުންޏެވެ. "އެކަން އެގޮތަށް ކުރާ ނަމަ އެ ދެވެނީ އައިޑެންޓިޓީ ވަގަށް ނެގުމުގެ ދައުވަތު."

ކޮވިޑް-19 ގެ ވެކްސިން ކާޑު އާންމުނުކުރަން އިލްތިމާސްކުރާ ދެ ވަނަ ސަބަބަކީ ގިނަ ވެކްސިންތަކަކީ ދެ ޑޯޒް ފުރިހަމަކުރަން ޖެހޭ ވެކްސިންތަކަށްވެފައި، ފުރަތަމަ ޑޯޒާ އެކު ކާޑު ހިއްސާކޮށްފި ނަމަ ދެވަނަ ޑޯޒް ޖަހަން ވެކްސިން ހޯދަން އެ ޑޯޒް ގަންނަން ޖެހިދާނެ ކަމަށް އަންގައި ކްރެޑިޓް ކާޑުގެ މައުލޫމާތު ވެސް ސްކޭމަރުން ހޯދައިފާނެތީ އެވެ.

މިފަދަ މައްސަލަތައް މިހާރު ވެސް އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފެންމަތިވަމުންދާތީ އެމެރިކާގެ ސެންޓަ ފޮ ޑިޑީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިހާރު ވަނީ ވެކްސިން ޖަހާ މީހުންނަށް ދޫކުރާ ކާޑުގެ ބަދަލުގައި ހާއްސަ ސްޓިކާއެއް ތައާރަފުކުރަން ވިސްނަމުންނެވެ. އެ ސްޓިކާ އަކީ ސޯޝަލް މީޑިއާގައި ހިއްސާކުރެވިދާނެ އެއްޗެކެވެ.