Roadha Mihaaru
ރަންގަލިން ކަނޑާލި މީހުންނަށް އިންސާފެއް ނުލިބޭ: ޓީމް

ރަންގަލިން ކަނޑާލި މުވައްޒަފުން ސުޕްރީމް ކޯޓު ހުކުމަށް ފާޑުކިޔައި ބަދަލު ހޯދަން ހުށަހަޅަނީ: ޓީމް

06 ފެބުރުއަރީ 2021

ކްރައުން ކޮމްޕެނީން ހިންގަމުން އަންނަ ކޮންރަޑް ރަންގަލި ރިސޯޓުން މީގެ ނުވަ އަހަރު ކުރިން ނޯޓިސް ނުދީ 22 މުވައްޒަފަކު ވަކިކުރީ ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާ އާއި އޭގެ އިތުރުން ވެސް ފައިސާ ދީފައި ކަމަށް ވާތީ އެއީ އަދުލުވެރި ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނުރުހުން ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކްރައުން ކޮމްޕެނީން ހިންގަމުން އަންނަ ކޮންރަޑް ރަންގަލި ރިސޯޓުން މީގެ ނުވަ އަހަރު ކުރިން ނޯޓިސް ނުދީ 22 މުވައްޒަފަކު ވަކިކުރީ ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާ އާއި އޭގެ އިތުރުން ވެސް ފައިސާ ދީފައި ކަމަށް ވާތީ އެއީ އަދުލުވެރި ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނުރުހުން ފާޅުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މުވައްޒަފުން ވަކިކުރީ ގާނޫނުގައި މުވައްޒަފުން ވަޒީފާގައި ހޭދަކުރި މުއްދަތަށް ބަލައި ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި ފައިސާ ދިނުމުގެ އިތުރުން ހަމަ އެ އަދަދަށް ރިޑަންޑަންސީ ޕޭމަންޓުގެ ނަމުގައި އިތުރަށް ވެސް ފައިސާ ދީފައި ކަމަށާއި އެހެންވެ އެއީ ވަޒީފާ އިން ވަކިކުރުމުގައި އިޖުރާއީ އަދި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތް ހާލަތުގައި ދެވިފައިވާ އަދުލުވެރި ބަދަލެއް ކަމަށެވެ. ވަޒީފާ އިން ވަކިކުރި އިރު މުވައްޒަފުންނަށް 17،000-68،000ރ. އާ ދެމެދުން މުވައްޒަފުންނަށް ލިބިފައިވެ އެވެ.

ވަޒީފާ އިން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައި ހައި ކޯޓުން ތާއީދުކުރި ބައި ވަނީ ބާތިލްކޮށްފަ އެވެ. ވަޒީފާއިން ވަކިކުރި މީހުންނާއި ވަޒީފާ ދިން ފަރާތާ ދެމެދު އިތުބާރު ގެއްލޭ އެތައް ކަމެއް، ވަޒީފާ އިން ވަކިކުރި ފަހުން ހިނގާފައި ވާތީ އާއި ޝަރުއީ މަރުހަލާގައި ނުވަ އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވުން ވެސް އެގޮތަށް ނިންމުމުގައި ކޯޓުން ރިއާޔަތްކޮށްފައިވެ އެވެ.

ގެއްލުމުގެ ބަދަލު ސުޕްރީމް ކޯޓުން ނަގައިދީފައި ނުވަނީ ވަޒީފާ އިން ވަކިކުރި މީހުން އިސްތިއުނާފު މަރުހަލާގައި އެދިފައިވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައިދޭން ކަމަށް ވާތީ އެވެ. އެއީ ގެއްލުމުގެ ބަދަލު ހޯދަން އެދިފައި އޮތް މައްސަލައެއް ނޫނެވެ. އެކަން ސުޕްރީމް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ސުޕްރީން ކޯޓުން ހުކުމް ކުރީ ވަޒީފާ އިން ވަކިކުރުމުން ގެއްލުމެއް ވެފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ އެ މައްސަލަ ވަކިން ހުށަހަޅައިގެން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމަށެވެ.

ޓީމްގެ ބަޔާނުގައި، ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާނެ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގެ ކަމާ ބެހޭ ޖަމިއްޔާތަކަށް އެ މައްސަލަ ހުށަހަޅާނެކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލައިދޭން ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

ގެއްލުމުގެ ބަދަލު ސުޕްރީމް ކޯޓުން ނަގައިދީފައި ނުވަނީ ވަޒީފާ އިން ވަކިކުރި މީހުން އިސްތިއުނާފު މަރުހަލާގައި އެދިފައިވަނީ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައިދޭން ކަމަށް ވާތީ. އެކަން ސުޕްރީމް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވޭ.

ކޯޓުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައި ނެރުނު ބަޔާނުގައި މިއީ އެއްވެސް މިންވަރަކަށް އިންސާފު ލިބުނު ހުކުމެއް ނޫން ކަމަށެވެ. މިއީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރިޔަސް އެކަމުގެ ޒިންމާ ވަޒީފާ ދޭ ފަރާތުން ނަގަން ނުޖެހުމާއި ވަޒީފާ އިޔާދަކުރުމާއި ބަދަލު ދޭން ވެސް ނުޖެހޭ ކަމަށް މާނަކުރެވޭ ހުކުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓީމުން ބުނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ޖަމިއްޔާ ޖަމާއަތްތައް ހެދުމާއި ހިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި ހަޅުތާލުކުރުން ފަދަ ހައްގުތައް، އަސާސީ ހައްގުތަކުގެ ގޮތުގައި ގާނޫނު އަސާސީގައި ލިޔެފައި އޮތް އޮތުމުގެ ބާރު ކަނޑުވައިލި ހުކުމެއް ކަމަށެވެ. އެހެން ބުނެފައިވަނީ އަލުން ވަޒީފާ ދެވެން ނެތް ސަބަބުތަކުގެ ގޮތުގައި، ވަޒީފާ އިން ވަކިކުރުމުން ރިސޯޓް ބޭރުގައި ބެނާތައް ހިފައިގެން ތިބެ، ޓޫރިސްޓުންނަށް އަޑު އިވޭނެހެން، ރިސޯޓަށް ޓޫރިސްޓުން ނައުމަށް ގޮވާލުން ފަދަ ކަންކަން ކޮށްފައި ވުމަކީ ވަޒީފާ ދިން ފަރާތުގެ އިތުބާރު ގެއްލިފައިވާ ސަބަބެއް ކަމަށް ބުނެފައިވާތީ އެވެ.

އަދުލު އިންސާފު ނަގާލަން ރިޝްވަތާއި ފައިސާގެ ނުފޫޒާއި އާރާއި ބާރުގެ ބޭނުން ހިފައި "ޓީމް" ގެ އަޑު ކަނޑުވާލަން އުޅޭ ކަމަށް ތުހުމަތުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޖަމިއްޔާ އަބަދުވެސް އޮންނާނީ އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުމުގައި ކަމަށެވެ.