Roadha Mihaaru
"އަނޫޕަމާ" އަކީ ލިބުނު ރަންގަނޑެއް: ސުދާންޝޫ

"އަނޫޕަމާ" އަކީ ލިބުނު ރަންގަނޑެއް: ސުދާންޝޫ

06 ފެބުރުއަރީ 2021

މިހާރު އިންޑިއާގެ އެއް ވަނަ ސިލްސިލާގެ ގޮތުގައި އޮތް ސްޓާ ޕްލަސްގެ "އަނޫޕަމާ" އަކީ އެކްޓަރެއްގެ ހައިސިއްޔަތުން ލިބުނު ރަންގަނޑެއް ކަހަލަ ފުރުސަތެއް ކަމަށާއި އެ ސިލްސިލާގައި ކުޅެން ލިބުނު ކެރެކްޓާގެ ސަބަބުން އެކްޓިން އަށް ކުރިއެރުންތަކެއް އައިސްފާއިވާ ކަމަށް ލީޑް އެކްޓަރު ސުދާންޝޫ ޕާންޑޭ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އިންޑިއާގެ އެއް ވަނަ ސިލްސިލާގެ ގޮތުގައި އޮތް ސްޓާ ޕްލަސްގެ "އަނޫޕަމާ" އަކީ އެކްޓަރެއްގެ ހައިސިއްޔަތުން ލިބުނު ރަންގަނޑެއް ކަހަލަ ފުރުސަތެއް ކަމަށާއި އެ ސިލްސިލާގައި ކުޅެން ލިބުނު ކެރެކްޓާގެ ސަބަބުން އެކްޓިން އަށް ކުރިއެރުންތަކެއް އައިސްފާއިވާ ކަމަށް ލީޑް އެކްޓަރު ސުދާންޝޫ ޕާންޑޭ ބުނެފި އެވެ.

އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި 46 އަހަރުގެ އެކްޓަރު ބުނީ "އަނޫޕަމާ" އަކީ ކެރިއަރުގައި ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު ކަމަށެވެ. އަދި އެ ސިލްސިލާ އިން ފުރުސަތުދިން ކަމަށްޓަކައި އޭނާ ވަނީ އޭގެ ޕްރޮޑިއުސަރު ރަޖަން ޝާހީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

"މިއީ ހަމަ ރަންގަނޑެއް ކަހަލަ މަސައްކަތެއް. ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނަ ސިލްސިލާއެއް އަނޫޕަމާ އަކީ. އަހަންނަކަށް ނޭނގޭ މީގައި އަހަރެން ކުޅޭ ކެރެކްޓާ އިން ފޭނުންދޭ ސަޕޯޓަށްޓަކައި ޝުކުރު އަދާކުރާނެ ގޮތެއް ވެސް،" ސުދާންޝޫ ބުންޏެވެ. "އެކަމަކު ޔަގީނުން ވެސް އެކްޓަރެއްގެ ހައިސިއްޔަތުން މެންޓަލީ އަހަރެން ވަރަށް ބޮޑަށް ތަރުބިއްޔަތުކޮށްދިން ސިލްސިލާއެއް މިއީ."

"އަނޫޕަމާ" ގައި ސުދާންޝޫ ކުޅެނީ ވަންރާޖް ރާޖް ޝާހް ކިޔާ ވަރަށް ގޮތުގައި ހުންނަ އެކަމަކު، ބޭވަފާތެރި ފިރިއެއްގެ ރޯލެވެ. އޭނާގެ ބޮޑެތި ތިން ދަރިން ތިބެ އެވެ. މި ސިލްސިލާގައި ކިޔައިދެނީ ކައިވެނީގެ ބޭރުން ވަންރާޖް އޮފީހުގެ މުވައްޒަފަކާ އެކު ހިންގާ ލޯބީގެ ގުޅުމެއްގެ ސަބަބުން މެދުފަންތީގެ އާއިލާއަކަށް ކުރިމަތިވާ ހިތްދަތި ހާދިސާތަކެވެ.

"އަނޫޕަމާ" މިހާރު ވަރަށް ޝައުގުވެރި ހިސާބަކަށް ގޮސްފައިވާ އިރު، މީގެ ޓައިޓްލް ރޯލު ކުޅެނީ ރޫޕާލީ ގަންގޫލީ އެވެ. އޭނާ އަކީ އާއިލާއަށްޓަކައި ގުރުބާންވާ އެކަމަކު ފިރިމީހާގެ ލޯބިން މަހުރޫމްވެފައިވާ ވަރަށް ކެތްތެރި ކިޔަމަންތެރި އަންބެކެވެ. މައެކެވެ.

މި ސިލްސިލާގެ ކާމިޔާބީއާ ބެހޭ ގޮތުން ސުދާންޝޫ ބުނީ އޭނާ ކުޅޭ ކެރެކްޓާ އަކީ ބައެއް މީހުން ރުޅި އަންނަ ޒާތުގެ ކެރެކްޓާއަކަށް ވިޔަސް އެކްޓަރެއްގެ ގޮތުގައި މިހާތަނަށް އޭނާ އެންމެ ހިތްހަމަޖެހުނު އެއް ރޯލަކީ ވަންރާޖްގެ ކެރެކްޓާ ކަމަށެވެ.

"ވަރަށް އުފާވޭ ފާޑުކިޔުންތަކާ އެކު ވެސް މީހުން އަހަރެންގެ މަސައްކަތަށް ބަލައިގަނެ ތައުރީފުކުރާތީ." އޭނާ ބުންޏެވެ.

ސުދާންޝޫ އަކީ މީގެ ކުރިން ވެސް ބައެއް ސިލްސިލާތަކާއި ފީޗާ ފިލްމުތަކުގައި ވެސް ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ އެކްޓަރެކެވެ. "ސިންގް އިޒް ކިންގް" އާއި "ސިމްގަމް" ފަދަ ފިލްމުތަކުގައި ރޯލުތަކެއް ކުޅެފައިވާ ސުދާންޝޫގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި ސިދާތު މަލްއުތުރާގެ "ޝޭރުޝާހް" އާއި ޝާހިދު ކަޕޫރްގެ "ޖާޒީ" ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދުތެރޭގައި ދައްކަން ފެށި "އަނޫޕަމާ" ގެ 170 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. މި ސިލްސިލާ އަކީ ކޮންމެ ހަފުތާއެއްގެ ހޯމައިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 9:30 ގައި ގެނެސްދޭ އެއްޗެކެވެ.