Roadha Mihaaru
"ޖުގް ޖުގް ޖިއޯ" އަކީ ކައިވެނީގެ މައްސަލަތަކެއް

"ޖުގް ޖުގް ޖިއޯ" އަކީ ކައިވެނީގެ މައްސަލަތަކެއް

06 ފެބުރުއަރީ 2021

މި އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ތެރޭގައި ހިމެނޭ ރޮމޭންޓިކް ޑްރާމާ "ޖުގް ޖުގް ޖިއޯ" އަކީ ކައިވެނީގައި ދިމާވާ މައްސަތަކެއް ދައްކާ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ތެރޭގައި ހިމެނޭ ރޮމޭންޓިކް ޑްރާމާ "ޖުގް ޖުގް ޖިއޯ" އަކީ ކައިވެނީގައި ދިމާވާ މައްސަތަކެއް ދައްކާ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމުގެ ޝޫޓިން ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. "ޖުގް ޖުގް ޖިއޯ" އަކީ 2019 އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގުޑް ނިއުސް" ގެނެސްދިން ރާޖް މެހެތާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާގެ ފުރަތަމަ ފިލްމުގައި ކިޔައިދިނީ ކައިވެންޏަށް ގިނަ ދުވަސްތަކެއްވީ އިރު ވެސް ދަރިއަކު ލިބުމުން މަހުރޫމުވެފައިވާ މެދުއުމުރުގެ ދެމަފިރިއަކު އައިވީއެފް ހަދައިގެން ދަރިއަކު ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދަރިފަނި އޮޅި ހިނގާ ހާދިސާތަކެކެވެ.

"ޖުގް ޖުގް ޖިއޯ" ގައި ކައިވެންޏަށް ފަހު ދެމަފިރިންގެ މެދުގައި ދިމާވާ މައްސަލަތަކާއި ވަރިފަށާ ހަމައަށް ނުގޮސް ކައިވެނި ސަލާމަތްކުރަން ދެ ޖީލެއްގެ ބަޔަކު ކުރާ މަސައްކަތް ދައްކާނެ އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ވަރުން ދަވަން އާއި ކިއާރާ އަދުވާނީ އެވެ. މި ފިލްމަކީ މިދިޔަ މަހުގެ 24 ގައި ކައިވެނިކުރުމުގެ ކުރިން ވަރުން ނިންމާލައި އަދި ކައިވެނީގެ ފަހުން އޭނާ ފެންނާނެ ފުރަތަމަ ފިލްމެވެ.

ވަރުން އާއި ކިއާރާގެ މި ޖޯޑަކީ ބެލުންތެރިންނަށް ދެ ތަރިންގެ ކެމިސްޓްރީ ސްކްރީނުން ބަލައިލަން ލިބޭނެ ފުރަތަމަ ފިލްމެވެ. އެކަމަކު ދެހާސް ނަވާރައިގައި ރިިލީޒްކުރި ފިލްމު "ކަލަންކް" އިން ލަވައަކުން ވަރުންއާ އެކު ކިއާރާ ފެނިފައިވެ އެވެ.

"ޖުގް ޖުގް ޖިއޯ" ގައި ވަރުންގެ މައިންބަފައިންގެ ރޯލުން ފެންނާނީ އަނިލް ކަޕޫރާއި ނީޓޫ ކަޕޫރެވެ. ނީޓޫ އަކީ މިދިޔަ އަހަރު މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުންނެވެ.

އަނިލް އާއި ނީޓޫ ވެސް "ޖުޖް ޖުގް ޖިއޯ" ގައި ފެންނާނީ ކައިވެނީގެ މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ދެމަފިރިންގެ ރޯލުންނެވެ.

މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.