Roadha Mihaaru
އެއް ބާވަތުގެ މައްސަލަތައް އެއް ބެންޗަކުން ބަލަނީ

އެއް ބާވަތުގެ މައްސަލަތައް އެއް ބެންޗަކުން ބަލާ ގޮތަށް ހަމަޖަައްސައިފި

04 ފެބުރުއަރީ 2021

ހައި ކޯޓަށް ހުށަހަޅާ އެއް ބާވަތުގެ މައްސަލަތައް އެއް ބެންޗަކުން ބަލަންޖެހޭ ގޮތަށް ހަމަަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓަށް ހުށަހަޅާ އެއް ބާވަތުގެ މައްސަލަތައް އެއް ބެންޗަކުން ބަލަންޖެހޭ ގޮތަށް ހަމަަޖައްސައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ މަހު ފާސްކޮށް، އިއްޔެ އާންމުކުރި "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާ ބެހޭ އުސޫލު" ބުނާ ގޮތުން އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެއް މައްސަލައެއް އިސްތިއުނާފްކުރާ ހާލަތްތަކާއި އެއް ވާގިއާތަކެއް އެކުލެވޭ ތަފާތު މައްސަލަތަކެއް ހުށަހެޅޭ ހާލަތްތަކުގައި އެ ހުރިހާ މައްސަލަތަކެއް ބަލަނީ ފަނޑިޔާރުންގެ އެއް ބެންޗަކުންނެވެ. އެ ނޫން ބައެއް ހާލަތްތަކުގައި ވެސް، އެއް ބެންޗަކުން އެކި މައްސަލަތައް ބަލާ ގޮތަށް ހަމަޖެއްސިދާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން އެއް ބެންޗަކުން ގިނަ މައްސަލަތަކެއް ބަލާއިރު، ބެންޗުގެ ރިޔާސަތު ބަލަހައްޓާނެ ފަނޑިޔާރުން ކަނޑައަޅާނީ އެ ބެންޗުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުންގެ މެދުގައި ދައުރުވާ ގޮތަށެވެ. އަދި އެއް ބެންޗަކުން ބަލަންޖެހޭ މައްސަލަތައް ދެނެގަތުމަކީ އެ ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަމަޖައްސައި، ހައި ކޯޓުގެ ގަވާއިދަށް ވެސް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ.

ހައި ކޯޓުން އެ ބަދަލު ގެނައީ ދާދިފަހުން އެ ކޯޓުގައި އެއް ބާވަތުގެ ދެ މައްސަލައެއް ދެ ބެންޗަކުން ބަލައި، ދެ ގޮތަކަށް މައްސަލަ ނިންމާފައި ވަނިކޮށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން ރިވިއު ކުރުމުގެ އެއް މައްސަލާގައި އެއް ބެންޗުން ނިންމީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. ދެވަނަ މައްސަލާގައި އަނެއް ބެންޗުން ނިންމީ 30 ދުވަހަކު ބަންދު ރިވިއު ނުކޮށްފި ނަމަ، ބަންދުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.

އެ ދެ ހުކުމް ވެސް އިއްވީ އެއް ދުވަހެއްގެ އަދި ގާތްގަނޑަކަށް އެއް ވަގުތެއްގަ އެވެ. އޭގެ ތެރެއިން ކުރިން ނިންމީ ނުވަތަ ފަހުން ނިންމީ ކޮން ނިންމުމެއް ކަން ނޭނގޭތީ އޭގެ ތެރެއިން ރަނގަޅު ނިންމުމަކީ ކޮބައިކަމާ މެދު ގާނޫނީ ބޭފުޅުން ގެންދެވީ ސުވާލު އުފައްދަމުންނެވެ. ދައުލަތާ ދެކޮޅަށް ނިމުނު މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ.