Roadha Mihaaru
ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ދޭން ފަށަނީ

ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ދޭން ފަށާނެ

02 ފެބުރުއަރީ 2021

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޒްލާ "މިހާރު"އަށް ވިދާޅުވީ ކޮވިޑުން ދިފާއުވާން އިއްޔެ ފެށި ވެކްސިން ޕްރޮގްރާމްގައި އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ހެލްތު އަދި އަދި ސޯޝަލް ވޯކަރުންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖެހުން ކަމަށެވެ. ވެކްސިން މިހާރު ޖަހަނީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ.

"ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ފަށާނެ، އަނެއް ދުވަހު ހުރިހާ ހެލްތު ސެންޓަރެއްގައި ކުރިއަށް ގެންދާނެ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާގެ ކަންބޮޑުވުމަކީ ކޮވިޑުގެ ކޭސްތައް ކޮންމެ ދުވަހަކު މައްޗަށްދާތީ، ވެކްސިނަށް ބުރޫއެރުމެވެ. މި އަދަދުތަކާ އެކު ހުޅުމާލެ ފެސިލިޓީ ފުރި، ކޮވިޑުގެ ފަރުވާގައި ސިއްހީ ޚިދުމަތްތެރިން ބުރަކޮށް އުޅެން ޖެހޭއިރު ވެކްސިން ދީ ނިންމަން ލަސްވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ޚިދުމަތްތެރިން ނިމުމުން ދެން އެންމެ އިސްކަންދޭން ޖެހޭ ގްރޫޕްތަކަށް މިހާރު ހުރި ވެކްސިން ޖަހާނެ އެވެ. މުޅި ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ދީ ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އޮކްސްފޯޑުގެ ވެކްސިން، ކޮވިޝީލްޑްގެ ފުޅިއަކުން 10 ޑޯޒް ދެވޭއިރު ރާއްޖޭގައި ވެސް ވެކްސިން ޖަހަނީ އެގޮތަށް ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައި މިހާރު ހުރި ވެކްސިން [ކަނޑައަޅާފައިވާ ތަރުތީބުން] ދީ ނިންމުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭނުންވާ ވެކްސިން ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިން ފެބުރުއަރީ މަހުގެ ތެރޭގައި ލިބޭއިރު، ރާއްޖެ އިން ގަންނަ 70،000 ޑޯޒު އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާ އިރު ސަރުކާރުގެ ވިސްނުމަކީ މި ގައުމުގައި ތިބި ބިދޭސީން ހިމެނޭ ގޮތުން އެންމެންނަށް ހިލޭ ވެކްސިން ދިނުމެވެ. މީގެތެރެއިން އަދި އިސްތިސްނާ ވަނީ މާބަނޑު މީހުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންނެވެ.