Roadha Mihaaru
އެއާޕޯޓް ރެޕުންނަށް ސާވިސް ޗާޖުގެ މައްސަލަ ދިމާވެއްޖެ

އެއާޕޯޓް ރެޕުންނަށް ސާވިސް ޗާޖުގެ މައްސަލަ ދިމާވެއްޖެ

01 ފެބުރުއަރީ 2021

ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖާ ބެހޭ ގޮތުން ގާނޫނަށް ގެނައި އިސްލާހަށް މިދިއަ މަހު އަމަލްކުރަން ފެށުމާ އެކު، އެއާޕޯޓް ރެޕުންނަށް ކުރިން ލިބުނު މިންވަރަށް ސާވިސް ޗާޖް ނުލިބިދާނެކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖާ ބެހޭ ގޮތުން ގާނޫނަށް ގެނައި އިސްލާހަށް މިދިއަ މަހު އަމަލްކުރަން ފެށުމާ އެކު، އެއާޕޯޓް ރެޕުންނަށް ކުރިން ލިބުނު މިންވަރަށް ސާވިސް ޗާޖް ނުލިބިދާނެކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދެއްކި ބައެއް ރެޕުން ބުނީ އެ ކަންބޮޑުވުން އުފެދެނީ ގާނޫނު މާނަކުރުމުގައި ބައެއް ރިސޯޓްތަކުން ގެންގުޅޭ ތަފާތު ގޮތްތަކުގެ ސަބަބުން ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ގެނައި އިސްލާހުގައި ސާވިސް ޗާޖާ ބެހޭ ހާއްސަ މާއްދާއެއް ހިމެނިޔަސް ޓޫރިޒަމް ދާއިރާގެ ބައެއް ވަޒީފާތައް އަދާކުރާ މީހުން އުފުލާ ޒިންމާތަކަށް އޭގައި ބަލާފައެއް ނުވެ އެވެ. އެހެންކަމުން ގިނަ ރިސޯޓްތައް ހިންގާ ކުންފުނިތަކުގެ އެއާޕޯޓް ރެޕުން، އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓްގެ މަސައްކަތްކުރިޔަސް، ސާވިސް ޗާޖު ލިބޭނީ އޭގެ ތެރެއިން އެއް ރިސޯޓުން ކަމަށް ހަމަޖައްސާތީ، އެއީ އިންސާފެއް ނޫން ކަމަށް، އެމީހުން ބުނެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ރެޕަކު ބުނީ ކުރިން ތިން ރިސޯޓުގެ ޓޫރިސްޓުންނަށް ހިދުމަތް ދޭން އެއާޕޯޓްގައި މަސައްކަތްކުރާތީ ތިން ރިސޯޓުން ވެސް ސާވިސް ޗާޖު ލިބެމުން އައި ކަމަށެވެ. ނަމަވެސް ގާނޫނު އޮތް ގޮތުން މާނަކުރުން ތަފާތުވެ، މިހާރު ސާވިސް ޗާޖު ލިބޭނެ ކަމަށް ބެލެވެނީ އޭގެ ތެރެއިން އެއް ރިސޯޓުން ކަމަށް، އޭނާ ބުންޏެވެ.

ގާނޫނު އޮތް ގޮތުން މި މައްސަލަ ދިމާވާނެ ކަމަށް ބައެއް ތަޖުރިބާކާރުން ކުރިން ވެސް ލަފާކުރި އެވެ. އެގޮތުން ގާނޫނީ ވަކީލެއް ކަމަށްވާ މަރްޔަމް ރަފާ ރަޝީދު، މިދިއަ މަހު "މިހާރު"ގައި ލިއުއްވި ކޮލަމެއްގައި ވެސް މިސާލެއްގެ ގޮތުން އޭގެ މައްސަލައެއް ނެންގެވި އެވެ.

އޭނާ ލިއުއްވި ގޮތުގައި ގިނަ ރިސޯޓްތަކެއް ހިންގާ އެއް ކުންފުންޏެއްގެ މުވައްޒަފުންނަށް ސާވިސް ޗާޖް ދޭއިރު، މިސާލަކަށް، އެ ކުންފުނީގެ މާލޭ އޮފީހުގެ މުވައްޒަފުންނާ މެދު ކަންތައް ކުރާނެ ގޮތް، ގާނޫނުން ސާފެއް ނޫނެވެ.

"މާލެ އޮފީހުގެ މުވައްޒަފުން ތިން ރިޒޯޓާ ގުޅޭ މަސައްކަތްތައް ވެސް ކުރާނެ އެވެ. މި ހާލަތުގައި ސާވިސް ޗާޖު ބެހުމުގައި އަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެ ރިޒޯޓަކުން ނަގާ ސާވިސް ޗާޖު ބަހާނީ އެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ހެއްޔެވެ؟ މި ފަދައިން އަމަލުކޮށްފި ނަމަ މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ލިބޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ރިޒޯޓަކުން ވެސް، ސާވިސް ޗާޖުގެ އަދަދުތައް ބެހުމުގައި މާލެ އޮފީހުގައި މަސައްކަތްކުރާ މީހުން ހިމަނާނީ ހެއްޔެވެ؟ ނުވަތަ ރިޒޯޓުން ސާވިސް ޗާޖު ބަހާނީ ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ހެއްޔެވެ؟ އެހެން ނޫން ނަމަ، ތިން ރިޒޯޓުން ނަގާ ސާވިސް ޗާޖުގެ އަދަދުތައް [ޕޫލް] ކުރުމަށް ފަހު، ހަމަހަމައަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހާނީ ހެއްޔެވެ؟ އަދި މި ގޮތަށް ތިން ރިޒޯޓަކީ ތިން ފެންވަރެއްގެ ރިޒޯޓު ކަމަށްވާ ނަމަ ސާވިސް ޗާޖުގެ ބެހުމުގައި އަމަލުކުރަން ޖެހޭ ގޮތް ތަފާތުވާނެ ހެއްޔެވެ؟" ރަފާގެ ކޮލަމްގައި ލިއުއްވި އެވެ.

އެއާޕޯޓްގައި މަސައްކަތްކުރާ ރެޕުންނަށް ދިމާވެގެން އުޅެނީ އެފަދަ މައްސަލައެކެވެ. ތިން ރިސޯޓް ހިންގާ ކުންފުންޏެއްގެ ރެޕުންނަށް ކުރިން ނަމަ ތިން ރިސޯޓުގެ ސާވިސް ޗާޖު ވެސް ލިބެ އެވެ. އަދި އެއީ މަސައްކަތްނުކޮށް ހޯދާ އެއްޗެއް ނޫން ކަމަށާއި ތިން ރިސޯޓަށް އަންނަ ގެސްޓުންގެ ހުރިހާ ކަމެއް އެއާޕޯޓްގައި އެމީހުން ކުރާ ކަމަށް، ބުންޏެވެ.

"ބިޒީ ދުވަހެއްގައި ނަމަ ބަނޑަށް އެއްޗެއް ލާނެ ވަގުތު ވެސް ނުލިބޭ އަސްލު،" މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި ރެޕަކު ބުންޏެވެ.

"އެކަމަކު މިހާރު ބައެއް ރިސޯޓްތަކުން ކަނޑައަޅައިފި ކުންފުނީގެ ކޮންމެވެސް އެއް ތަނަކުންނޭ ސާވިސް ޗާޖު ދޭނީ."

އެކަމަކު އެގޮތަށް ހެދިޔަސް ދެން ވެސް އަނެއް ދެ ރިސޯޓުގެ ޓޫރިސްޓުންގެ ކަންކަމުގައި އުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ، އޭނާ އާއި ވާހަކަ ދެއްކި އެހެން ރެޕުން ބުނި ގޮތުގައި، އިންސާފެއް ނޫނެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމަށް އެރި ލޮޅުމާ އެކު ރެޕުންގެ އަދަދު ވެސް ބައެއް ކުންފުނިތަކުން ވަނީ މަދުކޮށްފަ އެވެ. އެކަމަކު ޓޫރިޒަމް އަލުން ރަނގަޅުވެގެން އަންނަ އިރު އަދިވެސް އިތުރު މީހުން ނުނެރޭތީ ބައެއް ރިސޯޓްތަކުގެ ރެޕުންގެ މަސައްކަތް "ދެ ގުނަ، ތިން ގުނަ" ވެފައި އޮތް ކަމަށް ވެސް އެމީހުން ބުންޏެވެ.

ބައެއް ރެޕުން ލަފާކުރާ ގޮތުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ މަގުސަދުގައި ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެތައް ސަތޭކަ މުވައްޒަފަކަށް "ކުރިމަތި މިވީ ބޭއިންސާފެކެ"ވެ. ގިނަ ރިސޯޓްތައް ހިމެނޭ ކުންފުނިތަކުގެ ރެޕުންގެ އާމްދަނީން މަހަކު ގާތްގަނޑަކަށް ހާހެއްހާ ޑޮލަރު އުނިވެދާނެކަމުގެ ބިރު އޮތް ކަމަށް ވެސް އެމީހުން ބުނެ އެވެ.

"އަޅުގަނޑު ލަފާކުރާ ގޮތުން ޔަގީނުން ވެސް 100 އަށް ވުރެ ގިނަ ރެޕުންނަށް އެ މައްސަލަ ދިމާވާނެ،" އެކަކު ބުންޏެވެ.

އުސޫލު ރަނގަޅު ބައެއް ކުންފުނިތައް

އެއާޕޯޓްގެ ރެޕަކު ޓޫރިސްޓަކަށް މައުލޫމާތު ދެނީ: ގިނަ ރިސޯޓްތައް ހިންގާ ކުންފުނިތަކުގެ ރެޕުން ކުންފުނީގެ ހުރިހާ ރިސޯޓަކަށް އަންނަ ޓޫރިސްޓުންގެ ކަންކަމުގައި ވެސް އުޅޭ -.ފޮޓޯ:ނިޝާން އަލީ/މިހާރު

އެއާޕޯޓްގެ ރެޕަކު ޓޫރިސްޓަކަށް މައުލޫމާތު ދެނީ: ގިނަ ރިސޯޓްތައް ހިންގާ ކުންފުނިތަކުގެ ރެޕުން ކުންފުނީގެ ހުރިހާ ރިސޯޓަކަށް އަންނަ ޓޫރިސްޓުންގެ ކަންކަމުގައި ވެސް އުޅޭ -.ފޮޓޯ:ނިޝާން އަލީ/މިހާރު

ކުރިން ވެސް އަދި މިހާރު ވެސް ސާވިސް ޗާޖުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ ކުންފުނިތައް ހިމެނެ އެވެ. މިސާލަކަށް ތިން ރިސޯޓެއް ހިންގާ އެއް ކުންފުންޏަކުން އަބަދުވެސް ސާވިސް ޗާޖު ދެމުން އަންނަނީ ތިން ރިސޯޓުން ސާވިސް ޗާޖަށް ލިބޭ މިންވަރު، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ބަހާލައިގެންނެވެ.

"އެހެން ހެދީމާ އެއްވެސް މުވައްޒަފަކު އުންޏެއް ނުވޭ، ރެޕުން ވެސް، މާލޭ އޮފީހުގެ މުވައްޒަފުން ވެސް،" އެއާޕޯޓްގައި ރެޕެއްގެ ގޮތުގައި އުޅޭތާ ގިނަ ދުވަސް ވީ މުވައްޒަފަކު ބުންޏެވެ.

ގާނޫނަށް ގެނައި އާ އިސްލާހާ ގުޅިގެން ވެސް އެ ކުންފުނިން އަމަލްކުރަން ނިންމީ ހަމަ އެ އުސޫލުން ކަމަށްވެ އެވެ. ނަމަވެސް އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓް ހިންގާ ގިނަ ކުންފުނިތަކަކުން މިހާރު ރެޕުންނަށް އަންގަމުން ދަނީ، ސާވިސް ޗާޖު ލިބޭނީ އެންމެ ރިސޯޓަކުން ކަމަށް، "މިހާރު"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

އެ މީހުން ބުނާ ގޮތުގައި ކުންފުނީގެ ހުރިހާ ރިސޯޓެއްގެ މަސައްކަތް ކުރާ ބަޔަކާ މެދު އެގޮތަށް ކަންކަން ކުރެވިގެން ނުވާނެ އެވެ. އެއީ މަސައްކަތްކުރުވާފައި އުޖޫރަ ނުދިނުން ފަދަ ކަމެއްގެ ގޮތުގައި ވެސް އެމީހުން ސިފަކުރެ އެވެ.

ޓެކްސްގެ ކަންކަމުގައި ގާނޫނީ ލަފާާ ދޭ ސީޓީއެލް ސްޓްރެޓެޖީސްގެ ގާނޫނީ ވަކީލެއްގެ ޒިންމާ އުފުއްލަވަމުން ގެންދަވާ ރަފާ ލިއުއްވި ގޮތުގައި މި "މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ މިހާރަށް ވުރެ މި މާއްދާ ސާފުކޮށް ލިޔުމެވެ."

"އެހެން ނޫން ނަމަ، ސާވިސް ޗާޖު ބެހުމުގައި އެކި ފަރާތްތަކުން އެކި ގޮތަށް އަމަލުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މި ކަން މި ގޮތަށް ވެއްޖެ ނަމަ، މި ގެނައި އިސްލާހުގެ ދަށުން ހާސިލްކުރަން ބޭނުންވި ނަތީޖާ ހާސިލުނުވެ، މި ކަމާ ގުޅިގެން މުވައްޒަފުންގެ އިތުރު ކަންބޮޑުވުންތަކެއް ކުރިމަތިވެދާނެ އެވެ. އެކަމަކު އިތުރު މައްސަލަތަކެއް ނުނިކުންނާނެ ފަދަ ހައްލެއް ރައްޔިތުންގެ މަޖިލީހަށް ހޯދައިދެވެން އެބަ އޮތެވެ،" އޭނާ ލިއުއްވި އެވެ.

އާ އިސްލާހަށް އަމަލްކުރަން ފެށިތާ ފުރަތަމަ މަހު އެއާޕޯޓް ރެޕުން ކުރަން އެ ފެށީ އެ ޝަކުވާ އެވެ. ނަމަވެސް އެމީހުން ބުނާ ގޮތުގައި މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް އަދި ދިމަައެއްނުވެ އެވެ.