Roadha Mihaaru
ޑަޔާނާގެ ގޮތުގައި ކްރިސްޓިން ދައްކާލައިފި

ޑަޔާނާގެ ގޮތުގައި ކްރިސްޓިން ދައްކާލައިފި

29 ޖެނުއަރީ 2021

އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަޔާތުގެ ވާހަކަތަކެއް ކިޔައިދޭ ފިލްމު "ސްޕެންސާ" ގައި ބަތަލާ ކްރިސްޓިން ސްޓޫއަޓް، ޑަޔާނާގެ ގޮތުގައި ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ހަޔާތުގެ ވާހަކަތަކެއް ކިޔައިދޭ ފިލްމު "ސްޕެންސާ" ގައި ބަތަލާ ކްރިސްޓިން ސްޓޫއަޓް، ޑަޔާނާގެ ގޮތުގައި ދައްކާލައިފި އެވެ.

މި އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރު ހިސާބުގައި އިނގިރޭސިވިލާތާއި ޖަރުމަނުގައި ރަސްމީކޮށް މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ފިލްމުގައި ޑަޔާނާގެ ގޮތުގައި ކްރިސްޓިން ފެންނާނެ ގޮތް ދައްކަލި އިރު އޭނާ ހުރީ ރަތް ކުލަ އާއި ކަޅު ކުލައިގެ ކޮސްޓިއުމެއްގަ އެވެ. ބޮޮލުގައި ކަޅު ކުލައިގެ ތޮއްޕެއް ވެސް އަޅާފައިފަ އެވެ.

މި ފޮޓޯ އަށް ކޮމެންޓް ގިނަ ބަޔަކު ވަނީ ޑަޔާނާއާ ވަރަށް ވައްތަރު ގޮތެއް ކްރިސްޓިންގެ ކިބައިން ފެންނަ ކަމަށާއި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާކުރެވޭ ކަމަށް ބުނެފަ އެވެ. ކްރިސްޓިން އަކީ "ޓްވައިލައިޓް" ފިލްމުތަކުން މަޝްހޫރުކަން ހޯދި ބަތަލާ އެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި އިއުލާންކުރި "ސްޕެންސާ" އަކީ ކްރިސްމަސް ބަންދަކާ ދިމާކޮށް ޝާހީ އާއިލާއާ އެކު ޑަޔާނާ ނޯފޯކްގެ ސެންޑްރިގަމް އެސްޓޭޓްގައި ހޭދަކުރި ދުވަސްތަކާއި އޭގެ ފަހުން ފިރިކަލުން ޕްރިންސް ޗާލްސް ދޫކޮށްލެއްވުމަށް ނިންމެވި ހިސާބުގެ ވާހަކަތަކެއް ފެންނާނެ ފިލްމެކެވެ.

ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީގެ މަންމާފުޅު ޑަޔާނާ އެކަމަނާގެ މިސްރު ލޯބިވެރިޔާ ޑޯޑީ އަލް ފާއިދާ އެކު ޕްރާންސްގައި އުޅުއްވަނިކޮށް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަވަހާރަވީ އޮގަސްޓް 31، 1997 ގަ އެވެ.

ޑަޔާނާ އަކީ އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯއްދެވި އަދި އިންސާނިއްޔަތަށް ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މިހާރު ވެސް ގިނަ ބަޔަކު ހަނދާން އާކުރާ ވަރުގަދަ ޝަހުސިއްޔަތެކެވެ. އެކަމަކު އެ ކަމަނާގެ ޒާތީ ދިރިއުޅުއްވުން ވަރަށް ހިތްދައްޗެވެ.

ޑަޔާނާގެ ހަޔާތުން ސޮފުހާތަކެއް "ސްޕެންސާ" ގައި ކިޔައިދޭނީ ޑައިރެކްޓަރު ޕަބްލޯ ލެރައިން އެވެ. އޭނާ އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޭއެފް ކެނެޑީގެ އަނބިކަނބަލުން ޖެކީ ކެނެޑީގެ ބައޮގްރަފިކަލް ޑްރާމާ "ޖެކީ" 2016 ގައި ގެނެސްދިން ޑައިރެކްޓަރެވެ.

"ޕީކީ ބްލައިންޑާޒް" ގެ މޭސްތިރިޔާ ސްޓީވެން ނައިޓްގެ ސްކްރީންޕްލޭއަކަށް ހަދާ "ސްޕެންސާ" ގެ ކާސްޓްގައި ސެލީ ހޯކިންސް އާއި ޝޯން ހެރިސްގެ އިތުރުން ޓިމޮތޯ ސްޕޯލް ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ ޑަޔާނާ އަވަހާރިވިތާ 22 ވަނަ ވަނަ އަހަރާ ދިމާކޮށް އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.

"ސްޕެންސާ" ގެ ކުރިން ވެސް ޑަޔާނާގެ ކެރެކްޓާ ބައެއް އުފެއްދުންތަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ނެޓްފްލިކްސް އިން މިދިޔަ އަހަރު ނިންމައިލި "ދަ ކްރައުން" ގެ ހަތަރު ވަނަ ސީޒަންގެ އިތުރުން 2003 ގައި "ޑަޔާނާ" ގެ ނަމުގައި ގެނެސްދިން ފީޗާ ފިލްމު ހިމެނެ އެވެ.

"ދަ ކްރައުން" ގެ ފަހު ސީޒަނުގައި ޑަޔާނާގެ ރޯލު ކުޅުނީ އެމާ ކޮރިން އެވެ. ފިލްމު "ޑަޔާނާ" ގައި ޑަޔާނާގެ ރޯލު ކުޅުނީ ނިއޯމީ ވޮޓްސް އެވެ.