Roadha Mihaaru
ދެރައޭ ބުނެވޭނެ ޓީމެއް ލީގަކު ނެތް: ނިސްތާރު

ދެރައޭ ބުނެވޭނެ ޓީމެއް ލީގަކު ނެތް: ނިސްތާރު

27 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރާ ޓީމުތަކުގެ ތެރޭގައި ދެރަ ޓީމެއް ނެތް ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރާ ޓީމުތަކުގެ ތެރޭގައި ދެރަ ޓީމެއް ނެތް ކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ލީގުގައި ބަލިނުވެ ހަތަރު މެޗު ހަމަކުރި ނަމަވެސް ގްރީން ސްޓްރީޓްސް ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ގްރީން ސްޓްރީޓްސް އެ މެޗުން ބަލިވުމުން ހަ ވަނަ އަށް ވެއްޓިފައިވާއިރު، ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެއްވަރަށް ވަނީ ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އާއި ސަސް އަށް ހަތް މެޗުން އަށް ޕޮއިންޓް ވަނީ ލިބިފަ އެވެ.

ލީގުގައި މިރޭ ސަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިސްތާރު ބުނީ ފުރަތަމަ ބުރުގައި ސަސްއާ އެކު އެއްވަރުވެފައިވާއިރު، މި ވަގުތު ޕޮއިންޓް ތާވަލުގައި މަގާމުތައް ހުރި ގޮތުން ވެސް މިއީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

"ސްޓްރޯންގް [ވަރުގަދަ] ކޮށް ދެ ޓީމު ވެސް އައިސްފައި އަޅުގަނޑުމެން މި ތިބީ ކުޑަ ބަމްޕެއްގައި ޖެހިފައި. އެކަމަކު ފަސޭހައެކޭ ނުބުނެވޭނެ ދެ ކޮޅަށް ވެސް ހާޑް [އުނދަގޫ] މެޗަކަށްވާނެ ހެން ހީވަނީ،" ނިސްތާރު ބުންޏެވެ.

"މި އަހަރު ޓީމުތައް މީނީ ވަރަށް ކްލޯޒްކޮށް. މިސާލަކަށް، މިދިޔަ މެޗުގައި އަޅުގަނޑުމެން މި ގެއްލުވާލީ ތިން ވަނަ އަށް ދާން އިން ފުރުސަތެއް. މިހާރު މީނދީ ހައެއްގައި. އެހާ ބޮޑު ޖަމްޕެއް މިއައީ އެންމެ ގޯލަކުން. އެހެންވީމަ ކީކޭ ބުނާނީ. ވަރަށް އުނދަގޫ ގޮތަކަށް މީނދީ ހުރިހާ ޓީމުތައް ވެސް ވަރަށް ރަނގަޅަށް ކުޅެމުން އަންނަ އަހަރެއް. ވަކި ދެރައެކޭ ނުބުނެވޭނެ އެއްވެސް ޓީމެއް. އެކަން ވެސް ވިސްނުމުގައި ބަހައްޓައިގެން މި މެޗަށް ކުރިމަތިމިލަނީ،"

ނިސްތާރު ބުނީ ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަކީ އޭނާގެ އިންސްޓްރަކްޓަރު ކަމަށާއި އޭނާ ކޮންމެ ސްޓައިލަކަށް މެޗުގައި ކުޅުވި ނަމަވެސް އޭގެ އެޑްވާންޓޭޖާއި ޑިސެޑްވާންޓޭޖް ހުންނާނެ ކަމަށެވެ.

"އެކަމަކު އޭތި މެޗު ފަށައިގެން ދިހަ ވަރަކަށް ނޫނީ ފަނަރަ ވަރަކަށް މިނިޓް ވީމަ ރީޑްކުރަން އެނގޭނީ. ކޮންމެ ކޯޗެއްގެ ވެސް ސިސްޓަމެއްގައި ވެސް އިންނާނެ ދެ ކޮޅު،" ނިސްތާރު ބުންޏެވެ.

ސަސްއާ ދެކޮޅަށް ނަތީޖާ ނެރެން މަސައްކަތްކުރާއިރު ގްރީން ސްޓްރީޓްސްގެ ހިތްވަރަކީ މި ސީޒަނުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހޯދާފައިވާ ރަނގަޅު ނަތީޖާތައް ކަމަށް ނިސްތާރު ބުންޏެވެ.

މޯހަންގެ ކޯޗުކަމުގައި ސަސް ކުޅުނު ފުރަތަމަ މެޗުން ވަނީ ލަނޑެއް ނުޖެހި ވެލެންސިއާއާ އެއްވަރުކޮށްފަ އެވެ. މިދިޔަ ދުވަސްތަކުގައި އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރަން ބެލިއިރު، މުޅި ދަނޑު ލިބުމުގައި ދަތިތަކެއް ހުރުމުން ބޭނުންވާ ގޮތަށް ޓެކްޓިކްސް އަށް މަސައްކަތްނުކުރެވޭ ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ މި ވަގުތަށް ބަލާއިރު ސަސް އަށް އެންމެ މުހިއްމީ ނަތީޖާ ނެރުން ނޫން ކަމަށެވެ.

"އެންމެ މުހިއްމު ކަމަަކަށް ފޯކަސް މި ކުރަނީ ބޭނުންވާ ފުޓްބޯޅަ ކުޅެވޭތޯ. އެއާ އެކީގައި ރިޒަލްޓެއް ނެރެވޭތޯ އެކަމަށް ފޯކަސް މި ކުރަނީ. މި ވަގުތު ރިޒަލްޓެއް ނުނުކުމެގެން ހަގީގަތުގައި އަޅުގަނޑަށް މާ ބޮޑު މައްސަލައެއް ނެތް. އެއީ ތަންކޮޅެއް ދުރު ޕްލޭނަކަށްވާތީ،" މޯހަން ބުންޏެވެ.

"މި ދަންނަވަނީ ރިޒަލްޓް މުހިއްމު ނޫން ވާހަކައެއް ނޫން. ރިޒަލްޓް ލިބެންޏާ އެއީ ކުޅުންތެރިންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް،"

މި ސީޒަން ފެށިއިރު އީގަލްސްގައި ހުރި މޯހަން ބުނީ ސަސްއާ އެކު ޕްރީ ސީޒަން ފުރިހަމަނުކުރެވި މެޗުތަކަށް ނުކުންނަން ޖެހުމުން އެ ގޮތަށް ބަލާއިރު އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން މިދިޔަ ދުވަސްތަކުގައި މަސައްކަތްކުރި އެއް ކަމަކީ ފިޓްނަސް އަށް ކަމަށާއި ފުރަތަމަ މެޗުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅުކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މޯހަން ބުންޏެވެ.

"އެބަފެނޭ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް. އަޅުގަނޑަށް ހީވަނީ ފުރަތަމަ މެޗުގައި ވެސް ފެނުނުހެން ޕާސްކޮށްގެން ކުޅެން މަސައްކަތްކުރިތަން. މި ކަހަލަ ކަމަކީ ވަރަށް ދުވަސްނަގާނެ ކަމެއް. ޕާސިން ގޭމެއް ފެންނައިރު ޑިފެންސަށް ވެސް މަސައްކަތްކުރަން ޖެހޭ،"

ސަސް އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.