Roadha Mihaaru
ވެލެންސިއާ މޮޅުވިއިރު ގްރީންގެ ހިތްހަމަނުޖެހުންތަކެއް

ވެލެންސިއާ މޮޅުވިއިރު ގްރީން ސްޓްރީޓްސްގެ ހިތްހަމަނުޖެހުންތަކެއް

30 މާޗް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 3-0 އިން މޮޅުވެ ކްލަބް ވެލެންސިއާ އަލުން ދެ ވަނަ އަށް ޖެހިލިއިރު، މެޗު އޮފިޝަލުންގެ ގިނަ ނިންމުންތަކާ މެދު ގްރީން ސްޓްރީޓްސް އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 3-0 އިން މޮޅުވެ ކްލަބް ވެލެންސިއާ އަލުން ދެ ވަނަ އަށް ޖެހިލިއިރު، މެޗު އޮފިޝަލުންގެ ގިނަ ނިންމުންތަކާ މެދު ގްރީން ސްޓްރީޓްސް އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިރޭގެ މެޗުގައި ވެލެންސިއާ އިން ޖެހި ފުރަތަމަ ދެ ގޯލު އޮފްސައިޑް ކަމަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އަދި ގްރީން ސްޓްރީޓްސް އިން މެޗުގައި ޕެނަލްޓީ ހޯދަން ކުރި އެޕީލްތައް ވެސް ކާމިޔާބެއްނުވިއިރު، ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ހުރިހާ އެންމެން ކައިރިން އޭނާ އެދޭ އެދުމަކީ ވެލެންސިއާ އިން ފުރަތަމަ ޖެހި ގޯލު އޮފްސައިޑްވެފައި އޮތީ ކިތައް މީޓަރު ތޯ ބަލައިލަން ރިޕްލޭ ބެލުމަށެވެ.

"މިސާލަކަށް އެހާ ބޮޑުތަނެއް އޮފްސައިޑްވެފައި އިން އެއްޗެއް ދެން އަޅުގަނޑަކަށް ނޭނގެ މިއީ ކިހިނެއްވާ ކަމެއް ކަމެއް. ވެލެންސިއާއާ ކުޅެންޏާ މި ކަހަލަ ކަމެއް އެބަދިމާވޭ. އެބަޖެހޭ ކަންނޭނގެ މި އަށް ވާގޮތެއް ބަލަން. ގްރީން ސްޓްރީޓްސް އަކީ މަޖަލަށް ކުޅެން ނުކުންނަ ބައެއް ނޫން. އެއީ އަޅުގަނޑަށް އެނގޭ އެއްޗަކީ،" ހިތްހަމަނުޖެހިފައި ހުރެ ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އަށް މި މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުން ގޯލެއް ޖެހުނުނަމަ މެޗުގެ ނަތީޖާ އެހެން ގޮތަކަށް ނުކުތުމުގެ ފުރުސަތު އޮންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނިސްތާރު ބުނީ "ނަމަނަމަ ކިޔާފައި ބައިވަރެއް ވާހަކަތަކެއް ދެއްކިދާނެ" ކަމަށާއި ބައިވަރެއް ޕެނަލްޓީ އެޕީލްތައް ވެސް ދިޔަ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް ބެހެއްޓުމަށް ފަހު ނިސްތާރު ތަކުރާރުކޮށް އެދުނީ ފުރަތަމަ ގޯލު ހުރިހާ އެންމެ ބަލައިލުމަށެވެ.

ހުކުރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ގްރީން ސްޓްރީޓްސް މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހި ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ބަދަލުގައި މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނީ އަބްދުﷲ ޔާމީން (ޔާން) އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާނެ ހުސް ފުރުސަތު ލިބުނީ ވެސް ޔާން އަށެވެ. އޭރިއާތެެރެއިން މުޅި ހުސްކޮށް ހުރެފައި ޔާން ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހުށިޔާރު ކަމާ އެކު މަތަކޮށްފަ އެވެ.

ވެލެންސިއާގެ ބޯހަސް ބޯޅަ ފޮނުވާލާއިރު ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން އޮފްސައިޑަށް އަތްނަގައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވެލެންސިއާގެ ބޯހަސް ބޯޅަ ފޮނުވާލާއިރު ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން އޮފްސައިޑަށް އަތްނަގައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ހާފުގައި ލީޑުނަގަން ގިނަ ފުރުސަތުކެއް ލިބިގެންދިޔައިރު، އެ ޓީމަށް އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ. ޔާން އާއި އަންސަރު އިބްރާހިމް (އަންކޮ) އަށް ހުސްކޮށް ލިބުނު ބޯޅަތައް ފޮނުވާލުން ލަސްކޮށްލުމުން އެ ފުރުސަތުތައް ގެއްލުނީ އެވެ.

ޓްރާންސްފާގައި ވެލެންސިއާއާ ގުޅުނު އީރާން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މެހެރްދާދް ޕޫލާދީ ކުޅުނީ ވެލެންސިއާގެ މެދުތެރެއަށެވެ. ވެލެންސިއާ އަށް މެޗުގައި ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ.

މެޗުގެ 42 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އޮފްސައިޑް މަޅިން ސަލާމަތްވެ ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ސްޕެއިނުގެ ކްލަބްތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ބޯހަސް އަކީ ވެސް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެލެންސިއާއާ ގުޅުނު ކުޅުންތެރިއެކެވެ. އެ ގޯލު ޖެހިއިރު ބޯހަސް އޮފްސައިޑް ކަމަށް ބުނެ ގްރީން ސްޓްރީޓްސް އިން ވަރަށް ގިނަ ވަގުތު ރެފްރީއާ ވާހަކަ ދެއްކި އެވެ.

ދެ ވަަނަ ހާފް ފަށައިގެން މެޗުގެ 60 ވަނަ މިނިޓް ކުޅެވުނު ފަހުން ދަގަނޑޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ގްރީން ސްޓްރީޓްސްގެ ޔާން މެޗުގެ 65 ވަނަ މިނިޓްގައި ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ހުރަސް ނެގި ފަހުން އޭނާ އަށް ވެލެންސިއާ ކުޅުންތެރިއަކު ފައުލުކުރި ކަމަށް ބުނެ ގްރީން ސްޓްރީޓްސް ކުޅުންތެރިން ވަނީ ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު ރެފްރީ ހުސެއިން ސިނާން ނިންމީ ފައުލެއް ނޫން ކަމަށެވެ.

ވެލެންސިއާގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގައި ބޯހަސް އެވެ. އަރިމަތިން ސްޕެއިނުގެ މިޑްފީލްޑަރު އެންޓޯނިއޯ ސޯލާ ހުރަސްކޮށްލި ބޯޅަ ބޯހަސް ވަނީ އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ގްރީން ސްޓްރީޓްސްގެ ޕާކިސްތާން ގޯލުކީޕަރު ހަނީފް ސާގިބް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ގޯލު ޖެހިއިރު ބޯހަސް ހުރީ އޮފްސައިޑްގައި ކަމަށް ބުނެ ގްރީން ސްޓްރީޓްސް ޑިފެންޑަރުން ވަނީ މި ފަހަރު ވެސް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އަދި ފަހުން ސެންޓޭ ހުސްކޮށްލާފައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ދިން ބޯޅަ އޭނާ ކޮންޓްރޯލްކޮށްލުމަށް ފަހު ފޮނުވާލިއިރު ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލަނޑު ޖެހުމަށް ފަހު ސެންޓޭ (ވ) އުފާފާޅުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ލަނޑު ޖެހުމަށް ފަހު ސެންޓޭ (ވ) އުފާފާޅުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ގްރީން ސްޓްރީޓްސް އަށް ގޯލެއް ޖަހައިދޭން މެޗުގެ 88 ވަނަ މިނިޓްގައި އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލަށް އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅައިގައި ބާރެއް ނެތްއިރު ދިޔައީ އަރިމަތިން ބޭރުންނެވެ. ހަލީލް އެ ފުރުސަތު ނަގާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކައުންޓަ އެޓޭކުގައި ސެންޓޭ ވަނީ ވެލެންސިއާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ މި ގޯލު ޖެހީ ބިޗަޑް ދިން ޕާހަކުންނެވެ. ފަހުން އިތުރު ގޯލެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ވެލެންސިއާ އަށް އެކަން ކާމިޔާބެއްނުވި އެވެ.

މިއަދު ހަވީރު ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުކޮށް ދަ ގްރާންޑޭ ހޯދި ޕޮއިންޓާ އެކު އެ ޓީމު ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެކަަމަކު ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ މެޗުން މޮޅުވާ ޓީމަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ އަށް އެރެން އޮތް ވެލެންސިއާ މޮޅުވުމުން ވަނީ ދެ ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އަދި އެއް ވަނައިގައި މާޒިޔާގެ ލީޑު ތިން ޕޮއިންޓަށް ކުޑަވެފަ އެވެ.

ވެލެންސިއާ ދެ ވަނައިގައި އޮތީ 10 މެޗުން 18 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް 10 މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 10 މެޗުން 14 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް ނުވަ މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މާދަމާ ހަވީރު ކުޅޭނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.

ގްރީން ސްޓްރީޓްސް މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ އެހާ ގިނަ ދުވަހު މެޗެއް ނުކުޅެ ހުރެފައި އައިސް މި މެޗު ކުޅުނީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި އެކަމަކު ދެ ވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކައި މި ހޯދި މޮޅާ އެކު ވަރަށް ބޮޑު ހިތްހަަމަ ޖެހުމެއް ލިބިއްޖެ ކަމަށެވެ.

"ލީގު ހުއްޓާލާފައި އޮތްއިރު ގޯލުގެ ގޮތުން ނަމަވެސް ދެ ވަނައިގައި ޓީމު (ވެލެންސިއާ) އޮތީ. އޮވެފައި އަނެއްކާ މި މެޗު ނިމޭއިރު ދެ ވަނައިގައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް. އެއީ ފައްޓާލާއިރު އެ އޮންނަ މެޗު ގެއްލިއްޖިއްޔާ ފްރަސްޓްރޭޝަނަކާއި ވަރަށް ބޮޑު ޑިމޮޓިވޭޝަނަކާ އަންނާނެ. އެހެން އޮއްވައި ތަންކޮޅެއް ދަށްކޮށް ކުޅުނު ނަމަވެސް މި ތިން ޕޮއިންޓް ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް. އެއީ ލީގުގެ ކުރިއަށްދިއުމަށްޓަކައި މި މުހިއްމު،" އާތީ ބުންޏެވެ.

އާތީ ވަނީ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބޯހަސްގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ. އަދި މި މެޗުގައި ދަގަނޑޭ އަށް އަނިޔާވިއިރު، އުއްމީދަކީ ކުރިއަށް އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މެޗަށް އޭނާ ފިޓްވުން ކަމަށެވެ.