31 ޖެނުއަރީ 2021
ރިސޯޓްތަކުން މޫދަށް ކުނިއަޅާކަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ( އީޕީއޭ) އަށް ވެސް އެނގެ އެވެ. އެގޮތުން އަޅަނީ ހަލާކުވާ ބާވަތްތައް އެކަނި ނޫންކަން ވެސް އެނގެ އެވެ. އެކަމަކު އެކަން ހުއްޓުވުމުގެ ބާރެއް ނެތެވެ.
ރިސޯޓްތަކުން މޫދަށް ކުނިއަޅާކަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ( އީޕީއޭ) އަށް ވެސް އެނގެ އެވެ. އެގޮތުން އަޅަނީ ހަލާކުވާ ބާވަތްތައް އެކަނި ނޫންކަން ވެސް އެނގެ އެވެ. އެކަމަކު އެކަން ހުއްޓުވުމުގެ ބާރެއް ނެތެވެ.
ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލައަށް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މި ފަހުން ބޭއްވި ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ރިސޯޓްތަކުން މޫދަށް ކުނި އަޅާކަމުގެ ޝަކުވާ އީޕީއޭއަށް ކޮންމެ ދުވަހަކު ވެސްް ލިބޭ ކަމަށެވެ.
"ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީގެ ޝަކުވާ އެބަ އާދޭ. ޝަކުވާތައް މި އަންނަނީ ނެތިފަނާވެދާ އެއްޗިހި އެކަންޏެއް ނޫން އަޅާކަމަށް މިވަނީ ވެސް. ކޮތަޅުތަކާ ހަމަ އެހެނިގެން ތަފާތު ބާވަތްތައް އެބަހުރި. ފޮޓޯތައް ވެސް އެބަހުރި. ކައިރީގައި ހުރި ރަށްރަށަށް ލައްގާފައި ވެސް އެބަހުރި،" ނައީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވެސް ވިދާޅުވީ އެކަން އެގޮތަށް ހިނގަނީ މިނިސްޓްރީއަށް ނޭނގި ނޫން ކަމަށެވެ. ނަމަވެސް އެއީ ހުއްޓުވަން ޖެހޭ ކަމެއް ކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ.
ރިސޯޓްތަކުގެ ރެސްޓޯރެންޓްތަކާއި ބަދިގެތަކުން ދުވަހުން ދުވަހަށް އުފެދޭ ކާބޯތަކެތީގެ ،ކުނި މޫދަށް އެޅުމަކީ ޓޫރިޒަމް މިނިސްޓްރީން 2006 ގައި ހެދި ގަވައިދަކުން ބާރު ލިބިގެން ކުރާ ކަމެކެވެ. އެކަން ހުއްދަ ކޮށްފައި އޮތީ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގަވައިދު"ގެ ނަމުގައި އޮންނަ ގަވައިދަކުންނެވެ.
ޑރ. ނަސީރު ވިދާޅުވީ އެކަން ހުއްޓުވަން އެންވަޔަރްމެންޓް މިނިސްޓްރީން އެތައް މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުން އަންނަ ކުނި މެނޭޖްކުރުމުގެ ގަވައިދުން ޓޫރިޒަމް މިނިސްޓްރީއަށް އެ ބާރު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެގަވައިދު [ކުނި މެނޭޖްކުރުމުގެ ގަވައިދު]ގެ މާއްދާއެއްގައި އެބަ އޮވޭ ރިސޯޓްތަކުގައި އުފެދޭ ކުންޏާ މެދު އަމަލުކުރަން ޖެހޭ ގޮތް. ސަރުކާރުގެ އިދާރާތަކުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ ރިސޯޓްތަކުގައި އުފެދޭ ކުންޏާ މެދު އަމަލުކުރަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހަމަ އެގަވައިދުގައި ބުނެފައި އޮތީ ކުނި އަޅަން ޖެހޭނީ އީޕީއޭއިން ދައްކާ ތަނަކަށް ކަމަށެވެ. އެހެންވީމާ ކުނި މެނޭޖްކުރުމުގެ ގަވައިދުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ވެސް އެބަ ހުއްޓެވެ.
އީޕީއޭއިން ބުނީ ރިސޯޓްތަކުން މޫދަށް ކުނިއަޅާ މައްސަލައަށް ހައްލެއް ލިބެން އޮތީ އެ ފުށުއެރުންތައްް ފިލުވައި، ގަވައިދު ތަންފީޒުކުރެވޭނެ ގޮތެއް ހެދިގެން ކަމަށެވެ.
"ހަމައެކަނި ގަވައިދު ހެދިޔަސް ކަމެއް ނުވޭ. ތަންފީޒުކުރެވޭނެ ގޮތްތަކެއް ވެސް އެބަ ޖެހޭ ވާން. އަދި މިކަމަށް ބޭނުންވާ ބަޖެޓާއި މީހުން ވެސް އެބަ ޖެހޭ ލިބެން،" ނައީމް ވިދާޅުވި އެވެ.
ނަމަވެސް ގަވައިދުތަކުގައި ހުރި ފުށުއެރުންތައް ފިލުވައި، ގަވައިދު އެއްގޮތް ކުރުމުގައި އެންވަޔަރްމެންޓް މިނިސްޓްރީން ވަރަށް ބޮޑަށް ފަސްޖެހުމުން އަންނަކަން ބައްދަލުވުމުގައި ދެއްކި ވާހަކަތަކުން އެނގުނެވެ. ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް 2019 އިން ފެށިގެން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނުމުން، އެކަން އެހާ ލަސްވާ ސަބަބާ މެދު މެމްބަރުން ވެސް ސުވާލު އުފެއްދެވި އެވެ.
ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ގަވައިދެއް ހަދަން ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް އެ މަސައްކަތުގެ ޓައިމްލައިނުން އެނގޭ ކަމަށެވެ.
"މިއީ ހަމަ ކުޑަކުޑަ ގަވާއިދެއްގެ ކަންތަކަށް އަހަރުތަކެއް މިދަނީ. އަދިވެސް ޓޫ ޓު ތުރީ މަންތުސް ވީމަ އަދި އަޅުގަނޑަށް މާ ލަސް. އެހެންވީމާ މިއަށް ތަންކޮޅެއް ސީރިއަސްކޮށް ވިސްނައިގެން މިކަހަކަ ކަންތައް ކުރަންޏާ އަޅުގަނޑަށް ހީވަނީ ދުވަސްތަކެއް ނޫނީ ހަފްތާތަކެއްގެ ތެރޭގައި މިކަން ނިންމައިލެވިދާނެހެން،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން ބައްދަލުވުމަށް ވަޑައިގެންނެވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަލީ ނަޒީރު ވިދާޅުވީ "ރިސޯޓްތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅައޭ" ބުނާ ކަމަށް ވަންޏާ އެއީ ޚިޔާލު ތަފާތުވެދާނެ ވާހަކައެއް ކަމަށެވެ. ގިނަ ރިސޯޓްތަކުން މޫދަށް އަޅަނީ ހަމައެކަނި ބަޔޯޑީގްރޭޑަބުލް ކުނި ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރަށް ކުނި އަޅާ ކަމަށް ވަންޏާ އެއީ މައްސަލައެކޭ އަޅުގަނޑު ދަންނަވާނީ،" ނަޒީރު ވިދާޅުވި އެވެ.
މޫދަށް އުކާލަން ގަވާއިދުން ހުއްދަ ލިބެނީ ކާބޯތަކެތިން ބާކީވާ އޭގެ ޒާތުގައި އަވަހަށް ހަލާކުވެދާނެ ފަދަ އެއްޗިއްސެވެ.
އެކަމަކު ބައްދަލުވުމުގައި ނަޒީރު ފުރަތަމަ ވިދާޅުވީ އެ ވައްތަރުގެ ކުނި ނޫން އެހެން ކުންޏެއް އެގޮތަށް އުކާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމަކު ބައެއް ރިސޯޓްތަކުން ކުނި އުކަނީ އައުޓްސޯސްކޮށްގެން ކަމަށް ވާތީ، އޮގޮތަށް ކުނި ގެންދާ މީހުން މޫދަށް ކުނި އަޅާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ އުފައްދަވާ ސުވާލަކީ އެގޮތަށް ގެންދާ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުމުގައި ޒިންމާ ވާން ޖެހޭނީ ރިސޯޓުންތޯ ނުވަތަ ކުނިގެންދާ މީހުންތޯ އެވެ. ކަނޑަަށް އަޅާ ކުނީގެ ބޮޑު ބަޔަކީ ރިސޯޓްތަކުން އަޅާ ކުނިތޯ ނުވަތަ ޓޫރިޒަމް ދާއިރާގެ އެހެން ސެކްޓާތަކުން އަޅާ ކުނިތޯއާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"ދެން އަނެއް ކަމަކީ 160 އެތައް ރިސޯޓެއް މިހާރު އެބަ އޮތް ރާއްޖޭގަައި، 100 އެތައް ސަފާރީ ދޯންޏެއް އެބަ އޮތް. ]ގާތްގަނޑަކަށް] 800 ގެސްޓްހައުސް އެބަހުރި. މިހުރިހާ ތަންތަނަކުން ވެސް ހަމަ ފުދޭވަރަކަށް ކުނި ޖަނަރޭޓްވާނެ،" ނަޒީރު ވިދާޅުވި އެވެ.
ކަނޑަށް ކުނި އަޅާ މައްސަލައިގެ އަސްލަކީ ޓޫރިޒަމް މިނިސްޓްރީގެ ގަވައިދު ކަމަށް ވާތީ އެގަވައިދު ބަދަލުކޮށް، އެކަމަށް ހައްލެއް ނުހޯދެނީ ކީއްވެތޯ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު ކުރެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ތިލަފުށްޓާ ވަރަށް ދުރުގައި އޮންނަ ރިސޯޓްތަކުން ތިލަފުށްޓަށް ކުނި ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ.
ނަޒީރު ވިދާޅުވި ގޮތުގައި މޫދަށް ކުނި އެޅުމަކީ އެ ޖަމިއްޔާއިން ވެސް ބޭނުންވާ ކަމެއް ނޫނެވެ. އެކަން ހުއްޓުވަން ޖެހޭ ކަމަށާއި ނަމަވެސް އެކަމުގައި އެންވަޔަރްމެންޓް މިނިސްޓްރީ އާއި މަޓީ އަދި ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ޖަމާއަތްތަކުން ވެސް މަޝްވަރާކޮށްގެން ހައްލެއް ހޯދަން ވަގުތު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"މިހާރުން މިހާރަށް ޓަސްލާފައި ހުއްޓާލައިފިއްޔާ، މީގެ ކޮންސީކުއެންސަސް ވަރަށް ބޮޑުވާނެ. އަދި އަޅުގަނޑުމެންނަށް ވުރެ މާ ހާލުގައި އުޅޭނީ އެހެންވެއްޖެއްޔާ މި ސަފާރީ ދޯނިތައް އިނގޭތޯ،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދޯނިފަހަރުގައި ކުނި ނުގެންގޮސް، އިންސިނަރޭޓާ ބަހައްޓައިގެން ކުނި ނައްތާލާ ރިސޯޓްތައް ވެސް އެބަހުރި ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އެނގެނީ، އުނދަގޫތަކާއި ހުރަސްތަކެއް ހުއްޓަސް ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގައި އިޚުލާސްތެރިވާ ބަޔަކަށް އެކަން ފަސޭހައިން ކޮށްލެވިދާނެ ކަމެވެ.
އެއްވެސް ބާވަތެއްގެ ކުންޏެއް ކަނޑަށް އެޅުމަކީ ގޯހެއް ކަމަށް ދެކޭ ނަމަ ބަޔޯޑީގްރޭޑަބަލް ކުނިން ގަސްކާނާ އުފައްދާފައި އެހެން ބާވަތްތައް އިންސިނަރޭޓަރުން ނައްތާލެވިދާނެ އެވެ. ބޭނުން ހިފޭ ބާވަތްތައް ވިއްކި ވެސް ދާނެ އެވެ. އެކަމަކު މޫދަށް ކުނި އެޅުމުގެ ނުބައި އާދަ ހުއްޓުވަން ގިނަ ރިސޯޓްތަކުން ސީރިއަސްވާހެންނެއް ހިއެއް ނުވެ އެވެ. ސަބަބަކީ ރިސޯޓްތަކުގައި އުފެދޭ ކުނި އުކާލެވޭ ގޮތް ރަނގަޅަށް ނުބެލުމެވެ. ބަޔަކަށް ހަވާލުކޮށްލީމާ އެ ހިސާބުން ރިސޯޓްގެ ޒިންމާ ނިމުނީ ކަމަށް، ބައެއް ރިސޯޓްތަކުން ދުށުމެވެ.
ގަވާއިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ
ފިނޮޅަށް ގެއްލުން ދިން މައްސަލަ އީޕީއޭ އިން ބަލަނީ
އޮޅުވެލި ރިސޯޓު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި
އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު ރާއްޖެ ގެންނަނީ