Roadha Mihaaru
އެމެރިކާގެ މަޝްހޫރު ހޯސްޓް ލެރީ ކިންގް މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ހޯސްޓް ލެރީ ކިންގް މަރުވެއްޖެ

23 ޖެނުއަރީ 2021

އެމެރިކާގެ މަޝްހޫރު ހޯސްޓް ލެރީ ކިންގް މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ހޯސްޓް ލެރީ ކިންގް މިއަދު މަރުވެއްޖެ އެވެ.

ޓޯކް ޝޯތަކުން ކުޅަދާނަ ހޯސްޓެއްގެ ގޮތުގައި އާންމުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އުމުރުން 87 އަހަރުގެ ލެރީ މަރުވީ މި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދާފައި ވަނިކޮށް ލޮސް އެންޖެލިސްގަ އެވެ.

ލެރީގެ މަރާ ގުޅިގެން އޭނާގެ ޓްވިޓާ އެކައުންޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ލެރީ މަރުވީ ލޮސް އެންޖެލިސްގެ ސިޑާޒް-ސިނައި މެޑިކަލް ސެންޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށާއި މިއީ ވަރަށް ހިތްދަތި ވަގުތެއް ކަމަށެވެ.

ބަޔާނުގައި ބުނީ 63 އަހަރު ވަންދެން ލެރީ ދެގޮތެއް ނުވެ ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް އާންމުން ހިތްހަމަޖައްސައި ދީފައިވާ ކަމަށާއި އޭނާ އަކީ ދުނިޔޭގެ ވަރުގަދަ އެތައް ޝަހުސިއްތަކާ އިންޓަވިއުކޮށްފައިވާ ފަނޑުވުމެއް ނެތް ފަންނާނެއް ކަމަށެވެ. އަދި އަބަދު ވެސް ލެރީގެ ހަނދާންތައް އާންމުންގެ ތެރޭގައި އޮންނާނެ ކަމަށާއި އޭނާ ބްރޯޑްކާސްޓިން މީޑިއާ އަށް ކޮށް ދިން ހިދުމަތްތަކުގެ އަގު އަބަދުވެސް އެތައް ބަޔަކު ވަޒަންކުރާނެ ކަމަށް ބުންޏެވެ.

ލެރީގެ އެންމެ ފާހަގަކޮށްލެވޭ ޝޯތަކުގެ ތެރޭގައި ސީއެންއެން ގެނެސްދިން "ލެރީ ކިންގް ލައިވް" އާއި އޭނާގެ އޯރާ މީޑިއާގެ ދަށުން ގެނެސްދިން "ލެރީ ކިންގް ލައިވް" ގެ އިތުރުން "ޕޮލިޓިކިންގް ވިތު ލެރީ ކިންގް" ހިމެނޭކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހޯސްޓްކުރުމުގެ ދާއިރާ އިން އެމީގެ އިތުރުން އެހެން އެވޯޑްތައް ވެސް ހާސިލުކޮށްފައިވާ ލެރީ 8 ކައިވެނިކޮށްފައިވާ އިރު ފަސް ދަރިން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ.

ލެރީ އަކީ ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މާލީގޮތުން އެހީވާން "ލެރީ ކިންގް ކާޑިއަކް ފައުންޑޭޝަން" ގެ ނަމުގައި އަމިއްލަ ފައުންޑޭޝަނެއް ވެސް ހިންގަމުން ދިޔަ ފަންނާނެކެވެ.