Roadha Mihaaru
އޭސީސީގެ ލަފައަކީ ފްލެޓްގެ ޝަކުވާއަށް ފުރުސަތު ދިނުން

އޭސީސީން ލަފާ ދިނީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތުގެ ޝަކުވާ އަށް ފުރުސަތު ދޭން

17 ޖެނުއަރީ 2021

ހިޔާ މަޝްރޫއުން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓުތައް ފްލެޓް ކޮމިޓީން އާއްމުކުރީ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދިން މިންގަނޑާ ގުޅޭ ޝަކުވާ ހުށަހަޅަން ފުރުސަތު ނުދީ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތައް ބަލައި، ޝަކުވާ އަށް ފުރުސަތު ދޭން ރައީސް އޮފީހަށް ލަފާދީ މައްސަލަ ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓުތައް ފްލެޓް ކޮމިޓީން އާއްމުކުރީ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދިން މިންގަނޑާ ގުޅޭ ޝަކުވާ ހުށަހަޅަން ފުރުސަތު ނުދީ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތައް ބަލައި، ޝަކުވާ އަށް ފުރުސަތު ދޭން ރައީސް އޮފީހަށް ލަފާދީ މައްސަލަ ނިންމައިފި އެވެ.

ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދިން މިންގަނޑު އާއްމުކުރުން ލަސްވި މައްސަލައިގައި ހިތްހަމަނުޖެހިގެން ގާތްގަނޑަކަށް 100 މީހުން އޭސީސީ އަށް ޝަކުވާ ހުށަހެޅި އެވެ. މި ޝަކުވާތަކުގައި ވަނީ، އެޗް7 ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީތަކުން ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތު ނުދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.

އެންމެ ގިނަ ބަޔަކު ފޯމުލީ އެޗް7 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑު އާއްމުކުރިއިރު ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހަ ދުވަސް އޮތެވެ. އެހެން ކެޓަގަރީތަކުގެ މިންގަނޑު އާއްމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުން ބަންދުކުރުމަށް ފަހު އެވެ.

ޕޮއިންޓް ދިން މިންގަނޑާ ގުޅޭ ޝަކުވާތައް އަދިވެސް ކޮމިޝަނަށް ދަނީ ހުށަހަޅަމުންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކް މިއަދު ވިދާޅުވީ ކޮމިޝަނުން ޝަކުވާތައް ބަލައި ޑިސެމްބަރު، 29 ގައި ރައީސް އޮފީހަށް ލަފާ ދީފައި ވަނީ އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އެޗް7 ކެޓަގަރީއެކޭ އެއްގޮތަށް އެހެން ކެޓަގަރީތަކުން ވެސް ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދިން މިންގަނޑާ ގުޅޭ ގޮތުން ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުން ކަމަށެވެ. ކުރިން ހުށަހެޅި ޝަކުވާތަކުގައި އެ ނޫން މައްސަލައެއް ފާހަގަވެފައި ނެތުމުން، އެ ލަފަޔާ އެކު މައްސަލަ އިތުރަށް ތަހުގީގު ނުކުރަން އޭސީސީން ވަނީ ނިންމައިފަ އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ޓަވަރުތަކެއް: މިތަނުން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު ވަނީ އާއްމުކޮށްފައި.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ޓަވަރުތަކެއް: މިތަނުން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު ވަނީ އާއްމުކޮށްފައި.

ފްލެޓް ކޮމިޓީން ވަނީ ހިޔާ މަޝްރޫއުގެ ހުރިހާ ކެޓަގަރީތަކުން ވެސް ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓްދިން މިންގަނޑާ ގުޅޭ ޝަކުވާ ހުށަހަޅަން މިދިޔަ ޑިސެމްބަރު 30 އިން ޖެނުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ފުރުސަތު ދީފަ އެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ދެ ވަނަ ފަހަރަށް ހުޅުވާލީ އެންމެންނަށް ހަމަހަމަ ފުރުސަތު ދޭން ކަމަށް ވެސް ކޮމިޓީން ބުނެފައިވެ އެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދޭނެ މިންގަނޑެއް އެކުލަވާލީ ޝަކުވާތަކާ ހެދި ކަމަށް ބުނާ ވާހަކަ ފްލެޓް ކޮމިޓީން ދޮގުކުރެ އެވެ.

އެ ކޮމިޓީން ބުނިގޮތުގައި، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް 30 ޕޮއިންޓް ކަނޑައަޅާފައި އޮތަސް ކުރީގެ ސަރުކާރުގައި އެ ޕޮއިންޓް ދިނީ މިންގަނޑަކަށް ނުވަތަ ގޭގެއަށް ޒިޔާރަތްކޮށް ބަލައިގެން ނޫން ކަމަށްވާތީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ އެކު ފެށީ ޖުލައި 2019 ގަ އެވެ. އެ މިންގަނޑު އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފައިނަލްކޮށް ހުރިހާ ފޯމުތަކަކަށް ޕޮއިންޓް ދިނީ ގޭގެއަށް ޒިޔާރަތްކޮށް އެ މިންގަނޑާ އެއްގޮތަށް ކަމަށް ކޮމިޓީން ބުންޏެވެ.

ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދީފައި ވަނީ ފްލެޓް ކޮމިޓީން ގޭގެއަށް ގޮސް ފޯމު ހުށަހެޅި ފަރާތުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށާއި އެ ފޯމުގައި، ހާލަތު ބަލަން ދާ ކޮމިޓީގެ ދެ މީހުންނާއި ފޯމު ހުށަހެޅި ފަރާތުން މައުލޫމާތު ސައްހަ ކަމަށް ސޮއިކުރަން ޖެހެ އެވެ. ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ވެސް ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި ހާލަތުގެ ބަޔަކަށް މާކްސްދިން ގޮތް ވެސް ސާފުކޮށްދީފައިވާނެ ކަމަށް ކޮމިޓީން ބުންޏެވެ.

ވަގުތީ ލިސްޓުތައް އާއްމުކޮށް ޝަކުވާގެ ދެ ވަނަ ފުރުސަތެއް ހުޅުވާލަން ނިންމުމުން ދާއިމީ ލިސްޓުތައް އިއުލާންކުރުން މިހާރު ވަނީ ލަސްވެފަ އެވެ. ކުރިން ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދާއިމީ ލިސްޓުތައް އިއުލާންކުރާ ގޮތަށެވެ.

މި ސަރުކާރުގައި ފްލެޓް ކޮމިޓީއެއް ހަދައި ހިޔާ މަޝްރޫއަށް ހުށަހެޅި 25،000 އަށް ވުރެން ގިނަ ފޯމު އަލުން އިވެލުއޭޓްކުރަން ފެށީ ކުރީ ސަރުކާރުގައި ނާއިންސާފުން ފްލެޓް ބަހާލީ ކަމަށް ހެއްކާ އެކު ތުހުމަތުތައް ކުރުމުންނެވެ. ކުރީގެ ސަރުކާރުގައި ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދީފައިވާ ކަމުގެ ހެކި ދައްކަން މި ސަރުކާރުގެ ފްލެޓް ކޮމިޓީން ވަނީ ޝަރުތު ހަމަނުވަނީސް ފްލެޓް ލިބޭ ކަމުގެ ޔަގީންކަން ދީފައިވާ މީހުން ބާތިލްކޮށް، ވަގުތީ ލިސްޓުތަކާ އެކު ވަކި ލިސްޓެއް އާއްމުކޮށްފަ އެވެ.