Roadha Mihaaru
ޔޫވީގެ ކޯޗު އިސްތިއުފާ ދީފި! ސަސްގެ ކޯޗު ވަކިކުރަނީ؟

މެޗު އެއްވަރު، ޔޫވީގެ ކޯޗު އިސްތިއުފާ ދީފި! ސަސްގެ ކޯޗު ވަކިކުރަނީ؟

17 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-1 އިން އެއްވަރުވި މެޗަށް ފަހު ޔޫވީގެ ކޯޗުކަމުން މުހައްމަދު އާދަމް އިސްތިއުފާ ދީފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-1 އިން އެއްވަރުވި މެޗަށް ފަހު ޔޫވީގެ ކޯޗުކަމުން މުހައްމަދު އާދަމް އިސްތިއުފާ ދީފި އެވެ.

ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) މަގާމުން ވަކިކުރަން އުޅޭ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ. އޭނާ ބުނީ އިސްތިއުފާ ނުދޭނެ ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ލީގުގެ ގަދަ ތިނެއްގެ ޓާގެޓާ އެކު ނުކުތް ޔުނައިޓެޑް ވިކްޓްރީ އޮތީ ލީގުގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ކޯޗު މުހައްމަދު ބުނީ އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުރުމާ މެދު މިދިޔަ ދެ ހަފްތާ މެނޭޖްމަންޓާ ވާހަކަ ދެއްކުމަށް ފަހު، މިރޭގެ މެޗުން ކޮންމެ ގޮތެއް ވިޔަސް އޮތީ މަގާމުން އިސްތިއުފާދޭން ނިންމާފައި ކަމަށެވެ. އިސްތިއުފާގެ ސިޓީ އޭނާ ވަނީ މެޗަށް ފަހު މެނޭޖްމަންޓާ ހަވާލުކޮށްފަ އެވެ.

"މަ ގަބޫލުކުރާގޮތުގައި މަށަށް މި ޕްރެޝަރު ހޭންޑަލްކުރަން ދަސްވެފައި ނެތް. ކުޅުންތެރިން ތެރޭގައި ޓީމު ބޮންޑިން މައްސަލައެއް ވިނިން ސްޕިރިޓް މައްސަލަ އިންނާނެ ގޮތެއް އަހަންނަށް ނޭނގޭ. ކުޅިވަރުގައި މިހާތަނަށް ފޭސްނުކުރާ ކަންތައްތަކެއް މި ދިމާވީ. މެނޭޖްމަންޓާ އެއްވެސް މައްސަލައެއް ވެސް ނެތް. އަހަންނަށް ދެވޭ ބެސްޓް އަހަރެން ދޭކަން އެ މީހުން ގަބޫލުކުރޭ. މި ވަގުތު އެންމެ ރަނގަޅީ އަހަރެން މި ޓީމާ ވަކިވެ އާ މީހަކަށް ފުރުސަތު ދިނުން،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައި ދިމާވާ އެއް ކަަމަކީ ކުޅުންތެރިން ކޯޗު ގަބޫލުނުކުރުން ކަމަށާއި އެ ފަދަ ކަންތައްތަކެއް ވެސް އިހުސާސްކުރެވޭތީ ނިންމީ ޓީމާ ވަކިވާން ކަމަށެވެ. އެއީ ކްލަބްގެ މެނޭޖްމަންޓަށް ވެސް ފެންނަ ގޮތް ކަމަށް މުހައްމަދު ބުންޏެވެ.

"ކުޅުންތެރިން ފަހަރެއްގައި މަ ބުނާ ގޮތް ހަދަން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެ. އާ މީހަކު ގެނައީމަ އެކަން ރަނގަޅުވާނެ ކަމަށް ބަލާފައި މެނޭޖްމަންޓާ ވާހަކަ ދައްކާފައި ނިންމީ. ދިމާވި މައްސަލަ ރަނގަޅެއް ނުވި. އެކަމަކު ބޮޑުވިތަނެއް ވެސް ނުފެނޭ. ކުޅުންތެރިން ފަރާތުން އަންނަ މައްސަލަތަކަކީ މެޗުން ބަލިވެގެން އަންނައިރު އަހަރެން ވަރަށް މޫޑީވެފައޭ ހުންނަނީ. އެކަމަކު އަހަރެންގެ ނީންނާނެ ދެ މޫނެއް. އަހަރެންގެ މޫޑު ފެންނާނީ. އަހަންނަކަށް ނޭނގޭނެ ރުޅި އައިސްފައި ހުރެ ހިނިތުންވާކަށެއް. ރުޅި އައިސްފައި ހުރިއްޔާ ހުންނާނީ އެހެން ފެންނަން. އެ ގަބޫލުނުކުރެވެއްޏާ ކުރާނެ ކަމެއް ނެތް،" ކުރިން ލަންކާގެ ޓީމުތަކަށް ވެސް ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.

މުހައްމަދަކީ ސީޒަން ފެށި ފަހުން މިހާތަނަށް ޓީމަކުން ވަކިވި ތިން ވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އީގަލްސްގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި ޓީމު ދޫކޮށްލައިފަ އެވެ.

މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސަސްގެ ޓާގެޓް އޮތީ ގަދަ ހައެއްގައި ނިންމާލާށެވެ. ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ސަސް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ސަސްގެ ކޯޗު ނާދުގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު އޭނާ ބުނީ ކޮންމެ ގޮތެއް ވިޔަސް މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަަމަށެވެ.

"ސަސްގެ ޓާގެޓް ފެށިއިރު ވެސް ބުނި ގަދަ ހައެއްގައި އޮތުމޭ. ގަދަހައެކޭ ބުނެފައި މި ހިސާބުން ކޯޗު ވަކިކުރަން ތަންކޮޅެއް އަވަސް ކަންނޭނގެ ފިޔަވަޅެއް ނަގަން ވެއްޖިއްޔާ. ކޯޗެއް ނުދޭނަން އިސްތިއުފާއެއް. ވަކިކުރަން ޖެހޭނީ. ތަށްޓައްކުޅޭ ބައެއް ވެއްޖިއްޔާ ވަކިކުރަންވީ މިހާރުއްސުރެން. އެއީ މި ސީޒަނުގައި ބަލިވީ އަދި މާޒިޔާ އަތުން،" ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގައި މަސައްކަތްކުރި ނާދު ބުންޏެވެ.

"އެއްވެސް ކަހަލަ ޖެހިލުމެއް ނުވޭ ވަކިކުރިޔަސް. ދައްކާ ދަނޑު ބޭރުން އެ ކަހަލަ ވާހަަކަތަކެއް (ވަކިކުރަން އުޅޭ ވާހަކަ). އިރާދަކުރައްވިއްޔާ ފުޓްބޯޅަ އަކާ ދުރެއް ނުކުރެވޭނެ އެއްވެސް ބަޔަކަށް. ފުޓްބޯޅައިގައި އުޅޭނީ ތިން ވަނަ ޑިވިޝަން ޓީމެއްގައި ނަމަވެސް. އެއީ އެކަން އޮތްގޮތް. މިއީ އަޅުގަނޑުގެ ޓީމެއް ނޫން އެ މީހުންގެ ޓީމެއް. މީގެ ގޮތެއް ނިންމާނީ އެ މީހުން. އެއްވެސް ކަހަލަ ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ނެތް. ރަނގަޅު ކޯޗެއް ލިބެންޏާ ވެސް ވަކިކުރަންވީ."

މިރޭގެ މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓްރީ އިން ސަސް ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކައި ފުރަަތަމަ ފުރުސަތު ތަނަވަސްކުރި އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ސަސް އިން މެޗުގައި ތަނަވަސްކުރި ފުރަތަމަ ރަނގަޅު ފުރުސަތުގައި ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 24 ވަަނަ މިނިޓްގައި އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒާވާ ނަގައިދިން ބޯޅަ އެ ޓީމަށް ކުޅޭ ޖަޕާނުގެ އަނެއް މިޑްފީލްޑަރު އެއިސޫކޭ މޯރީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އާމިރޯފް އަތުގައި ޖެހިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑް ވިކްޓްރީން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އައްމަޑޭ އެވެ. އިސްމާއިލް އީސާ (މެސީ) ނަގައިދިން ހުރަހަކުން އޭރިއާތެރެއިން އައްމަޑޭ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ކޯނަރެއްގައި ހުރަސްވި ބޯޅައެއް އޭރިއާތެރެއިން ހޯދައި ޔުނައިޓެޑް ވިކްޓްރީން ލަނޑެއް ޖެހި އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ސަސްގެ ސްޕެއިން ފޯވާޑް ވިކްޓަ ރޮޑްރިގޭޒަށް އޭރިއާތެރެއިން ފައުލެއްކުރި ކަމަށް ބުނެ ސަސް ބެންޗުން ވަނީ ވަރަށް ބޮޑަށް ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. އެކަމަކު މެޗުގެ ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދޭން މެޗުގެ 71 ވަނަ މިނިޓްގައި އަހުމަދު ނިޒާމް (ނިޒާމްބެ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އީސަ ޖައްސާލި ބޯޅައަކުން އޭރިއާ ތެރެއިން ނިޒާމްބެ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެ ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދީގެން މާ ރަނގަޅަށް ފޮނުވާލެވެން އޮތެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ފަހު ވަގުތު އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން އީސަ އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ އަނަޓޯލީ ވްލަސީޗޭވް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.