Roadha Mihaaru
ފުރަތަމަ މޮޅު ހޯދަން ޔޫވީން ސަސްއާ ދެކޮޅަށް

ފުރަތަމަ މޮޅު ހޯދަން ޔޫވީން ސަސްއާ ދެކޮޅަށް

16 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ނެތް ކަަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ނެތް ކަަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. އަށް ޓީމު ވާދަކުރާ ލީގުގެ އެންމެ ފަަހަތުގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ފަސް މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.

މުހައްމަދު ބުނީ އަނިޔާގެ މައްސަލައިގެ ވާހަކަ ގިނަ ފަހަރުތަކެއް ވަންދެން ދެއްކިއްޖެ ކަމަށާއި ރަނގަޅަށް ވިސްނާލިއިރު އެ ވާހަކަތައް ނުދައްކައި ޓީމުގައި ތިބި އެހެން ކުޅުންތެރިން ލައިގެން ވެސް މިކަން ކުރެވިދާނެކަން އެންމެ ފަހުން ކުޅުނު އީގަލްސް މެޗުން އެނގުނު ކަމަށެވެ. މި ވަގުތަށް ބަލާއިރު ޔުނައިޓެޑް ވިކްޓްރީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މޮޅެއް ހޯދުމުގެ ރޫހުގައި އެކުރަން ޖެހޭ މަސައްކަތް ނުކުރެވުން ކަމަށް އޭނާ ބުންޏެވެ.

"މި ކަންތައްތައް ހައްލުކުރަން ކުރެވޭނެ މަގެއް މި ހޯދަނީ. އެކަން ނުކޮށެއް ކުރިއަށް ނުދެވޭނެކަން އެއީ 100 ޕަސެންޓް ޔަގީންކަމެއް. ހީވޭ އަންނަ މެޗުގައި ސޮލިއުޝަންތަކެއް (ހައްލުތަކެއް) ފެންނާނެެހެން. ސަސް މެޗަކީ އަހަރެމެންނަށް ވަރަށް މުހިއްމު މެޗެއް. މިހާރު ޕޮއިންޓް ޓޭބަލް އިން ގޮތުން އެ މެޗަކީ ނުނަގާ ނުވާނެ މެޗެކޭ ބުންޏަސް ރަނގަޅުވާނެ. ވަރަށް ޕްރެޝަރު މެޗެއް ޑޫ އޯ ޑައި. މި މެޗު ނެގުން ނޫން ގޮތެއް ނެތް،" މުހައްމަދު ބުންޏެވެ.

ފުޓްބޯޅަ ކުޅުން 1996 ވަނަ އަހަރު ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެއަށް ވަދެ މިހާތަނަށް ކުރި މަސައްކަތްތަކުގައި މުހައްމަދު ގިނަ ތަޖުރިބާތަކެއް ކޮށްފި އެވެ. އޭނާ ބުނީ ޔުނައިޓެޑް ވިކްޓްރީގައި މިކުރަން ޖެހިފައި މި އޮތީ ތަފާތު ކަމެއް ކަމަށެވެ. ކޯޗިންގައި މުހައްމަދަށް އެންމެ ރަނގަޅު މަސައްކަތެއް ކުރެވުނީ ސްރީ ލަންކާގައި ކަމަށާއި ރާއްޖޭގައި ރަނގަޅު މަސައްކަތެއްކުރަން ހުރި ގޮންޖެހުން ވެސް ގިނަ ކަމަށް އޭނާ ބުންޏެވެ.

"ލަންކާގައި ކޯޗިންގައި އެންމެ ރަނގަޅު ކާމިޔާބެއް ލިބިފައި އިނީ. އެ ލަންކާ ކުޅުންތެރިންގެ ޑިސިޕްލިން އާއި ރާއްޖޭގެ ކުޅުންތެރިންގެ ޑިސިޕްލިން ހާސްބައި ތަފާތު. އަނެއްހެން ބުނަންޏާ ޓޯޓަލީ އޮޕަސިޓް ހަމަ. އެއީ ސަބަބުތަކެއް ނެތިއެއް ނޫން. ދެން މި ހުރި ޗެލެންޖްތަކާ އެކީ ހައްލު ހޯދައި ވިނިން ސްޕިރިޓް ގެނައުން އޮތީ،" މުހައްމަދު ބުންޏެވެ.

މިދިޔަ ޕްރެކްޓިސްތަކަށް ބަލާއިރު ފެނިގެންދިޔައީ ވަރަށް އުއްމީދީ މަންޒަރުތަކެއް ކަަމަށާއި ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މުހައްމަދު ބުންޏެވެ. އަދި މެނޭޖްމަންޓުން އޭނާ އަށް ދީފައިވާ ގަދަ ތިނެއްގެ ޓާގެޓަށް ދާން ބަލާއިރު އަދިވެސް އެކަން ކުރެވޭނެކަމަށް މުހައްމަދު ގަބޫލުކުރެ އެވެ.

"ޓާގެޓް އަށް ނުދެވޭނެ ސަބަބެއް އަސްލު ހަގީގަތުގައި ނެތް. ދެވޭ ފެންވަރުގެ ކުޅުންތެރިން ތިބީ. ދެން އަހަރެންގެ ޓާގެޓަކީ ދޭކަށް ދިއުން. އަހަރެން ބެލިއިރުގައި މާޒިޔާ ނަގާފައި ޔޫވީ އަށް ފައިޓް ނުކުރެވޭނެ ޓީމެއް ނެތް،" މުހައްމަދު ބުންޏެވެ.

މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސަސް އިން ލީގުގައި މިހާތަނަށް ބަލިވީ އެންމެ ފަހުން ކުޅުނު މެޗުން މާޒިޔާ އަތުންނެވެ. އެ މެޗުން ބަލިވި ކަމުގައި ވިޔަސް އެ ޓީމަށް މާ ބޮޑު ހާސްކަމެއް ނެތް ސަބަބެއް ވެސް އެބައޮތެވެ. އެއީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) އަށް އޮތް ހިތްހަމަޖެހުމެކެވެ.

"ޓްރެއިނިން ފެށުނުއިރުއްސުރެން މާޒިޔާ އަތުން ޓްރެއިނިން މެޗުން ވެސް ބަލިވެފައި އިނީ. ގާތްގަނޑަކަށް 13 ނޫނީ 14 މެޗު ކުޅެވިއްޖެ. ކުޅުނުއިރު މާޒިޔާ އަތުން ބަލިވީމަ ކުޅުންތެރިންނަށް ވެސް އެކަން ވިސްނައިދީފައި މިއޮތީ. ކުރިއަށް މި ހުރި މެޗުތަކުގައި މިދިޔަ މެޗުގެ ސަބަބުން އަސަރެއް ނާންނާނެ ކަމަށް އުއްމީދުކުރަނީ،" ނާދު ބުންޏެވެ.

ފަސް މެޗުން ހަ ޕޮއިންޓް ހޯދައި ލީގުގެ ހަ ވަނައިގައި އޮތް ސަސްގެ އަމާޒަކީ މި ބުރުގެ ދެން އޮތް ދެ މެޗުން މޮޅުވުމެވެ. އެ މަސައްކަތް ފަށަން އޮތީ ޔުނައިޓެޑް ވިކްޓްރީ މެޗުން ކަމަށްވާއިރު ނާދު ހުރީ އިތުބާރާ އެކު އެވެ.

"ޔޫވީ މެޗަކީ ވެސް މޮޅުނުވެވޭވަރުގެ މެޗެއް ނޫން ހަގީގަތުގައި. އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް އެ ކުޅުނު މެޗުގެ ފަހު ހާފުގައި އެ ދެއްކި ކުޅުން ދައްކައިފިނަމަ ލަފާކުރެވެނީ ޔުވީ މެޗުގައި ނަތީޖާ ނެރެވޭނެކަމަށް. ތިން ޕޮއިންޓް ވެސް ނެގިދާނެ،" ނާދު ބުންޏެވެ.

ޕްލޭމޭކަރެއް ނެތުމުގެ މައްސަލަ އަށް ޓީމުތެރެއިން ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ބޮޑު އަނިޔާއެއް ނުވެ ގިނަ މެޗުތަކެއް ކުޅެވޭގޮތަށް ކުރިއަށް ދިއުމުގެ ގޮތުން ޓްރެއިނިންތައް ވެސް ގެންދަނީ ލުއިތަކެއް ލިބޭ ގޮތަށް ކަަމަށް ނާދު ބުންޏެވެ.

ސަސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.