Roadha Mihaaru
ލީގަށް ވާދަކުރަން ސަޕޯޓަރުންގެ އެހީ ބޭނުން: ސޯލްޝެއާ

ލީގަށް ވާދަކުރަން ޔުނައިޓެޑަށް ސަޕޯޓަރުންގެ އެހީ ބޭނުން: ސޯލްޝެއާ

15 ޖެނުއަރީ 2021

މެންޗެސްޓާ (ޖެނުއަރީ 15) - މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރާ މަސައްކަތުގައި ސަޕޯޓަރުންގެ އެހީ ވެސް ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މެންޗެސްޓާ (ޖެނުއަރީ 15) - މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރާ މަސައްކަތުގައި ސަޕޯޓަރުންގެ އެހީ ވެސް ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ބާންލީ ބަލިކޮށް ޔުނައިޓެޑުން ލީގުގެ އެއް ވަނަ އަށް އެރިއިރު، މިއީ 2013 ވަނަ އަހަރު ޔުނައިޓެޑުން ޕްރިމިއާ ލިގު ކާމިޔާބުކުރި ސީޒަނަށް ފަހު އެ ޓީމުން ލީގުގެ 17 މެޗު ނިމުނުއިރު އެއް ވަނައިގައި އޮތް ފުރަތަމަ ފަހަރެވެ. ބާންލީ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ ސަޕޯޓަރުން ލީގަށް ކުރާ އުއްމީދު ބޮޑުވުމަކީ ޓީމުގެ ކުޅުންތެރިންނާ އޭނާ އަށް ވެސް އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

"ތިން މަސް ކުރިން އެއްވެސް މީހަކު ހިއެއްނުކުރާނެ އަހަރެމެން މި ހިސާބުގައި އޮންނާނެއޭ. ސަޕޯޓަރުން އެ އުއްމީދުކުރި. އަހަރެމެން އެދެނީ ލީގު ހޯދަން އަހަރެމެން ކުރާ މަސައްކަތުގައި ވެސް ސަޕޯޓަރުން އުއްމީދު ދޫކޮށް ނުލަން. ސަޕޯޓަރުންގެ އެ އެހީ ބޭނުން،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑް އެއް ވަނަ އަށް އެރީ 17 މެޗުން 36 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ. ލިވަޕޫލަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ލީގުގައި އާދިއްތަ ދުވަހުގެރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންންނާނީ ޔުނައިޓެޑާ ދެކޮޅަށެވެ. ސޯލްޝެއާ ބުނީ ހާލަތާއި ބަލާއިރު އޭނާގެ ނަޒަރުގައި މިއީ ލިވަޕޫލާ ދެކޮޅަށް ކުޅެން ޔުނައިޓެޑަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"މި މަގާމުގައި (އެއް ވަނައިގައި) އޮންނަން ވަރަށް އުފާވެރި. އަހަރެމެން ޗެމްޕިއަނުންނާ (ލިވަޕޫލާ) ދެކޮޅަށް ކުޅެން އެއް ވަނަ މަގާމުގައި އޮވެ ދިއުމަކީ ވެސް ރަނގަޅު ކަމެއް އަހަރެމެންގެ އިތުބާރަށް. މިދިޔަ ތިން އަހަރާއި ބައި ލިވަޕޫލުން އޮތީ ވަރަށް ރަނގަޅަށް. މިއީ އަހަރެމެންނަށް ވަރަށް އުނދަގޫވާނެ މެޗެއްކަމަށް ދެކެނީ،" ސޯލްޝެއާ ބުންޏެވެ.

ފަހަކަށް އައިސް ޔުނައިޓެޑްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި އެންމެ ބޮޑަށް އަޑުފެތުރިފައިވާ ޕައުލް ޕޮގްބާ އެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑްގައި ޕޮގްބާ ގެ މޮޅު ކުޅުން ފެންނާނެ ކަމުގެ ޔަގީންކަން އޭނާ އަށް އަބަދުވެސް އޮތް ކަމަށެވެ. ޕޮގްބާ ވެސް ވަނީ ލިވަޕޫލާ ދެކޮޅަށް ކުޅެން ޔުނައިޓެޑުން ތައްޔާރުކަމަށް ބުނެފަ އެވެ.

ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ އާދިއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.