Roadha Mihaaru
ބޭނުންވަނީ ލެސްޓާ ބަލިކޮށް ގަދަ ހަތަރެއް ކަށަވަރުކުރަން

ބޭނުންވަނީ ލެސްޓާ ބަލިކޮށް ގަދަ ހަތަރެއް ކަށަވަރުކުރަން: ސޯލްޝެއާ

26 ޖުލައި 2020

މެންޗެސްޓާ (ޖުލައި 26) - މެޗު އެއްވަރުކޮށްލައިގެން ފުރުސަތު އޮތަސް މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވަނީ ލެސްޓާ ސިޓީ ބަލިކުރުމަށް ފަހު ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމަށް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖުލައި 26) - މެޗު އެއްވަރުކޮށްލައިގެން ފުރުސަތު އޮތަސް މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވަނީ ލެސްޓާ ސިޓީ ބަލިކުރުމަށް ފަހު ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމަށް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އަށް ވާދަކުރަނީ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ލެސްޓާ އެވެ. މި ވަގުތު ޔުނައިޓެޑް ތިން ވަނައިގައި އޮތީ ހަތަރެއްގައި އޮތް ޗެލްސީއާ އެއްވަރަށް 37 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ފަސް ވަނައިގައި އޮތް ލެސްޓާ އަށް 37 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ޔުނައިޓެޑަށް އެއްވަރުކޮށްލައިގެން ވެސް ގަދަ ހަތަރެއް ކަށަވަރުކުރެވެން އެބައޮތެވެ. ޔުނައިޓެޑަށް ގަދަ ހަތަރެއް ނުލިބޭނީ އެ ޓީމު ލެސްޓާ އަތުން ބަލިވެ، ޗެލްސީން ވުލްވްސް ބަލިކޮށްފިނަމަ އެވެ. ޔުނައިޓެޑް ބަލިވެގެން ވެސް އެ ޓީމަށް ގަދަ ހަތަރެއް ކަށަވަރުކުރެވިދާނެ އެވެ. އެއީ ޗެލްސީ ކުޅޭ މެޗުން އެ ޓީމު ވުލްވްސް އަތުން ބަލިވެއްޖެނަމަ އެވެ.

ސޯލްޝެއާ ބުނީ ލީގުގެ ބޮޑު ބަޔެއްގައި ފޯމާއި ކުޅުމަށް ބަލާއިރު ޔުނައިޓެޑަކީ ލީގުގެ ތިން ވަނަ ޓީމު ކަމާ މެދު ދެ ބަހެއްނުވެވޭނެ ކަމަށެވެ. އަދި ބޭނުންވަނީ މޮޅަކާ އެކު ގަދަ ހަތަރެއްގެ ޖާގަ ޔަގީންކުރުމަށް ކަމަށް ސޯލްޝެއާ ބުންޏެވެ.

"އަހަރެމެން އަމިއްލަ އަތުގައި މި އޮތީ މި ފުރުސަތު. ބޭނުންވަނީ އަމިއްލަ ބާރުގައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރަން. އެކަން ކުރެވޭނީ މިއީ ލެސްޓާ ދަނޑުގައި ކުޅޭ މެޗެއް ކަމަށް ވިޔަސް މެޗު ޑޮމިނޭޓްކޮށްގެން މޮޅުވެގެން. ފޯކަސް ހުރީ ވެސް އެ ގޮތަށް،" ސޯލްޝެއާ ބުންޏެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް މި މެޗަށް ކުރިމަތިލާއިރު އޮތް ބޮލުގެ ރިހުމަކީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ހަ ވަރަަކަށް ކުޅުންތެރިން ނުލައި ކުޅެން ޖެހުމެވެ. އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ޓީމުގައި މައްސަލަތަކެއް ހުރި ނަމަވެސް ރޮޖާސްގެ ނަޒަރުގައި އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް ނަގައިގެން ލެސްޓާ އަށް ގަދަ ހަތަރެއް ހޯދިދާނެ އެވެ.

"މީގައި ވަކިކޮޅަކަށް ބަލާނަމަ ޔުނައިޓެޑް ކަހަލަ ބޮޑު ޓީމަކަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުން ހުރިހާ ގޮތަކުން ވެސް މުހިއްމުވާނެ. އަހަރެމެންގެ ހާލަތަށް ބަލާއިރު މިހާރު މި އޮތް މަގާމަށް ބަލާފައި ވެސް މިއީ ގޯސް ސީޒަނެކޭ ނުބުނެވޭނެ،" ޕްރެޝަރު އޮތީ ޔުނައިޓެޑަށް ކަމަށް އިޝާރާތްކޮށް ރޮޖާސް ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 13 ލީގު މެޗުން ބަލިނުވެ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައިނުވާތީ އެއީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެކެވެ. ޕްރިމިއާ ލީގުގެ ފަހު ބުރުގެ ހުރިހާ މެޗެއް ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 20:00 ގަ އެވެ.