03 އެޕްރީލް 2022
މެންޗެސްޓާ (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް، ޔުނައިޓެޑަށް ޓޭބަލްގެ ގަދަ ހަތަރަކާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
މެންޗެސްޓާ (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީން އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް، ޔުނައިޓެޑަށް ޓޭބަލްގެ ގަދަ ހަތަރަކާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ ކޮންޓްރެކްޓް އިއްޔެ އާކުރި ބްރޫނޯ ފެނާންޑޭޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިފާއުކުރީ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް އެވެ. އޭގެ ކުރިން އޭރިއާ ބޭރުން މުޅިން ހުސްކޮށް ލެސްޓާގެ ކެލެޗީ އިހެނާޗޯ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ލެސްޓާ ލީޑު ނެގީ 62 ވަނަ މިނިޓުގައި ކެލެޗީ އިހެނާޗޯ ޖެހި ލަނޑުންނެވެ. ޖޭމްސް މެޑިސަން ނެގި ހުރަހެއްގައި އިހެނާޗޯ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ޑޭވިޑް ޑެހެއާ އަތުން ޖެއްސި ނަމަވެސް ގޯލު ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.
މިއީ އިހެނާޗޯ މެންޗެސްޓާ ޔުނައިޓެޑު ކޮޅަށް އޭނާގެ ކެރިއަރުގައި ޖެހި ހަތަރުވަނަ ލަނޑެވެ. ނަމަވެސް އޯލްޑް ޓްރެފޯޑުގައި ލަނޑު ޖެހި މިއީ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހީ 2016/17 ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުންނެވެ.
ފުރަތަމަ ހާފުގައި ލެސްޓާގެ ފޯވާޑް އިހެނާޗޯ ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ އޭގެ ހަތަރު މިނިޓު ފަހުން ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ. ބްރޫނޯ ފެނާންޑޭޒް އަށް ފްރެޑް ދިން ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ކީޕަރު ކެސްޕާ ޝްމައިކަލް ދިފާއު ކުރުމުން ފްރެޑް ވަނީ ރީބައުންސްވި ބޯޅަ އެއްފަހަރުން ގޯލު މަތީ ދާގަނޑަށް އަމާޒު ކޮށްލައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށްވެފައި ވަނިކޮށް އިހެނާޗޯ އަށް ވަނީ އަލުން ލެސްޓާ އަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ޔުނައިޓެޑުގެ ކުޅުންތެރިޔަކު ފަހަތަށް ޖައްސާލި ބެކް ޕާހެއް ހޯދައިގެން އިހެނާޗޯ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް އޭންގަލް ހަނިވުމުގެ ސަބަބުން ގޯލާ އަމާޒުކޮށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަދި ޖެހިގެން އައި މިނިޓުގައި މެޑިސަން ނެގި ހިލޭޖެހުމަކުން ޑިފެންޑަރު ވެސްލޭ ފޮފާނާ ބޮލުން ފޮނުވާލި ބޯޅަ ޑެހެއާ ވަނީ ހުށިޔާރު ކަމާ އެކު ދިފާއުކޮށް ބޯޅަ ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.
މެޑިސަންގެ ލަނޑުން 80 ވަނަ މިނިޓުގައި ލެސްޓާ އަށް ދެވަނަ ފަހަރަށް ލީޑު ލިބުނުކަމަށް ހީކުރެވުނަސް ވީއޭއާރު ބަލައި، ރެފްރީ ވަނީ އޭގެ ކުރިން އިހެނާޗޯ ފައުލްކުރި ހަމަށް ނިންމައިފަ އެވެ. ޑީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ ޑިފެންޑަރު ރަފައެލް ވަރާން އިހެނާޗޯ އަށް ހުރަސް އެޅުމުން އޭނާ ވަރާން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވަނީ ފައުލް ކޮށްފަ އެވެ. މެޑިސަން ގޯލު ތެރަށް ބޯޅަ ފޮނުވާލީ، ވަރާން އަތުން ބޯޅަ ހޯދައި، އިތުރު ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ދިން ބޯޅައަކުންނެވެ.
ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ޖެހި މިޑްފީލްޑަރު ފްރެޑް.-- ފޮޓޯ: އޭއެފްޕީ
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރޭން ތިންވަނަ މިނިޓުގައި ޖޭޑަން ސަންޗޯ އަށް ވެސް ޔުނައިޓެޑް މޮޅު ކޮށްދޭން ފުރުސަތު ލިބުނެވެ. ޑިއޯގޯ ޑަލޯ ނަގައިދިން ހުރަހެއް ފަހަތުގައި ހުރި ސަންޗޯ އަށް ލިބުމުން އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
އިތުރު ވަގުތުގެ އެންމެ ފަހު 15 ވަރަކަށް ސިކުންތުގައި ރަޝްފޯޑަށް ވެސް ވަނީ ފުރުސަތެއް ލިބިފަ އެވެ. އޭނާ ލެސްޓާގެ ޑިފެންސް ތޮރުފާލާފައި ހުސްވެލާފައި ޖަހަން ދިމާކުރި ބޯޅަ ނާކާމިޔާބުވީ، އޭރު އޮފްސައިޑުގައި ހުރި ޔުނައިޓެޑުގެ ފޯވާޑް އެންތޮނީ އެލަންގާ އެ ބޯޅައަށް މަސައްކަތް ކުރުމުންނެވެ. އެލަންގާ އެ ބޯޅައިގައި ޖަހަން ފައި ހޫރާލި ގަޑީގައި ޖެހުނީ ރަޝްފޯޑު ފައިގަ އެވެ. ރަޝްފޯޑު ފައިގައި ޖެހި އޭރިއާ ތެރެއަށް ވެއްޓުމުން ޔުނައިޓެޑުން ވަނީ ޕެނަލްޓީ އަކަށް ވެސް އެޕީލް ކޮށްފަ އެވެ. ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މި ނަތީޖާއާ އެކު ޔުނައިޓެޑް އަދިވެސް އޮތީ ޓޭބަލްގެ ހަވަނައިގަ އެވެ. ޔުނައިޓެޑް މިހާތަނަށް ކުޅުނު 30 މެޗުން އެޓީމަށް ލިބިފައި ވަނީ 51 ޕޮއިންޓެވެ. ޔުނައިޓެޑަށް ވުރެ ދެ މެޗް މަދުން ކުޅެގެން 37 ޕޮއިންޓާ އެކު ލެސްޓާ އޮތީ ނުވަވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް އާސެނަލް ވެސް ކުޅެފައި ވަނީ ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުންނެވެ. އާސެނަލް ހަތަރު ވަނައިގައި އޮތީ 54 ޕޮއިންޓް ހޯދައިގެންނެވެ.
ޔުނައިޓެޑާއި ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވީ ނަމަވެސް ޓޮޓެންހަމް މިހާތަނަށް ކުޅެފައި ވަނީ 29 މެޗެވެ. އަދި ފައިދާ ގޯލުގެ ތަފާތުން ވެސް ޓޮޓެންހަމް އުޅެނީ ޔުނައިޓެޑަށް ވުރެ ކުރީގަ އެވެ. ޔުނައިޓެޑްގެ ފަހަތުގައި ޓޭބަލްގެ ހަތްވަނައިގައި އޮތީ މިރޭ އެސްޓަން ވިލާ ބަލިކުރި ވުލްވްސް އެވެ.
މޮޅުވިޔަސް ފުރަތަމަ ހާފު ދިޔައީ ކުންޏަށް: ޓެން ހަގް
ޔުނައިޓެޑުގައި ޓެން ހަގްގެ ފެށުން ފަނުފުލުން
ފަހު ވަގުތު ބާގްވެއިން ޓޮޓެންހަމް މޮޅު ކޮށްދީފި
ލެސްޓާ އަތްދަށުވެ ޔުނައިޓެޑުގެ އަވޭ ރެކޯޑް ނިމުމަކަށް
ޔުނައިޓަޑް ބަލިވެ، ސިޓީ އަށް ލީގު ކަށަވަރުވެއްޖެ
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް
ޔުނައިޓެޑާއި ލެސްޓާ އަށް މޮޅެއް ނުވެވުނު
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
ލެސްޓާ އާއި ޔުނައިޓެޑުން ފުރުސަތުގެ ބޭނުންހިފައިފި
ބޭނުންވަނީ ލެސްޓާ ބަލިކޮށް ގަދަ ހަތަރެއް ކަށަވަރުކުރަން