Roadha Mihaaru
އަދުރޭގެ ޝަރީއަތް ފަށަން ޗިޓު ފޮނުވައިފި

އަދުރޭ ހުތުރު ބަހުން ވާހަކަދެއްކި މައްސަލައިގެ ޝަރީއަތް ފަށަނީ

10 ޖެނުއަރީ 2021

ހުތުރު ބަހުން ވާހަކަދެއްކެވި މައްސަލައިގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އޭނާއަށް ޗިޓު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުތުރު ބަހުން ވާހަކަދެއްކެވި މައްސަލައިގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އޭނާއަށް ޗިޓު ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޮކްޓޯބަރު 26، 2020 ގައި އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ދުވަހު އެ ކޯޓުގެ ބޭރުގައި ހުންނަވައި ސަޕޯޓަރުންނާ ދެއްކެވި ވާހަކައެއްގައި ބޭނުންކުރެއްވި ހުތުރު ބަސްތަކަކަށް ބިނާކޮށެވެ.

ނޮވެމްބަރު 28، 2019 ގައި ކޯޓު ބޭރުގައި ހުންނަވައި އަބްދުއްރަހީމް ހުތުރު ބަސް ބޭނުންކުރެއްވީ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތްކުރައްވަ އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް ވިދާޅުވެ، އެ ދުވަހު އޭނާ އިންޒާރު ވެސް ދެއްވި އެވެ. އަދުރޭގެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައިދޭން ފުލުހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް (ޑީޖޭއޭ) އިންނެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 31 ގަ އެވެ.

އަދުރޭގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ގިނަވެގެން ތިން މަހަށް ޖަލަށް ލުމެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހެވެ.

އެ ދައުވާ އުފުލުމާ ގުޅިގެން އަބްދުއްރަހީމް "މިހާރު" އަށް ކުރިން ވިދާޅުވީ އެފަދަ ބޭކާރު ދައުވާތައް ކުރަނީ ސަރުކާރުން ގޮތް ހުސްވެގެން ކަމަށެވެ. ސަރުކާރުގެ މަގުސަދަކީ އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށް ވިޔަސް އެކަން އެހެން ނުވާނެ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

"ބޭނުން ކޮންމެ ދައުވާއެއް ވެސް ކުރަންވީ. އަޅުގަނޑު ކޮންމެ ތާކު ހުއްޓަސް ކޮންމެ ދައުވާއެއް ކުރިއަސް މި ސަރުކާރުން ކުރާ ވިޔާނުދާ ކަންކަމާ ދެކޮޅަށް އަޑު އުފުލާނަން. އަޅުގަނޑުގެ އަޑު [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހަށް ކަނޑުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ ވަނީ މިދިޔަ އޮގަސްޓް މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް މާލޭގައި އިދިކޮޅުން ބޭއްވި އެއްވުމާ ގުޅުގެން ފުލުހަށް ހާޒިރުކުރުމުން ނޫސްވެރިންނާ ދެއްކެވި ވާހަކާގައި އަވަގުރާނަ ގޮވައިފަ އެވެ.