Roadha Mihaaru
ވައިޓް ހައުސް، ކޮންގްރެސްގެ ދެ ގެ ވެސް ބައިޑަން އަށް

ވައިޓް ހައުސް، ކޮންގްރެސްގެ ދެ ގެ ވެސް ބައިޑަން އަށް

07 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 7) - ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ވައިޓް ހައުސްގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން ނަންގަވާ އިރު ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ ކޮންޓްރޯލް ވެސް ބައިޑަން ހޯއްދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 7) - ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ވައިޓް ހައުސްގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން ނަންގަވާ އިރު ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ ކޮންޓްރޯލް ވެސް ބައިޑަން ހޯއްދަވައިފި އެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން ޑިމޮކްރެޓިކް ޕާޓީ އަށް ވައިޓް ހައުސް އާއި ސެނެޓް އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކޮންޓްރޯލް ލިބުނު ފުރަތަމަ ފަހަރެވެ.

ޖޯޖިއާގައި އިއްޔެ ބޭއްވި ސެނެޓުގެ އިންތިޚާބުގެ ފަހު ދެ ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ ދެ ކެންޑިޑޭޓުން ކަމަށްވާ ރަފައެލް ވާނޮކް އާއި ޖޮން އޮސޯފް ވަނީ ކާމިޔާބުކޮށްފަ އެވެ. ޖޯޖިއާގެ ވޯޓުގެ ދެ ވަނަ ބުރުގައި ވަނީ ހަތަރު މިލިއަނެއްހާ މީހުން ވޯޓުލައިފަ އެވެ. ދެ ވަނަ ބުރުގެ އިންތިޚާބު ބާއްވަން ޖެހުނީ ނޮވެމްބަރު މަހު ބޭއްވި ޖޯޖިއާގެ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައި ނުވާތީ އެވެ.

ޖޯޖިއާގެ ވޯޓު ޑިމޮކްރެޓިކް ކެންޑިޑޭޓް ވާނޮކް ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ސެނެޓަރު ކެލީ ލޮއެފްލާއާ ވާދަކުރައްވައި 50.7 ޕަސެންޓުންނެވެ. އަނެއް ކެންޑިޑޭޓް ޖޮން އޮސޮފް ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ސެނެޓަރު ޑޭވިޑް ޕާޑިއު ވާދަކުރައްވައި 50.28 ޕަސެންޓުންނެވެ.

ޖޯޖިއާގެ ނަތީޖާއާ އެކު ކޮންގްރެސްގެ މަތީގެ، ސެނެޓުގެ ގޮނޑީގެ އަދަދު ޑިމޮކްރެޓިކުންނާއި ރިޕަބްލިކަނުންނަށް 50-50 އިން އެއްވަރުވީ އެވެ. އެކަމަކު އެމެރިކާގެ ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހަރިސް ސެނެޓުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެތީ، ވޯޓު އެއްވަރު ވެއްޖެ ނަމަ ގޮތް ނިންމަވާނީ އެކަމަނާގެ ވޯޓުންނެވެ. އެހެންކަމުން މިއީ ޖޯ ބައިޑަންގެ ހެލްތުކެއާ އަދި މޫސުމަށް ބަދަލުއައުމާ ގުޅޭ މައްސަލަތަކުގައި އެމެރިކާ ސަރުކާރުން ގޮތް ނިންމުމަށް ފަސޭހަވާނެ ކަމެކެވެ. ބައިޑެންގެ ކެބިނެޓަށް ރުހުން ދިނުމުގެ ބާރު ވެސް ލިބިފައި ވަނީ ސެނެޓަށެވެ.

ޖޯޖިއާގައި ރިޕަބްލިކަން ޕާޓީ އަށް ލިބުނު ނާކާމިޔާބީގެ އިލްޒާމް ގިނަ ބަޔަކު އަޅުވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބޮލުގަ އެވެ. ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ބަލި ގަބޫލް ނުކުރައްވައި، ގޮތް ދޫނުކުރައްވައި ޓްރަމްޕް ހުންނެވުމަކީ ގިނަ ބަޔަކު ބަލައިގަތް ކަމެއް ނޫނެވެ.