Roadha Mihaaru
ކިމް ކާޑޭޝަނާއި ކަންޔޭ ވެސްޓް ވަރިވަނީ

ކިމް ކާޑޭޝަނާއި ކަންޔޭ ވެސްޓް ވަރިވަނީ

06 ޖެނުއަރީ 2021

އެމެރިކާގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ކިމް ކާޑޭޝަނާއި މިއުޒިޝަން ކަންޔޭ ވެސްޓްގެ ހަތް އަހަރު ކައިވެނި ރޫޅައިލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ކިމް ކާޑޭޝަނާއި މިއުޒިޝަން ކަންޔޭ ވެސްޓްގެ ހަތް އަހަރު ކައިވެނި ރޫޅައިލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިއީ މި ދެ މީހުންގެ ވަރިވާން އުޅޭ ކަމަށް އަޑުއެރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކަންޔޭ ވެސްޓް ނިންމި ހިސާބުން ވެސް، ކިމްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ކައިވެނީ ރޫޅުމުގެ އަޑުތައް ގަދަވި އެވެ. އެކަމަށް އިޝާރާތް ކަންޔޭ ޓްވީޓްތަކެއް ކުރި ނަމަވެސް، ފަހުން އެ ޓްވީޓްތައް ވަނީ ޑިލީޓްކޮށްލައިފަ އެވެ. އަދި 2018 އަކީ ވެސް މި ދެ މީހުންގެ ވަރީގެ ވާހަކަތައް ވަރަށް ހޫނުކޮށް ދެކެވުނު އަހަރެކެވެ.

ޕޭޖް ސިކްސް އިން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ކަންޔޭ ގާތުން ވަރިވާން ނިންމައި، ކިމް ވަނީ އެ މައްސަލާގައި އޭނާގެ ވަކީލަކަށް ލައުރާ ވެޒާ ވެސް ހަމަޖައްސައިފަ އެވެ. އެ ނޫހުން ބުނި ގޮތުގައި ކަންޔޭ އާއި ކިމްގެ ވަރީގެ ވާހަކަ އަކީ ހަމަ "ވަރަށް ސީރިއަސް" ވާހަކައެކެވެ.

ރިޕޯޓްތައް ބުނާގޮތުން ދެމަފިރިންގެ މެދުގައި ޖެހިފައިވާ ކުނީގެ ސަބަބުން، އާ އަހަރު ވެސް ފާހަގަކުރީ މި ފަހަރު ވަކިންނެވެ. ކަންޔޭ ވިއޮމިންގްގައި ދިރިއުޅެމުން އަންނަ އިރު، ކިމް ދިރިއުޅެނީ ލޮސް އެންޖެލިސްގަ އެވެ.

ކިމްގެ ގާތް ބަޔަކާ ހަވާލާދީ ޕޭޖް ސިކްސް އިން ބުނިގޮތުގައި، ރިއަލިޓީ ޝޯ ތަރިއެއްގެ ގޮތުގައި މަޝްހޫރުވި ކިމް މިހާރު ހުރީ ދެން ކަންޔޭއާ އެކު ހަޔާތުގެ ދުވަސްތައް ކުރިއަށް ނުގެންދަން ނިންމައިގެންނެވެ. އަދި ވެސްޓާ ގުޅުން ހުރި ބަޔަކާ ހަވާލާދީ ނޫހުން ބުނީ އޭނާ ވެސް މިހާރު ހުރީ ކާޑޭޝަން އާއިލާއާ ދުރަށް ދާން ބޭނުންވެފައި ކަމަށެވެ.

ކިމް އާއި ކަންޔޭ އަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2014 ގަ އެވެ. އަދި އެއީ ކިމްގެ ތިން ވަނަ އަދި ކަންޔޭގެ އަލަތު ކައިވެންޏެވެ.

ކިމް އެންމެ ފުރަތަމަ ކައިވެނި ލިރިސިސްޓް ޑޭމަން ތޯމަސްއާ އެވެ. ދެހާސް ވަނަ އަހަރު ކުރި އެ ކައިވެނި ރޫޅުނީ 2004 ގަ އެވެ. އޭގެ ފަހުން ކިމް 2011 ގައި ކައިވެނިކުރީ އެމެރިކާގެ ބާސްކެޓް ތަރި ކްރިސް ހަމްފްރިސްއާ އެވެ. އެ ކައިވެނި ރޫޅުނީ 2013 ގަ އެވެ.