Roadha Mihaaru
މިޔަރު އުރަހަ ބޭރުކުރަން އުޅުނީ އެންސިސްއެއް ނޫން

މިޔަރު އުރަހަ ބޭރުކުރަން އުޅުނީ އެންސިސްއެއް ނޫން: ވަސީމް

04 ޖެނުއަރީ 2021

ކަސްޓަމްސް އިން އިއްޔެ އަތުލައިގަތް މިޔަރު އުރަހަ ޝިޕްމެންޓަކީ އެންސިސް އިން ބޭރުކުރަން އުޅުނު އެއްޗެއް ނޫން ކަމަށް، އެންސިސް ފިޝަރީސް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކަސްޓަމްސް އިން އިއްޔެ އަތުލައިގަތް މިޔަރު އުރަހަ ޝިޕްމެންޓަކީ އެންސިސް އިން ބޭރުކުރަން އުޅުނު އެއްޗެއް ނޫން ކަމަށް، އެންސިސް ފިޝަރީސް އިން މިއަދު ބުނެފި އެވެ.

އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް "މިހާރު"އަށް ވިދާޅުވީ އެ ކުންފުނީގެ އެންޒީ ބްރޭންޑުގެ ފޮށިތައް ބޭނުން ކޮށްގެން މިޔަރު އުރަހަ ބޭރުކުރަން ބަޔަކު އުޅުމުގެ ސަބަބުން އެ ކުންފުނީގެ ރީތި ނަމަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ބަދަލު ހޯދަން އެކަން ކުރި ބަޔަކާ ދެކޮޅަށް މައްސަލަ ޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޮނުމަހާ އެއްކޮށްގެން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ހޯދީ ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެންނެވެ. ލޮނުމަހުގެ ގޮތުގައި ޑިކްލަރޭޝަން ހުށައަޅައިގެން ބޭރުކުރަން އުޅުނު ބައެއް އުރަހަ ބަންދުކޮށްފައި ހުރީ އެންޒީގެ ލޯގޯ ޖަހާފައި ހުރި ކަރުދާހު ފޮށިތަކުގަ އެވެ.

"އަޅުގަނޑުމެންގެ ފޮށިތަކުގައި ބަންދުކޮށްފައި ހުރީމަ ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދި. އޭގެ ސަބަބުން އަޅުގަނޑުމެންގެ ރެޕިއުޓޭޝަނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފަ މިއޮތީ،" ރާއްޖޭގައި އެންމެ ފުޅާކޮށް ކަންނެލި ބޭރުކުރަމުން އަންނަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

"ކަސްޓަމްސް އިން އެއޮތީ ވަރަށް ހާމަކޮށް ބުނެފައި އެއީ އަޅުގަނޑުމެން ކުންފުނިން ކުރި ކަމެއް ނޫނޭ."

ކަސްޓަމްސް އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މިޔަރު އުރަހަ ބޭރުކުރަން ޑިކްލަރޭޝަން ހުށަހެޅީ އެންޒީ އިން ނޫން ކަމަށެވެ.

ކަސްޓަމްސް އިން އިއްޔެ ކުރި ޓްވީޓު--

ކަސްޓަމްސް އިން ބުނީ އެގޮތަށް ޓްވީޓު ކުރީ އެންޒީގެ ފޮށިތަކެއްގައި މިޔަރު އުރަހަ ބަންދުކޮށްފައި ހުރުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފެއްދުމުން ކަމަށެވެ. އަދި ތަހުގީގުތައް ނިމުމުން ޑިކްލަރޭޝަން ހުށަހެޅި ބައެއްގެ ނަން ހާމަކުރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެންޒީ އަކީ އެންސިސްގެ އުފެއްދުންތައް ބާޒާރަށް ނެރޭ ބްރޭންޑް ނަމެކެވެ.