Roadha Mihaaru
ހާއްސަ ޕްރޮމޯޝަނަކާއެކު އެންޒީގެ މަސްފިހާރަ ހުޅުވައިފި

ހާއްސަ ޕްރޮމޯޝަނަކާ އެކު، އެންޒީގެ އާ މަސްފިހާރައެއް މާލޭގައި ހުޅުވައިފި

15 ޖެނުއަރީ 2020

މަހުގެ ތަފާތު އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުން އަންނަ އެންޒީގެ އާ ފިހާރައެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަހުގެ ތަފާތު އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެމުން އަންނަ އެންޒީގެ އާ ފިހާރައެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ގެ ކުރިމަތިން ލޮޓަސް ބައިކް ޝޮޕް ކައިރީގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.

އެންޒީގެ އާ މަސް ފިހާރަ ހުޅުވުމާ ދިމާކޮށް، އެންސިސް ގްރޫޕުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި، އެ ފިހާރަ އިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް މަސްދަޅެއް ހިލޭ ލިބޭނެ އެވެ. އިތުރު ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެންސިސް އިން ބުނެ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް، މާލޭގައި ހެދި އެންޒީގެ އާ ފިހާރަ މިރޭ ހުޅުއްވައި ދެއްވާއިރު އެ ކުންފުނީގެ އިސްބޭފުޅުން އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް، މާލޭގައި ހެދި އެންޒީގެ އާ ފިހާރަ މިރޭ ހުޅުއްވައި ދެއްވާއިރު އެ ކުންފުނީގެ އިސްބޭފުޅުން އަރިހުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެންޒީގެ މި ފިހާރަ އިން އެ ބްރޭންޑުގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ތާޒާ މަހާއި މަސް ދަޅާއި އެންޒީ ބޭކަރީގެ އުފެއްދުންތައް ހިމެނެ އެވެ.

އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ، އެ ކުންފުނިން ބޭނުން ވަނީ އަލަށް ހުޅުވި ފިހާރައިގައި އަމިއްލަ އުފެއްދުންތައް ވިއްކަން ކަމަށެވެ.

"ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ. އެންމެ ބޮޑަށް އަޅުގަނޑުމެން ބަލާ އެއް ކަމަކީ ބާޒާރުގައި މަހުގެ އަގު އުފުލުނަސް ކަސްޓަމަރުންނަށް އަތްފޯރާ ފަށެއްގެ އަގުތަކެއްގައި މަސް ވިއްކަން. މީގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ވަރަށް ބޮޑަށް ލިބޭ،" ވަސީމް ވިދާޅުވި އެވެ.

މާލޭގައި މިރޭ ހުޅުވި އެންޒީގެ އާ ފިހާރައިގައި، އެންޒީ ބްރޭންޑުގެ އުފެއްދުންތައް ޑިސްޕްލޭ ކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގައި މިރޭ ހުޅުވި އެންޒީގެ އާ ފިހާރައިގައި، އެންޒީ ބްރޭންޑުގެ އުފެއްދުންތައް ޑިސްޕްލޭ ކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އާ ސަރަހައްދެއްގައި އެންޒީގެ ފިހާރައެއް ހުޅުވަން ނިންމީ އެއީ އޮފީސްތަކާއި ސްކޫލްތައް ހިމެނޭ ހިސާބަކަށް ވުމުންނެވެ. އެންޒީގެ އާ މަސް ފިހާރަ ހުޅުވި ސަރަހައްދުގައި ގިނަ ސްކޫލްތަކެއްގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ އާއި އެންސްޕާ ފަދަ ސަރުކާރުގެ އޮފީސްތައް ހިންގަ އެވެ.

ވަސީމް ވިދާޅުވީ، ނާސްތާ އަށް ހާއްސަ ބާވަތްތައް ވެސް އެންޒީގެ އާ ފިހާރަ އިން ލިބޭނެ ކަމަށެވެ.

ކުދި ވިޔަފާރިތަކާ ގުޅިގެން އެންޒީގެ އުފެއްދުންތައް ރަށްރަށަށް

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެންސިސްގެ އެމްޑީ ވަސީމް، އެންޒީ ބްރޭންޑުގެ އުފެއްދުންތައް މިރޭ ބައްލަވައިލައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އޮފީހުގެ މިނިސްޓަރު އަދި އެންސިސްގެ އެމްޑީ ވަސީމް، އެންޒީ ބްރޭންޑުގެ އުފެއްދުންތައް މިރޭ ބައްލަވައިލައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވަސީމް ވިދާޅުވީ، އެންސިސް އިން މާލެ އާއި ހުޅުމާލޭގައި ފިހާރަތައް ހުޅުވިޔަސް ރާއްޖޭގެ އެހެން ރަށްރަށުގައި އެގޮތަށް ފިހާރަތައް ހުޅުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންވެ، އެންޒީގެ ބްރޭންޑުގެ އުފެއްދުންތައް ރަށްރަށުގައި ވިއްކަމުން ދާނީ މިހާރެކޭ އެއްގޮތަށް އެ ރަށެއްގެ ވިޔަފާރިވެރިންނާ ގުޅިގެންނެވެ.

"މީގެ އެންމެ ބޮޑު މަގްސަދަކީ ރަށްތަކުގެ ވިޔަފާރިވެރިންނަށް ވީހާ ވެސް ބޮޑު ސަޕޯޓެއް ދީގެން އެކަން ކުރުވުން،" ވަސީމް ވިދާޅުވި އެވެ.

އެންސިސް އިން ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި މަސްދަޅު ބަންދު ކުރާ ފެކްޓަރީގެ އުފެއްދުންތައް ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މިހާރު ލިބެން ހުރެ އެވެ. އެންޒީގެ އުފެއްދުންތައް ވިއްކަން މިހާރު ހަތަރު ފިހާރައެއް ވަނީ ހުޅުވައިފަ އެވެ. އެއީ މާލޭގައި ދޭއް އަދި ހުޅުމާލޭގައި ވެސް ހިންގާ ދެ ފިހާރަ އެވެ.