Roadha Mihaaru
ސާވިސް ޗާޖު ނެގުން: ހައްލަކަށް ވުރެ ސުވާލު ގިނަ!

ސާވިސް ޗާޖު ނެގުން: ހައްލަކަށް ވުރެ ބޮޑަށް ސުވާލުތަކެއް؟

03 ޖެނުއަރީ 2021

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހަވަނަ އިސްލާހުގެ ދަށުން، ސާވިސް ޗާޖާ ގުޅިގެން އަމަލުކުރާނެ އާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ވެސް ނަގަމުން އަންނަ ސާވިސް ޗާޖު ހަމަޔަށް ނުބަހާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުން ދިން ހައްލެކެވެ. މި ގޮތުން ޖަނަވަރީ 1، 2021 އިން ފެށިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނެގުން ލާޒިމުކޮށްފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހަވަނަ އިސްލާހުގެ ދަށުން، ސާވިސް ޗާޖާ ގުޅިގެން އަމަލުކުރާނެ އާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ވެސް ނަގަމުން އަންނަ ސާވިސް ޗާޖު ހަމަޔަށް ނުބަހާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުން ދިން ހައްލެކެވެ. މި ގޮތުން ޖަނަވަރީ 1، 2021 އިން ފެށިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނެގުން ލާޒިމުކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ސާވިސް ޗާޖު ބަހަން ޖެހޭނީ ކޮން ބަޔަކަށްތޯ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވަނީ ސާވިސް ޗާޖު ނަގަން ޖެހޭނީ ކޮން ހިދުމަތަކުންތޯ އާއި ސާވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދުތައް ބެހުމުގައި އަމަލުކުރަންވީ ކޮން އުސޫލަކުންތޯ އެވެ. މި ކަމާ ގުޅިގެން ވަކި ގޮތެއް ނިންމުމުގެ ކުރިން ވަޒީފާއާ ބެހޭ ގާނޫނުގައި އޮތީ ކީކޭތޯ ބަލައިލާނަމެވެ.

މި އިސްލާހުން އައި ބަދަލަކީ ކޮބާ؟

ވިޔަފާރީގެ ހިދުމަތްތަކުން، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން، ސާވިސް ޗާޖު ނެގުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް މީގެ ކުރިން ސާވިސް ޗާޖު ނެގުން ވަކި ބައެއްގެ މައްޗަށް ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން މަޖުބޫރުކޮށްފައެއް ނެތެވެ. މަޖުބޫރުކޮށްފައި އޮތީ ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނަގާ ހާލަތުގައި އޭގެ ތެރެއިން މަދުވެގެން 99 ޕަސެންޓް މުވައްޒަފުންނަށް ބެހުމަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން މަދުވެގެން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނެގުމަކީ މި ސިނާއަތުގައި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް ވެސް މަޖުބޫރު ކަމެކެވެ. އަދި މިފަދައިން އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާކޮށް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބެ އެވެ.

މީގެ މާނައަކީ ފަތުރުވެރި ކަމުގެ ސިނާއަތް ފިޔަވައި އެހެން ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނުނެގޭނެ ވާހަކައެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކަށް އެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކުން ސާވިސް ޗާޖު ނެގުމުގެ އިހްތިޔާރު ލިބެ އެވެ. ނަމަވެސް މި ހާލަތުގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނަގައިފި ނަމަ އެ އަދަދު މުވައްޒަފުންގެ މެދުގައި ބެހުން ލާޒިމެވެ.

މި ބަދަލު ގެނައީ ކީއްވެ؟

މުވައްޒަފުންނަށް ސާވިސް ޗާޖު ނުލިބޭ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ އެތައް މައްސަލައެއް ފެންމަތިވެފަ އެވެ. އެ ގޮތުން، ސާވިސް ޗާޖު ނަގަމުން ނުދާ ކަމަށާއި އަދި ނަގާ ބައެއް ފަރާތްތަކުން މުވައްޒަފުންގެ މެދުގައި އެ ފައިސާ ބަހަމުން ނުދާ ކަމަށް ބަޔާންކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ މުވައްޒަފުންތަކެއްގެ ކަންބޮޑުވުން މި ދިޔަ އަހަރު ވެސް ސަރުކާރުގެ އިސް ފަރާތްތަކަށް ހުށައެޅި އެވެ.

ނަތީޖާއެއްގެ ގޮތުން، ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭ އުސޫލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް 2019 ގައި ރިޕޯޓެއް އެކުލަވާލި އެވެ. އެގޮތުން، ހުރިހާ ރިޒޯޓެއްގައި އެއް ހަމައަކުން އަމަލުކުރަން ބާރު އެޅުމުގެ ގޮތުން، ރިޒޯޓުތަކުން ސާވިސް ޗާޖު ނެގުން ލާޒިމްކުރަން ފެނިވަޑައިގެންނަވާ ކަމަށް ކޮމިޓީގެ ނިންމުމުގައި ބަޔާންކުރި އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ 10 ޕަސެންޓް ކަމަށް ކަނޑައަޅައި، ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެންނަން ލަފާ ދިނެވެ.

ނަމަވެސް ކުރި ދިރާސާތަކުންނާއި އެކުލަވާލި ރިޕޯޓަށް ރިއާޔަތްކޮށް ވަޒީފާއާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ސާވިސް ޗާޖާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބުނުތޯ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

ސާވިސް ޗާޖު ނެގުން ލާޒިމުވަނީ ހިދުމަތުން އެކަނި

ސާވިސް ޗާޖުގެ އުސޫލުތަކަށް މި އައި ބަދަލާ އެކު، ފަތުވެރިކަމުގެ ސިނާއަތުގައި ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުން ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 ނަގަން މި މަހު އެއް ވަނަ ދުވަހުން ފެށިގެން ލާޒިމު ވާނެ އެވެ. މާނައަކީ، ފަތުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުން، ވަކި ހިދުމަތެއް އިސްތިސްނާނުވެ، ސާވިސް ޗާޖު ނަގަން ޖެހުމެވެ. މީގެ މިސާލަކީ ރިޒޯޓަކަށް އަންނަ ފަތުރުވެރިންނަށް ވިއްކާ ހޮލިޑޭ ޕެކޭޖުގެ އިތުރުން ސްޕާއިން ފޯރުކޮށްދޭ ހިދުމަތްތަކާއި، އެކްސްކާޝަންގެ ހިދުމަތުން ވެސް މަދުވެގެން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނަގަން ޖެހުމެވެ. ނައިޓް ފިޝިން އާއި ޑައިވް ދަތުރުތަކުގެ އަގުން ވެސް ސާވިސް ޗާޖު ނަގަން ޖެހޭނެ އެވެ. ނަމަވެސް ރިޒޯޓުގެ ގެސްޓް ޝޮޕުން ވިއްކާ ތަކެތީގެ އަގުން ސާވިސް ޗާޖު ނެގުން ލާޒިމެއް ނުކުރެ އެވެ.

ގާނޫނުގައި އޮތް ގޮތުން ސާވިސް ޗާޖު ނެގުން ލާޒިމުވަނީ ހަމައެކަނި ހިދުމަތުންނެވެ.

މި ކަމުގައި ބޮޑު ތަފާތެއް ފެންނާނީ ޖީއެސްޓީ ނެގުމުގެ އުސޫލުތަކާ އަޅާބެލުމުންނެވެ. ޖީއެސްޓީ ނަގަނީ މުދަލާއި ހިދުމަތުގެ އަގުންނެވެ. ނަމަވެސް ސާވިސް ޗާޖާ ގުޅިގެން ގާނޫނުގައި މުދަލުގެ ވާހަކަ ނުގެނައުމުގެ ހިކުމަތް ސާފެއް ނޫނެވެ.

ސާވިސް ޗާޖާ ގުޅިގެން ހުރި އާއްމު އުސޫލުތައް

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ސާވިސް ޗާޖާ ގުޅިގެން މުހިންމު ތިން ކަމެއް ބަޔާންކޮށްފައިވެ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި، ސާވިސް ޗާޖުގެ ގޮތުގައި ނަގާ އަދަދުތައް ބަހަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ މެދުގަ އެވެ. އެހެންކަމުން ސާވިސް ޗާޖު ހައްގުވާނީ މުވައްޒަފުންނަށް އެކަންޏެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދުތައް، މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކަށް ބަހަން ވަޒީފާއާ ބެހޭ ގާނޫނު ހުއްދައެއް ނުކުރެ އެވެ.

ޑައިވް ފެސިލިޓީތަކުގެ މުވައްޒަފުން ވެސް ހިމަނައިގެން ސާވިސް ޗާޖު ބަހާ ރިޒޯޓުތައް ވެސް މަދެއް ނޫނެވެ. އެހެންކަމުން އައު އުސޫލުތަކަށް އަމަލުކުރަން ފެށުމާ އެކު ސާވިސް ޗާޖު ކުރިން ލިބެމުން އައި ބަޔަކަށް އެ މިންވަރަށް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދެވަނަ ކަމެއްގެ ގޮތުން، ފާއިތުވި މަހު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އަދަދުތައް ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބެހުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މިފަދައިން ސާވިސް ޗާޖު ބެހުމުގައި ވަޒީފާ ދޭ ފަރާތަށް އުނިކުރެވޭނީ އިދާރީ ހަރަދުގެ ގޮތުގައި އޭގެ އެއް ޕަސެންޓަށް ވުރު އިތުރުނުވާ އަދަދެކެވެ. މި އިދާރީ ހަރަދު އުނިކުރުމުން ބާކީވާ އަދަދަކީ ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ މެދުގައި އެއްކޮށް ބަހަން ޖެހޭ އަދަދެކެވެ. އެހެންކަމުން، މި މަހު ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދު އަންނަ ފެބުރުވަރީ މަސް ނިމުމުގެ ކުރިން، މުވައްޒަފުންގެ މެދުގައި ބަހައި ނިންމަން ޖެހޭނެ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުން، ސާވިސް ޗާޖު ބެހުމުގައި އެ ތަނެއްގައި ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކީ މަނާކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސާވިސް ޗާޖު ބަހާއިރު ތަނުގައި މަސައްކަތްކުރާ ޖޫނިއަ މުވައްޒަފުން ފެށިގެން، އިދާރީ މުވައްޒަފުން، ފަންނީ މުވައްޒަފުން އަދި ތަނުގެ ސީނިއަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖުގެ ގޮތުގައި ލިބޭނީ އެއްވަރެކެވެ.

ގާނޫނުން ސާފުނުވާ ބައެއް ކަންތައް

ސާވިސް ޗާޖާ ގުޅިގެން ގާނޫނީ އުސޫލުތަކެއް އެކުލަވާލީ ގިނަ މައްސަލަތަކާ ކުރިމަތިވެގެން ނަމަވެސް މިއާ ގުޅިގެން އުފެދޭ ގިނަ ސުވާލުތަކެއް އެބަ ހުއްޓެވެ. ބައެއް ކަންކަން ހުލާސާކޮށްލާނަމެވެ.

[އައުޓްސޯސްޑް ފެސިލިޓީތަކު]ގެ ސާވިސް ޗާޖާ ގުޅިގެން އަމަލުކުރާނީ ކިހިނެއް؟

ގާނޫނުގައި އޮތީ ސާވިސް ޗާޖު ބެހުމުގައި އެ ތަނެއްގައި ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ހިމަނަންވާނެ ކަމަށާއި، އަދި ހިދުމަތް ދިނުމުގައި ސީދާ އަދި ނުސީދާކޮށް ބައިވެރިވާ އެންމެހައި މުވައްޒަފުން ހިމަނަންވާނެ ކަމަށެވެ. މި ތަނުގައި މުހިންމު ލަފުޒަކީ [މުވައްޒަފު] އެވެ. ރިޒޯޓުތަކުގައި ހިންގާ ޑައިވް ސްކޫލްތަކާއި ސްޕާތައް ފަދަ އައުޓްސޯސްޑް ފެސިލިޓީތަކުގެ ސާވިސް ޗާޖާ ގުޅިގެން އުފެދޭ ސުވާލަށް ޖަވާބެއް ދެވެނީ މި ލަފުޒުންނެވެ.

މިސާލަކަށް ޖެހިލާ ނަމަ، އޭބީސީ ރިޒޯޓުގައި ހިންގާ ޑައިވިން ފެސިލިޓީ އޮޕަރޭޓްކުރަނީ ތިން ވަނަ ފަރާތެއް ކަމަށްވާ ޒެޑް އިންވެސްޓްމަންޓުންނެވެ. މާނައަކީ، އެ ޑައިވިން ފެސިލިޓީގައި އުޅޭ މުވައްޒަފުންނާ އަދި އެތަނުގައި ގެންގުޅޭ ސާމާނުތަކާ އޭބީސީ ރިޒޯޓާ ގުޅުމެއް ނެތެވެ. އެ ތަނުގެ މަސްއޫލުވެރިޔަކަށް ވާނީ އެ ތަން އޮޕަރޭޓްކުރާ ތިން ވަނަ ފަރާތެވެ. އެއީ ޒެޑް އިންވެސްޓްމަންޓެވެ.

އެހެންކަމުން، ޑައިވިން ފެސިލިޓީން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ނަގާ ސާވިސް ޗާޖަކީ ޑައިވިން ފެސިލިޓީގެ މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ އަދަދެކެވެ. މިއީ އޭބީސީ ރިޒޯޓުގެ މުވައްޒަފުންނަށް ލިބޭނެ އަދަދުތަކެއް ނޫނެވެ. ހަމަ އެހެންމެ، ރިޒޯޓުން ނަގާ ސާވިސް ޗާޖަކީ ޑައިވް ފެސިލިޓީގެ މުވައްޒަފުންނަށް ބެހޭނެ އެއްޗެއް ވެސް ނޫނެވެ.

އެކަމަކު ޑައިވް ފެސިލިޓީތަކުގެ މުވައްޒަފުން ވެސް ހިމަނައިގެން ސާވިސް ޗާޖު ބަހާ ރިޒޯޓުތައް ވެސް މަދެއް ނޫނެވެ. އެހެންކަމުން އައު އުސޫލުތަކަށް އަމަލުކުރަން ފެށުމާ އެކު ސާވިސް ޗާޖު ކުރިން ލިބެމުން އައި ބަޔަކަށް އެ މިންވަރަށް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެއް ކުންފުނީގެ ދަށުން ހިންގާ އެކިއެކި ތަންތަން ހުންނަ ހާލަތުގައި އަމަލުކުރާނީ ކިހިނެއް؟

ހުރިހާ މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖު ބަހަންވާނެ ކަމަށް ބުނުމުގެ އިތުރުން، ސާވިސް ޗާޖު ބެހުމުގައި (އެ ތަނެއްގައި) ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި ބައިވެރިވާ އެންމެހައި މުވައްޒަފުންނަށް ސާވިސް ޗާޖު ބަހަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިސާލަކަށް ބަލާލަމާ ހެއްޔެވެ. އޭބިސީ އިންވެސްޓްމަންޓަކީ ތިން ރިޒޯޓު ހިންގާ ކުންފުންޏެކެވެ. ތިން ރިޒޯޓުގައި މަސައްކަތްކުރާނީ ތަފާތު މުވައްޒަފުންތަކެކެވެ. މީގެ އިތުރުން، ކުންފުނީގެ އިދާރީ ބޭނުންތަކަށް މާލޭގައި ކުންފުނީގެ އޮފީހެއް ގާއިމުކޮށްފައި ހުރެ އެވެ.

މާލެ އޮފީހުގެ މުވައްޒަފުން ތިން ރިޒޯޓާ ގުޅޭ މަސައްކަތްތައް ވެސް ކުރާނެ އެވެ. މި ހާލަތުގައި ސާވިސް ޗާޖު ބެހުމުގައި އަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެ ރިޒޯޓަކުން ނަގާ ސާވިސް ޗާޖު ބަހާނީ އެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ހެއްޔެވެ؟ މި ފަދައިން އަމަލުކޮށްފި ނަމަ މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ލިބޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ރިޒޯޓަކުން ވެސް، ސާވިސް ޗާޖުގެ އަދަދުތައް ބެހުމުގައި މާލެ އޮފީހުގައި މަސައްކަތްކުރާ މީހުން ހިމަނާނީ ހެއްޔެވެ؟ ނުވަތަ ރިޒޯޓުން ސާވިސް ޗާޖު ބަހާނީ ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ހެއްޔެވެ؟ އެހެން ނޫން ނަމަ، ތިން ރިޒޯޓުން ނަގާ ސާވިސް ޗާޖުގެ އަދަދުތައް [ޕޫލް] ކުރުމަށް ފަހު، ހަމަހަމައަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހާނީ ހެއްޔެވެ؟ އަދި މި ގޮތަށް ތިން ރިޒޯޓަކީ ތިން ފެންވަރެއްގެ ރިޒޯޓު ކަމަށްވާ ނަމަ ސާވިސް ޗާޖުގެ ބެހުމުގައި އަމަލުކުރަން ޖެހޭ ގޮތް ތަފާތުވާނެ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލެއްގެ ޖަވާބު ގާނޫނުން އެހާ ސާފެއް ނޫނެވެ.

މި ބަޔާންކުރި ކޮންމެ ހާލަތަކުން ވެސް ނުކުންނަ ނަތީޖާ ތަފާތެވެ. އަދި ވަކި ގޮތަކަށް އަމަލުކޮށްފި ނަމަ، ބައެއް މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބި ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. މިސާލަކަށް، ސާވިސް ޗާޖު ދޭން ޖެހެނީ ހިދުމަތް ދޭ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަނި ކަމަށްވާ ނަމަ އެއާޕޯޓް ރެޕުންނަކަށް ސާވިސް ޗާޖެއް ނުދެވޭނެ އެވެ. ހަމަ އެހެންމެ ހިދުމަތް ދިނުމުގައި ނުސީދާ ގޮތުން ހަރަކާތްތެރިވާ މީހުންނަށް ދޭން ގާނޫނުގައި ބުނި ނަމަވެސް މާލެ އޮފީހުގައި މަސައްކަތްކުރާ މީހުންނަށްކަށް ވެސް ނުލިބޭނެ އެވެ. ހަމަ މިއާ އެކު، ގިނަ ރިޒޯޓުތަކުން މިހާރު ސީނިއާ މެނޭޖްމަންޓަށް (މިސާލަކަށް ރިޒޯޓުގެ ޖެނެރަލް މެނޭޖަރަށް) ސާވިސް ޗާޖު ނުދިން ނަމަވެސް ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ބަހަން ޖެހޭތީ ދެން ސާވިސް ޗާޖު ބަހަން ޖެހޭނީ ޖެނެރަލް މެނޭޖަރު ވެސް ހިމަނައިގެންނެވެ.

މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ މިހާރަށް ވުރެ މި މާއްދާ ސާފުކޮށް ލިޔުމެވެ. އެހެން ނޫން ނަމަ، ސާވިސް ޗާޖު ބެހުމުގައި އެކި ފަރާތްތަކުން އެކި ގޮތަށް އަމަލުކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މި ކަން މި ގޮތަށް ވެއްޖެ ނަމަ، މި ގެނައި އިސްލާހުގެ ދަށުން ހާސިލްކުރަން ބޭނުންވި ނަތީޖާ ހާސިލުނުވެ، މި ކަމާ ގުޅިގެން މުވައްޒަފުންގެ އިތުރު ކަންބޮޑުވުންތަކެއް ކުރިމަތިވެދާނެ އެވެ. އެކަމަކު އިތުރު މައްސަލަތަކެއް ނުނިކުންނާނެ ފަދަ ހައްލެއް ރައްޔިތުންގެ މަޖިލީހަށް ހޯދައިދެވެން އެބަ އޮތެވެ.

އެޑިޓަރުގެ ނޯޓު

ރަފާ ރަޝީދަކީ ސީޓީއެލް ސްޓްރެޓެޖީސްގެ ގާނޫނީ ވަކީލެކެވެ. އެ ފާމުގެ ފަރާތުން ތަމްސީލުކުރާ ވަޒީފާއާ ބެހޭ ގިނަ މައްސަލަތަކެއްގައި ވަކީލެއްގެ ހައިސިއްޔަތުން ރަފާ ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.