Roadha Mihaaru
ގުޅިފަޅުގައި ރިމާންޑު ސެންޓަރު ހަދަން ކަނޑައަޅައިފި

ގުޅިފަޅުގައި ރިމާންޑު ސެންޓަރު ހަދަން ކަނޑައަޅައިފި

31 ޑިސެމްބަރ 2020

ގުޅިފަޅުގައި ރިމާންޑް ސެންޓަރު ހެދުމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުޅިފަޅުގައި ރިމާންޑް ސެންޓަރު ހެދުމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވައިފި އެވެ.

މިއީ، މީގެ ނުވަ އަހަރު ކުރިން ތަންފީޒުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ މަރުކަޒެކެވެ. އެ ގާނޫނަށް އަމަލުކުރާތާ 18 މަސް ދުވަހުގެ ތެރޭގައި ރިމާންޑު ސެންޓަރެއް ހަދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުންޏަސް އެފަދަ މަރުކަޒެއް ހަދާފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އެ ތަން ހިންގުމަށް ހަމަޖައްސާފައި ވަނީ ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކާއެކު އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް ފަހުގަ އެވެ.

ޑިސެމްބަރު 31، 2011 ގައި އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން، ރިމާންޑް ސެންޓަރަށް ގެންދާނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ސެންޓަރުގައި ބައިތިއްބައިގެން އަސާސީ ފަރުވާދިނުމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމައްޗާއި އާއްމު ތަންތަނުން ގިނައިން ފެންނަމުން ދަނީ އެފަދަ މަރުކަޒެއް ނެތުމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރުމަށް ފަހު ވެސް ގިނަ ފަހަރަށް ޖެހެނީ އެ މީހުން ދޫކޮށްލާށެވެ. އެއާއެކު، އަނެއްކާ ވެސް އެ ކަމުގެ އެތެރެއަށް މީހުން ވަދެގެން ދެ އެވެ.