Roadha Mihaaru
އުމުރުން 14، މައްސަލަތަކުގެ އަދަދު 350 އިން މަތި

އުމުރުން 14، ޑްރަގްގެ 50 މައްސަލަ، 350 ފަހަރު ސުވާލުކޮށްފި!

21 ފެބުރުއަރީ 2022

ކުއްޖާގެ އުމުރުން އަދި ވީ 14 އަހަރެވެ. އެކަމަކު މިދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަތަކުގައި 50 އަށްވުރެ ގިނަ ފަހަރު ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. އެކި މައްސަލަތަކުގައި މިހާތަނަށް 354 ފަހަރު ފުލުހުން މި ކުއްޖާއާ މުއާމަލާތުކުރަން ޖެހިފައިވެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުއްޖާގެ އުމުރުން އަދި ވީ 14 އަހަރެވެ. އެކަމަކު މިދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ އެކި މައްސަލަތަކުގައި 50 އަށްވުރެ ގިނަ ފަހަރު ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. އެކި މައްސަލަތަކުގައި މިހާތަނަށް 354 ފަހަރު ފުލުހުން މި ކުއްޖާއާ މުއާމަލާތުކުރަން ޖެހިފައިވެ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި މީޑިއާ އިވެންޓްގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 13-18 އަހަރާ ދެމެދުގެ 932 ކުއްޖަކު މީގެ ކުރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ކެޓަގަރީތަކުގެ ތެރެއިން އެންމެ ގިނައީ 18 އަހަރުގެ ކުދިންނެވެ. އެ އުމުރުގެ 525 ކުދިން ހައްޔަރުކޮށްފައިވެ އެވެ.

މާލެ ސަރަހައްދުން ކުޑަކުދިންނާ ގުޅޭ ޑްރަގްގެ މައްސަލަތައް އެންމެ ގިނައީ މާލޭގަ އެވެ. އެއީ މާލެއިން 9،047 މައްސަލަ، ހުޅުމާލެއިން 1،011 އަދި ވިލިމާލެއިން 960 މައްސަލަ އެވެ.

އެފްސީޕީޑީން ބުނީ ގޭގައި ކުޑަކުދިން ބަންދުކުރުމަށް ފަހު އެ ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތުގައި ކުޑަކުދިން ބައިވެރިކުރުވާ ކަމަށެވެ.

އެ ފަދަ އޮޕަރޭޝަނެއްގައި ތަނެއް ބަލައި ފާސްކުރިއިރު ކުޑަކުއްޖަކު ލައިގެން ހުރި ޖިންސުގެ ޖީބުން މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އަދި އެ މައްސަލައިގެ އެންމެ ބޮޑު ތުހުމަތުކުރެވޭ މީހާ ކުއްޔަށް ހިފާފައި ހުރި ގޭގެ ތަޅުދަނޑި އެ ކުއްޖާގެ ޖިންސުން ފެނިފައިވާ ކަމަށް ވެސް، އެފްސީޕީޑީން މައުލޫމާތު ދެއްވި އޮފިސަރު ވިދާޅުވި އެވެ.

އެ ކުދިން ރެކްރޫޓްކުރުމަށް، އެ ކުދިންނަށް ކުރީބައިގައި ހުންނަނީ ކިޔައިދީފައި ފުލުހުން އައިސްފިއްޔާ އަމަލުކުރަންވީ ގޮތާއި މައްސަލައިގައި ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތް. މި ގޮތަށް ރެކްރޫޓުކޮށްފައި މި ހުންނަނީ: އެފްސީޕީޑީ

ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުނެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ގުޅިގެން އެހެން ގެއެއް ބަލައި ފާސްކުރިއިރު ކުޑަކުދިން ބޭތިއްބުމަށް ވަކި ކޮޓަރިއެއް ފެނުނު ކަމަށެވެ.

"އެ ކުދިން ރެކްރޫޓްކުރުމަށް، އެ ކުދިންނަށް ކުރީބައިގައި ހުންނަނީ ކިޔައިދީފައި ފުލުހުން އައިސްފިއްޔާ އަމަލުކުރަންވީ ގޮތާއި މައްސަލައިގައި ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތް. މި ގޮތަށް ރެކްރޫޓުކޮށްފައި މި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

"އެ ކުޑަކުދިން ތިބި ކޮޓަރިން ފުލުހުން ބަލައި ފާސްކުރެވުނު މަސްތުވާތަކެތީގެ ތެރޭގައި ހަތަރު ސެލޯފިން ހިމެނޭ. ބޭނުންކުރާ މިންގަނޑަށް މަސްތުވާތަކެތި ފެނިފައި މި ވަނީ،"

އެ ތަނުން ކުއްޖެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅުމަށް މެެދުވެރިވީ އެ ކުދިންގެ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތެވެ. އަދި އާއިލާގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ދަރިންނަށް އިހުމާލުވުމުން އެ ކުދިން މުޖުތަމައުއަށް ނުކުތުމަކީ ވެސް ކުށްކުރުމަށް މަގުފަހިވާކަން ފާހަގަކުރި އެވެ. އޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޓާގެޓުކޮށްގެން އެ ކުދިންނަށް ރަނގަޅު ގޮތް ހަދައިދޭނެ ކަމަށް ބުނެ އެ ކުދިންގެ މައިންބަފައިންގެ ރުހުމާ އެކު އަދި ރުހުމާނުލައި އޮޅުވާލައިގެން މާލެ ގެނެސް ގްރޫމްކޮށް އެކްސްޕްލޮއިޓުކޮށް އެ ކުދިންގެ ބޭނުން ނަމަހަގޮތުގައި ހިފާ ކަމަށް އެފްސީޕީޑީން ބުންޏެވެ.

ފުލުހުން ބުނީ މައިންބަފައިންނާއި މުއައްސަސާތަކުން ކުދިންގެ ކަންތައްތައް އެކަށީގެންވާ ގޮތަށް މޮނީޓާ ނުކުރެވޭތީ ވެސް ކުށް ކުރުމަށް މަގުފަހިވާ ކަމަށެވެ.

ފުލުުހުން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން "ޑްރަގް ކެފޭ" ނުވަތަ އައްޑާތަކުން އާއްމުކޮށް 1،118 ދިވެހިން ހިދުމަތް ހޯދާއިރު، އޭގެ ތެރޭގައި ގަވައިދުން ހިދުމަތް ހޯދާ 14 ކުއްޖަކު ހިމެނެ އެވެ.