Roadha Mihaaru

ދެ މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ގޯސްކޮށް ކަމަށް ބްރޯޑްކޮމް އިން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ދެ މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ގޯސްކޮށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ނިންމައިފި އެވެ.

"ދެ މިލިއަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ގޯސްކޮށް"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ދެ މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ގޯސްކޮށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ނިންމައިފި އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ޔާމީންގެ ސަރުކާރުގައި މަޖިލީހުން ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން، އެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ރާއްޖެ ޓީވީ ފަސް ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ އަބުރުގެ ގާނޫނު އުވާލުމުގެ އިސްލާހެވެ.

އެއްފަހަރާ އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރީ އޮގަސްޓް، 2018 ގައި ދެ މިލިއަން ރުފިޔާއިންނެވެ. އެއް މަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގި އެންގުން ފަސްކުރަން ސިވިލް ކޯޓަށް ވެސް އޭރު ހުށަހެޅި އެވެ. ނަމަވެސް ގާނޫނުގައި އޭރު ބުނީ މައްސަލަ ބަލައިގަނެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށެވެ. އެހެންވެ އެ ޓީވީ ސްޓޭޝަނުން ހުށަހެޅި މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު، ފަންޑު ފޮށި ބަހައްޓައިގެން ދެ މިލިއަން ރުފިޔާ ހޯދުމަށްފަހު އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާފައިވެ އެވެ.

ރާއްޖެ ޓީވީން އަބަދުވެސް ބުނަމުން ދިޔައީ އެ ސްޓޭޝަން ޖޫރިމަނާކުރީ ނުހައްގުން ކަމަށެވެ. އެހެންވެ ޖޫރިމަނާކުރި މައްސަލަ ރިވިއުކުރަން ހުށަހެޅުމުން ބްރޯޑްކޮމް އިން މިއަދު ވަނީ އެކަމާ މެދު ގޮތެއް ނިންމައި މައްސަލަ ނިންމައިފަ އެވެ.

ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަމެއް ރިވިއުކުރެވޭނެ ގޮތެއް ބްރޯޑްކޮމްގައި މީގެ ކުރިއަކުން ނޯވެ އެވެ. ނަމަވެސް އާ މެމްބަރުންނާ އެކު މި ފަހުން ވަނީ މައްސަލަތައް ރިވިއުކުރާނެ ގޮތްތަކެއް ކަނޑައަޅައި އެކަމަށް ހުޅުވާލައިފަ އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކޯ-ފައުންޑަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޫރިމަނާ ދެއްކި ފައިސާ އެ ޓީވީއަކުން ބޭނުމެއް ނުކުރާނެ ކަމަށެވެ. ފައިސާ ލިބުމުން އެ ހަދިޔާކުރާނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ ޓީވީއަށް މުހިއްމީ އިންސާފު. އެކަން ވެއްޖެ،" ސަލީމްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮށި ބެހެއްޓި އެވެ. އަދި އެ ފަންޑު ފޮށި ހިފައިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް އެ ސްޓޭޝަންގެ ނޫސްވެރިން ދަތުރުކުރި އެވެ.