Roadha Mihaaru
އަސާސީ ބޭސްތައް ނުހުންނަ ފާމަސީތަކަށް ފިޔަވަޅު އަޅަނީ

އަސާސީ ބޭސްތައް ނުހުންނަ ފާމަސީތަކަށް ފިޔަވަޅު އަޅަން ނިންމައިފި

29 ޑިސެމްބަރ 2020

އަސާސީ ބޭހުގެ ގޮތުގައި ކަނޑައަޅާފައިވާ ބޭސްތައް ފާމަސީތަކުން ހުސްވެއްޖެ ނަމަ ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަސާސީ ބޭހުގެ ގޮތުގައި ކަނޑައަޅާފައިވާ ބޭސްތައް ފާމަސީތަކުން ހުސްވެއްޖެ ނަމަ ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމައިފި އެވެ.

"ބޭހާ ބެހޭ ގަވާއިދު"ގައި ބަޔާންކޮށްފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އަސާސީ ބޭސްތައް ހުރިހާ ފާމަސީއަކުން ލިބެން ޖެހޭނެެ ކަަމަށެވެ. ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ފާމަސީއެއްގައި އެއްވެސް އަސާސީ ބޭހެއް ނެތް ނަމަ މީގެ ފަހުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަސާސީ ބޭހުގެ ލިސްޓުގައި ޖުމްލަ 160 ބޭހެއް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަސާސީ ބޭސްތައް އަބަދު ވެސް ލިބެން ޖެހޭނެ ކަމަށާއި އަދި އެކަން ކަށަވަރު ކުރުމަކީ ބޭސް ވިއްކާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ބޭސް ހުސްވުމުން ބަލި މީހުންނަށް ކުރިމަތިވާ ދަތިތައް ފާހަގަކޮށް، އެކަމާ ހިތާމަ ކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބޭހާ ބެހޭ ގަވާއިދުގައި ހިމެނޭ ކަންކަމާ ހިލާފުވެއްޖެ ނަމަ، ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި ތިން ފިޔަވަޅެއް އެޅުމުގެ ބާރު އެމްއެފްޑީއޭ އަށް ލިބިފައި ވެ އެވެ. އެއީ ނަސޭހަތް ދިނުމަށް ފަހު އިސްލާހުކުރަން މުއްދަތެއް ކަނޑައެޅުމުގެ ބާރާއި 500-2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، އެމްއެފްޑީއޭ އިން ދޫކޮށްފައިވާ ހުއްދަ 14 ދުވަހަށް ސަސްޕެންޑްކުރުމުގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބާރެވެ.

ބޭސް ސިޓީ ލިޔެ އުޅޭ އުސޫލު ބަދަލުކުރަން ހެލްތު މިނިސްޓްރީން މިހާރު ފަށައިފައިވާ ކަމަށް ވެސް ވެ އެވެ. އޭގެ ތެރޭގައި ވަކި ބްރޭންޑެއްގެ ބޭސް ބޭސް ސިޓީގައި ލިޔުމުގެ ބަދަލުގައި، އެ ބޭހެއްގެ ޖެނެރިކް ނަން ބަދަލުކުރުން ހިމެނެ އެވެ.