Roadha Mihaaru
ސިވިލް ސާވަންޓުންގެ ފްލެޓްތަކުގެ ވަގުތީ ލިސްޓު ނެރެފި

ސިވިލް ސާވަންޓުގެ 1000 ފްލެޓުގެ ވަގުތީ ލިސްޓު އާއްމުކޮށްފި

28 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި "ހިޔާ" މަޝްރޫއުގައި ސިވިލް ސާވަންޓުންނަށް ޚާއްސަކުރި 1،000 ފްލެޓުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި "ހިޔާ" މަޝްރޫއުގައި ސިވިލް ސާވަންޓުންނަށް ޚާއްސަކުރި 1،000 ފްލެޓުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.

ފްލެޓް ކޮމިޓީން ބުނީ ސިވިލް ސާވިސް އިން ފްލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓް ދީފައި ވާނީ ޔާމީންގެ ސަރުކާރުން އިއުލާން ކޮށްފައިވާ ޝަރުތުތަކާއި މިންގަނޑުތަކަށް ކަމަށެވެ. ވަގުތީ ލިސްޓާއެކު، އެ މިންގަނޑު ވެސް ވަނީ ގެޒެޓްކޮށްފަ އެވެ.

މި ކެޓަގަރީގައި ޕޮއިންޓް ދީފައި ވަނީ ޖެނުއަރީ، 15، 2018 ގެ ނިޔަލަށް ޚިދުމަތް ކޮށްފައިވާ މުއްދަތާއި ތައުލީމީ ސެޓްފިކެޓްތަކަށެވެ. މި ކެޓަގަރީ އަށް ފޯމު ހުށަހަޅައި ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާ އިން ވަކިވެފައިވާ ނަމަ އެ މީހެއްގެ ފޯމު ބާތިލްވާނެ އެވެ. ފްލެޓަށް ދެމަފިރިން ޝަރުތުހަމަވެ ހޮވިއްޖެ ނަމަ، ހަވާލު ކުރާނީ އެކަކާ ކަމަށް އޭރު ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ސިވިލް ސާވަންޓުންގެ ތެރެއިން ފްލެޓް ލިބޭ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓު އާއްމުކުރުމާ އެކު ހުރިހާ ކެޓަގަރީއެއްގެ ވަގުތީ ލިސްޓު ނެރެ ނިމުނީ އެވެ. ފައިނަލް ލިސްޓުތައް މި މަހުގެތެރޭގައި ނެރޭނެ ކަމަށް ފްލެޓް ކޮމިޓީން ކުރިން އޮތީ ބުނެފަ އެވެ.