28 ޑިސެމްބަރ 2020
ލޮކްޑައުންގެ ސިއްހީ އުޒުރުގައި ތިބެ ސްކޫލުކުދިންގެ ކިޔެވުން ފުރިހަމައަށް ނުގެންދެވުމުން ދަރިވަރުންނަށް އިޔާދަކުރަން ދަތި ގެއްލުންތައް ލިބޭ ކަމަށާއި، އިތުރަށް ގެއްލުން ލިބުން މިހާރު ނުހުއްޓުވިއްޖެ ނަމަ ޅަ ޖީލެއްގެ އެތައް ދަރިވަރުންތަކެއްގެ ތައުލީމީ ހަޔާތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ ކަންބޮޑުވުން، އައިލެންޑާސް އެޑިއުކޭޝަންގެ ސްކޫލްތަކުން ފާޅުކޮށްފި އެވެ.
ލޮކްޑައުންގެ ސިއްހީ އުޒުރުގައި ތިބެ ސްކޫލުކުދިންގެ ކިޔެވުން ފުރިހަމައަށް ނުގެންދެވުމުން ދަރިވަރުންނަށް އިޔާދަކުރަން ދަތި ގެއްލުންތައް ލިބޭ ކަމަށާއި، އިތުރަށް ގެއްލުން ލިބުން މިހާރު ނުހުއްޓުވިއްޖެ ނަމަ ޅަ ޖީލެއްގެ އެތައް ދަރިވަރުންތަކެއްގެ ތައުލީމީ ހަޔާތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ ކަންބޮޑުވުން، އައިލެންޑާސް އެޑިއުކޭޝަންގެ ސްކޫލްތަކުން ފާޅުކޮށްފި އެވެ.
އައިލެންޑާސް އިން އަންނަނީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި، ފިންލަންޑް އިންޓަނޭޝަނަލް ސްކޫލާއި، އަމީރު އަހުމަދު ކޮމިއުނިޓީ ޕްރީ ސްކޫލް އަދި ކެންގަރޫކިޑްސް އިންޓަނޭޝަނަލް ސްކޫލް ހިންގަމުންނެވެ.
ކެންގަރޫކިޑްސް އާއި ބިލަބޮންގް ހައި ޑްރީމް ކެމްޕަސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވީ ދިގު މުއްދަތަކަށް ސްކޫލަށް ނުދެވުމުން ދަރިވަރުން ކިޔެވުމާ މެދު ފޫހިވުމާއި އުނގެނުމުގައި ލިބުނު ގެއްލުން ނުވަތަ "ލާނިން ލޮސް"ގެ ސީރިއަސްކަމުގެ ސަބަބުން ސްކޫލުތައް ހުޅުވުން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ނުވަ މަސްދުވަހު ހުރިހާ ސްކޫލްތަކުން ކިޔަވައިދިނަސް މިވަގުތު މުހިންމީ އެކުދިންނަށް ކިޔަވައިދިން އެއްޗެއް ދަސްވި މިންގަނޑު ބެލުމެވެ. ކިޔެވުމާ މެދު ކުދިންގެ ޝައުގުވެރިކަން އާލާކުރެވޭނީ އެކުދިންނަށް ސްކޫލަށް އާދެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ތަހުމީނާ ވިދާޅުވި ގޮތުގައި ބޭރުގެ ގިނަ ގައުމުތަކުގައި ކޮވިޑް ފެތުރުމުގެ ބާރުމިނަށް ބަލައި އަޅާ ލޮކްޑައުންގެ ކޮންމެ ފިޔަވަޅެއްގެ މަރުހަލާގައި އެހެން ހުރިހާ ޚިދުމަތެއްގެ ކުރިއަށް ދަރިވަރުންނަށް ސްކޫލުގައި ކިޔެވުމުގެ މަގު ފަހިކޮށްދެ އެވެ. ނަމަވެސް މިއާ ޚިލާފަށް ރާއްޖޭގައި ޕާކުތަކާއި، ބީޗްތަކާއި ފެމިލީ ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވައި، މާލޭގެ މަގުމަތީގައި އާންމު ދުވަސްތަކެކޭ އެއްގޮތަށް ގިނަ އަދަދެއްގެ މީހުން ހޭލަމޭލަވެ، އެއްވުންތައް އެއްވާ ހިސާބަށް އާދެވުނު އިރު ވެސް ބަލިމަޑުކަމުގެ އުޒުރުގައި ސްކޫލްތައް ނުހުޅުވުމަކީ މައްސަލައެއް ކަމަށް، އޭނާ ފާހަގަކުރެއްވި އެވެ.
"މިތަންތަނަށް ވުރެ ސްކޫލުތަކުން ދަރިވަރުންގެ ރައްކާތެރިކަމަށް މާ ގާތުން ސަމާލުކަން ވެސް ދެވޭނެ. ކޮވިޑާ ގުޅިގެން ކުރިން ސްކޫލުތައް ބަންދުކުރި ނަމަވަސް، އެ ހާލަތު މިހާރު ބޮޑުތަނުން މިދަނީ ރަނގަޅުވަމުން،" ތަހުމީނާ ވިދާޅުވި އެވެ.
"ކޮވިޑް ކޭސްގެ އަދަދު ސުމަކަށް އަރާނެ ދުވަހަކީ އެއްވެސް މީހަކަށް އެނގޭނެ ދުވަހެއް ނޫން. އަދި އެދުވަހެއް އަންނަންދެން ދަރިވަރުންނަށް އަސާސީ ހައްގެއް ފުރިހަމައަށް ހޯދައިނުދެވި މިހާ ގިނަ ދުވަހު މަޑުކުރުމަކީ ވަރަށް ދެރަކަމެއް."
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޑރ. އޭޔާ ވެލަންނޭ ވިދާޅުވީ ހުރިހާ ސްކޫލަކުން ވެސް ލޮކްޑައުން ތެރޭގައި އޮންލައިން ޒަރީއާއިން ކިޔަވައިދިނުން ކުރިޔަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ފިޒިކަލް ކޮންޓެކްޓާ ނުލާ އޮންލައިންކޮށް ހަމައެކަނި ފިލާވަޅު ގެންދިޔުމުގައި ހުންނަ ބައެއް ކަހަލަ ގޮންޖެހުންތަކުގެ ސަބަބުން ބައެއް ކޮންސެޕްޓްތައް ދަރިވަރުންނަށް ފަހުމްވުމުގައި މައްސަލަތައް ދިމާވި ކަމަށް ވިދާޅުވި އެވެ.
"އެ ދިމާވި މައްސަލަތަކަށް އަޅާލެވުނީ ކިހާ ވަރަކަށްތޯ، އެކުދިންނަށް ހާސިލްވި މިންވަރު އޮންލައިން ޒަރީއާއިން ފުރިހަމައަށް ވަޒަންކުރެވުނީ ކިހާވަރަކަށްތޯ ވިސްނާލަން ޖެހޭ. މި ބައިތައް ވީ އެންމެ އަވަހަކަށް ފިޒިކަލް ކްލާސްރޫމްތަކުގެ ތެރެއިން ދަރިވަރުންނަށް ފުރިހަމަކޮށްދޭން އެބަ ޖެހޭ،" ޑރ. އޭޔާ ވިދާޅުވި އެވެ.
ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވީ އޯލެވެލް ހަދާ ދަރިވަރުންނަށް ސްކޫލު ތެރޭގައި މުދައްރިސުންނާ އެއްކޮށް، ވީހާވެސް ގިނަ ވަގުތު ހޭދަކުރުން މުހިންމު ކަމަށެވެ. އަދި އަންނަ އަހަރު ސްކޫލްތައް ނުހުޅުވާ އިތުރަށް ބަންދުކުރުމަކީ އޮޕްޝަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފެށޭ އަހަރުގެ މޭ ޖޫން މަހަށް އޯލެވެލް އިމްތިހާނަށް ތައްޔާރުވާން މިހާ ވަގުތު ކުޑަތަން ވެފައިވާއިރު މި މުއްދަތުގެ ތެރޭގައި އޭޕްރީލްމަހު ރަމަޟާންމަސް ވެސް އެބަ އާދޭ. އެހެންވީމާ ފުލް ސްކޭލްގައި ސްކޫލަށް ހާޒިރުވެ އިމްތިހާނަށް ތައްޔާރުވާން މިއޮތީ ގާތްގަނޑަކަށް ތިން މަސްދުވަސް،" ޝާނިމް ވިދާޅުވި އެވެ.
"ލޮކްޑައުންއާ ގުޅިގެން އަދި އިތުރަށް ދަރިވަރުންނަށް ސްކޫލަށް ހާޒިރު ނުވެވޭ ގޮތް ވެއްޖެ ނަމަ، އިމްތިހާނަށް ތައްޔާރުވުމުގައި ބުރޫއަރައި، މޮމެންޓަމް ގެއްލި މީގެ އިމްޕެކްޓް ވަރަށް ބޮޑަށް އޯލެވެލް ހަދާ ދަރިވަރުންނަށް ކުރާނެ."
އައިލެންޑާސް އިން ހަމަޖައްސާފައި ވަނީ ހުއްދަ ލިބިއްޖެ ނަމަ އެތަނުގެ ޕްރީސްކޫލްތަކުގެ ކްލާސްތަކަށް ކުދިން ގެންގޮސްގެން ހަފްތާއަކު ތިން ދުވަހު ކިޔަވައިދޭށެވެ. ބާކީ ދުވަސްތަކުގައި އޮންނާނީ އޮންލައިން ކްލާސްތަކެވެ. ގްރޭޑް 1 އިން ފެށިގެން މައްޗަށް، ހުރިހާ ދުވަހެއްގައި ވެސް ދަރިވަރުން ސްކޫލަށް ގެންނަ ގޮތަށް އައިލެންޑާސް އިން ވަނީ ނިންމައިފަ އެވެ.
އައިލެންޑާސް އެޑިޔުކޭޝަންގެ ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް އަލުން ހުޅުވުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލޭ ސަރަހައްދުގެ ދަރިވަރުންނަށް ކަމަށެވެ.
އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވާލީ ހަމައެކަނި ގްރޭޑް 7 އިން މައްޗަށް ކަމަށް ވުމެވެ. އެ ގެއްލުންތަކުން ސަލާމަތްވާން، އޭނާ އުއްމީދުކުރައްވަނީ، ޖެނުއަރީ މަހު މާލޭ ސަރަހައްދުގެ ސްކޫލްތައް އެއްކޮށް ހުވާލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ލޮކްޑައުން ނިމުމަކަށް އައިސް ޖަނަވަރީ މަހުން ފެށިގެން ސްކޫލްތައް ދަރިވަރުންނަށް ހުޅުވާލެވުން،" އަދްލީ ވިދާޅުވި އެވެ.
"ސަރުކާރުން ހުއްދަ ދެއްވިހާ އަވަހަކަށް އައިލެންޑާސްގެ ދަށުން ހިންގަމުން އަންނަ ހުރިހާ ސްކޫލެއް ހުޅުވާނެ. އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް މިތިބީ ތައްޔާރަށް."
ހުނަރުވެރިންގެ ދަތިކަމަށް ފިންލެންޑު ސްކޫލުން ހައްލު
މުއްދަތު ދިގުކުރި ދިރާސީ އަހަރުގެ ބޭނުން ގެއްލެނީ
ކެންގަރޫ ކިޑްސް: ސްކޫލަށް ބެލެނިވެރިންގެ ތައުރީފު
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ
އޯލޫ ޔުނިވާސިޓީން ޓީޗަރުން ތަމްރީނު ކުރަނީ
އައިލެންޑާސް އެޑިއުކޭޝަނުން ކުޅިވަރާ ބެހޭ އެކަޑަމީއެއް
އައިލެންޑާސްއިން އޭލެވެލް ދަރިވަރުންނަށް ފަހި ފުރުސަތެއް
އަހުމަދިއްޔާގެ ކާމިޔާބީގެ އަސްލަކީ އަހުލާގު
ކެންގަރޫ ކިޑްސްގެ އެސްކޭޖީން ހާއްސަ ފުރުސަތެއް
ކެންގަރޫ ކިޑްސްގެ އެޑްމިޝަނަށް މާދަމާ ހުޅުވާލަނީ