Roadha Mihaaru
ކުރިއަށް އޮތް ދިހަ ދުވަހަށް 40،000 ޓޫރިސްޓުން

އަހަރު ނިމުމުގެ ކުރިން އިތުރު 40،000 ޓޫރިސްޓުން ގެންނާނަން: މައުސޫމް

20 ޑިސެމްބަރ 2020

އަހަރު ނިމެން މި އޮތް 10 ދުވަހު އިތުރު 40،000 ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަހަރު ނިމެން މި އޮތް 10 ދުވަހު އިތުރު 40،000 ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ފަށަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމު ވިދާޅުވީ މިހާރު ވެސް 18 އަށް ވުރެ ގިނަ އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ އިރު ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ވެސް މައްޗަށް ދާނެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ ހަފްތާގައި ވަނީ ބައި މިލިއަނަށް އަރައިފަ އެވެ. މިއީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައިސް ޖުލައި މަހު އަލުން ހުޅުވާލި ފަހުން ސަރުކާރުން ކަނޑައެޅި އަމާޒެކެވެ.

ކަނޑުމަތީގެ ޓޫރިޒަމްގެ މުހިއްމު ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ދިގު ތާރީހުގައި ސަފާރީ ބޯޓުތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ސަފާރީތައް ބޮޑުވެ، ރިސޯޓުތަކާ އެއް ހަމައެއްގައި ހިދުމަތް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ބޯޓިން އާއި ކްރޫޒް ޓޫރިޒަމް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ފުޅާވަމުން. މީގެ ތިން އަހަރު ކުރިން ހުރި ސަފާރީ ބޯޓުތައް މިއަދު ފެންނަނީ ލަގްޒަރީ ޔޮޓްތަކުގެ ގޮތުގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ފެން ކަމަށް ވާ އިރު ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމުގައި ކަނޑު ދަތުރުފަތުރު މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

ރާއްޖޭގައި އިތުރު ސާފިން ޕޮއިންޓްތަކާއި އިތުރު ޑައިވް ޕޮއިންޓްތައް ވެސް ހާއްސަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.