Roadha Mihaaru
ހުޅުމާލޭން ދެގަޑިއިރުގެ ތެރޭގައި 18 ޓަނުގެ ކުނި

ހުޅުމާލޭން ދެގަޑިއިރުގެ ތެރޭގައި 18 ޓަނު ކުނި

20 ޑިސެމްބަރ 2020

ހުޅުމާލޭގެ އެތަންމިތަނަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހިންގި ހަރަކާތުގައި އެންމެ ދެގަޑި އިރުގެ ތެރޭގައި 18 ޓަނުގެ ކުނި ނަގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ އެތަންމިތަނަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހިންގި ހަރަކާތުގައި އެންމެ ދެގަޑި އިރުގެ ތެރޭގައި 18 ޓަނުގެ ކުނި ނަގައިފި އެވެ.

"ސާފު ހުޅުމާލެ" ނަމުގައި އިއްޔެ ހަވީރު 4:00 އިން 6:00 އަށް، އެތައް ބައެއްގެ ބައިވެރިވުމާ އެކު ނެގި ކުނިތައް އެއްތަނަކަށް ޖަމާކޮށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެންމެ ގިނައީ ޕްލާސްޓިކް ފުޅި އާއި ޑިސްޕޮސަބްލް ތަށި ފަދަ ތަކެއްޗެވެ. އާންމުންނާއި އެކި މުއައްސަސާތަކުން މީހުން ބައިވެރި މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ހުޅުމާލޭން އިއްޔެ ނެގި ކުނިތައް ބޮޑެތި ޖަންބޯބޭގަށް އަޅައި އެއް ތަނެއްގައި އަތުރާލުމަށް ފަހު ނަގާފައިވާ ފޮޓޯތަކާ އެކު ކޮސްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއީ 18 ޓަނުގެ ކުނި ކަމަށެވެ. އެ ޓްވީޓަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެހެން ނޫނީ ސާފުކުރިޔަސް ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަަމަށެވެ.

ކުނީގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރި މީހުން ބުނެފައިވަނީ މާދަމާ އަނެއްކާވެސް ކުނި އަޅަން ފަށާނެ ކަމަށާއި ކުނީގެ ގިނަ ކަމުން ދައްކައިދެނީ ދިވެހިން މަގުތަކަށާއި ހުސްތަންތަނަށް ކުނިއެޅުން އާންމު ކަމަކަށް ހަދާފައިވާ މިންވަރު ކަމަށެވެ.

ހުޅުމާލެ ސާފުކުރަން އިއްޔެ ހިންގި ހަރަކާތުގައި ނަގާފައިވާ ކުނި އެއް ތަނަކަށް ޖަމާކޮށްފައި. ދެގަޑިއިރުގެ ތެރޭގައި ނެގި ކުނީގެ ބަރުދަނުގައި 18 ޓަނު ހުރި. ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ސާފުކުރަން އިއްޔެ ހިންގި ހަރަކާތުގައި ނަގާފައިވާ ކުނި އެއް ތަނަކަށް ޖަމާކޮށްފައި. ދެގަޑިއިރުގެ ތެރޭގައި ނެގި ކުނީގެ ބަރުދަނުގައި 18 ޓަނު ހުރި. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ބައެއް ޕާކްތަކާއި ގޮނޑުދޮށްތަކާއި މަގުތަކަށް މީހުން ކުނި އަޅާއިރު އެތަނުގައި ގިނަ އަދަދެއްގެ ޑަސްބިން ވެސް ގާތްގާތުގައި ބަހައްޓާފައި ހުރެ އެވެ. ފެރީ ޓާމިނަލް ކައިރީގައި އޮތްނަ ޕާކާއި އެ ސަރަހައްދުގެ ބަނދަރުގެ އެއްގަމު ތޮށި ކައިރިއަށް ވަރަށް ގިނައިން ކުނި އަޅާފައި ހުންނަތަން އާއްމުކޮށް ފެނެ އެވެ. އެކަމަކު އެ ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ޑަސްބިން އަބަދު ވެސް ހުރެ އެވެ. ބީޗް ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ޑަސްބިން ހުންނައިރު ކޮފީ ބޮއެފައި ހުންނަ ޑިސްޕޮސަބްލް ތައްޓާއި ޕްލާސްޓިކް ފުޅި ބިންމައްޗަށާއި އެތަނުގައި ހުންނަ ބެންޗުތަކުގެ މަތީގައި އުކާލާފައި ހުރެ އެވެ.

ގިނަ އަދަދެއްގެ ގެސްޓްހައުސް ވެސް ހިންގާ ހުޅުމާލޭގެ ބީޗުގައި ކުނީގެ މައްސަލަ މި ފަހުން މާ ބޮޑުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު އުނދަގޫވެ ގިނަ ބަޔަކު އެކި މުނާސަބުތައް ފާހަގަކުރުމާއި ޕިކްނިކް ހެދުމަށް ހުޅުމާލެ އަށް ދާން ފެށި ފަހުންނެވެ.