Roadha Mihaaru
އެންމެ އުނދަގޫ މެޗަށް ގްރީން މިރޭ ނުކުންނަނީ

އެންމެ އުނދަގޫ މެޗަށް ގްރީން މިރޭ ނުކުންނަނީ

19 ޑިސެމްބަރ 2020

ކްލަބް ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ބޮޑެތި ޓީމުތައް މާޔޫސްކޮށްލައި ލީގުގެ ކުރިއަށް ޖެހިލުން ކަމަށް އެ ޓީމުން ބުނެފަ އެވެ. ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ އަތުން 1-0 އިން ގްރީން ސްޓްރީޓްސް ބަލިވިއިރު، ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް މިރޭ ނުކުންނައިރު މިއީ އެންމެ އުނދަގޫވާނެ މެޗުގެ ގޮތުގައި ނިސްތާރު ގަބޫލުކުރެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކްލަބް ގްރީން ސްޓްރީޓްސްގެ ޓާގެޓަކީ ބޮޑެތި ޓީމުތައް މާޔޫސްކޮށްލައި ލީގުގެ ކުރިއަށް ޖެހިލުން ކަމަށް އެ ޓީމުން ބުނެފަ އެވެ. ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ އަތުން 1-0 އިން ގްރީން ސްޓްރީޓްސް ބަލިވިއިރު، ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް މިރޭ ނުކުންނައިރު މިއީ އެންމެ އުނދަގޫވާނެ މެޗުގެ ގޮތުގައި ނިސްތާރު ގަބޫލުކުރެ އެވެ.

"އަސްލު އަނެއްހެން ބަލައިފިއްޔާ އެންމެ އުނދަގޫ މެޗު މިއީ. އަޅުގަނޑަށް ހީވަނީ ގައުމީ ޓީމުގެ ދެ ބައި ކުޅަ އެއްބައި އެ އޮތީ އެ ޓީމު (މާޒިޔާ)ގައި ކަންނޭނގެ. އެހެން ނަމަވެސް އެއީކީ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ ޕްލޭޔަރުންނަކީ އެ މީހުންނަށް ވުރެ މޮޅުވާނެއޭ ބުނަން ބޭނުންވާ ބައެއް. މިއީ އަޅުގަނޑުމެންގެ އެކަން ސާބިތުކުރަން ލިބޭ ފުރުސަތެއް،" ކުރިން އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމު ގޮވައިގެން ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނިސްތާރު ބުންޏެވެ.

މިދިޔަ ސީޒަނުގައި ނިސްތާރު ކޯޗުކޮށްދިން ފޯކައިދޫ ޓީމުން ވަނީ މާޒިޔާއާ 0-0 އިން އެއްވަރުކޮށްފަ އެވެ. އެ މެޗުގައި ފޯކައިދޫން ވަރުގަދަ މާޒިޔާ ޓީމު ހިފެހެއްޓީ ޓީމެއްގެ ގޮތުގައި ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެ ކައުންޓަ އެޓޭކުގައި ފުރުސަތު ތަނަވަސްކުރަން މަސައްކަތްކޮށްގެންނެވެ. މިއީ ޓީމު އެކަތިގަނޑަކަށް ވެގެން އެންމެ ރަނގަޅަށް ނަތީޖާ އަށް މަަސައްކަތްކުރަން ޖެހޭ މެޗުގެ ގޮތުގައި ގަބޫލުކުރަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނިސްތާރު ބުނީ އަބަދުވެސް އޭނާގެ ވިސްނުމަކީ ޓީމު އެކަތިގަނޑަކަށްވުން ކަމަށެވެ.

"ކޮންމެ މެޗެއް ވެސް ނަގަނީ ތިގޮތަށް. ލީގުގައި ނީންނާނެ އީޒީ ގޭމެއް. ދެން ހަމަ އަޅުގަނޑުމެން ޓީމަކީ ހުސް އެއް ވަރެއްގެ ކުދިންތަކެއް. ކެޕްޓަން ރިލޭ (ރިލްވާން ވަހީދު) އަކީ ހުރިހާ ކުދިން ގޮވައިގެން އުޅެން ވަރަށް މޮޅު މީހެއް. އެހެންވީމަ އިރާދަކުރެއްވިއްޔާ ޓިމު ސްޕިރިޓްއާ އެއްޗެހި ވަރަށް ރަނގަޅަށް އޮތީ،" ނިސްތާރު ބުންޏެވެ.

ގްރީން އިން އެންމެ ފުރަތަމަ ވިސްނީ ސްޕެއިނުގެ އެންހެލް މުނޯޒް އެންމެ ފޯވާޑަކަށް ލައިގެން ކުޅެން ކަމަށާއި އެކަމަކު ޕްރީ ސީޒަނުގައި މުހައްމަދު މުސްލިހު (މުއްޓި) ދެއްކި ކުޅުމުން އޭނާ ޓީމުގެ ޓޮޕް ސްޓްރައިކަރަކަށްލާން ނިންމާފައިވާ ކަމަށް ނިސްތާރު ބުންޏެވެ.

"ޕްރީ ސީޒަން ތެރޭގައި މުސްލި (މުއްޓި) ދެއްކި ކުޅުމަށް ބަލާއިރު އަޅުގަނޑަށް ނެތް އޭނާ އެތަނުން ނެގޭކަށް. އެހެންވީމަ އެ އެޖަސްޓްމަންޓެއް ގެނެސްފައި އެ ހުރީ. ވެލެންސިއާ މެޗުަގައި ވެސް އެންމެ ރަނގަޅަށް ކުޅުނު އެކަކު މުއްޓި އަކީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ އެޕްރޮޕްރިއެޓް ޕްލޭޔަރު އޭނަ އަކީ އެ ތަނަށް،" ކުރިން އީގަލްސް އާއި ނިއު ރޭޑިއަންޓަށް ކުޅުނު ފޯވާޑާ ބެހޭގޮތުން ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ މުހައްމަދު ރިސްވާން (ފުކޭ) އަށް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައިވާއިރު، އެންހެލް ވެސް މުޅިން ފިޓް ނޫން ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.