17 ޑިސެމްބަރ 2020
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ އެޕޮއިންޓްމެންޓަށް ހުޅުވާލައި ސްކޭން ކޮށްދޭން ފަށާފައިވާ ކަމަށެވެ. އެގޮތަށް، ގަމު ހޮސްޕިޓަލުން އެންމެ ފުރަތަމަ ހަދައިދީފައި ވަނީ މީހެއްގެ ސިކުނޑީގެ ސްކޭނެކެވެ.
ނަޝީދު ވިދާޅުވިގޮތުގައި، ސްކޭންގެ ހިދުމަތް އެންމެ ފުރަތަމަ ދޭނީ ހަފުތާއަކު ތިން ދުވަހެވެ. ނަމަވެސް ޑިމާންޑް އޮންނަ ވަރަކުން ދުވަސްތައް އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
ގަމު ހޮސްޕިޓަލުގައި މި ވަގުތު ދެ ރޭޑިއޮލޮޖިސްޓާއި ދެ ރޭޑިއޯގްރާފަރުން އެބަތިއްބެވެ. ސްކޭން ހައްދައިދޭނީ ޝްޕެޝަލިސްޓް ޑޮކްޓަރެއް އެކަމަށް ރިކޮމެންޑުކުރުމުން އެޕޮއިންޓްމަންޓް ހެދުމަށް ފަހުގަ އެވެ.
ގިނަ ބަޔަކު ފަރުވާ ހޯދާ ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައިދެއްވީ މި މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ ކުރިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށިއިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވެސް އެމްއާރުއައިގެ ހިދުމަތް ދެ އެވެ.
ނަޝީދު ވިދާޅުވީ، އެކްސިޑެންޓުތައް ގިނަ ގަމުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ. މިހާރު ވެސް ގަމުން، މާލެ އަށް ފޮނުވާ ދެ ބައިކުޅަ އެއްބައި މީހުންނަކީ ސީޓީ ސްކޭން ހަދަން ފޮނުވާ މީހުންކަން އޭނާ ފާހަގަކުރެއްވި އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި މީހަކު ސީޓީ ސްކޭން ހަދަނީ.-- ފޮޓޯ: ގަމު ރީޖަނަލް ހޮސްޕިޓަލް
"ވަރަށް ކުޑަ އޮޕަރޭޝަން ވެސް ނުކުރެވި މި ހުންނަނީ ސީޓީ ސްކޭން ނެތިގެން. ސީޓީ ސްކޭން ހެދޭ ނަމަ ވަރަށް ގިނަ އޮޕަރޭޝަންތައް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިނަސް ކަހަލަ ކުދި އޮޕަރޭޝަން ކުރުމުގެ ކުރިން ވެސް ސީޓީ ސްކޭނެއް ހަދަން ޑޮކްޓަރުން ބޭނުންވެ އެވެ. މީގެ ކުރިން އެކަމަށް އޮތް ހުރަހަކީ ސްކޭނެއް ކުރެވެން ނެތުމެވެ.
ކޮވިޑް-19 ގެ ސަބަބުން މާލެ އަށް ދަތުރުކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން ގިނަ ބަޔަކު މިހާރު ފަރުވާ ހޯދަމުން އަންނަނީ އަތޮޅު ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލްތަކުންނެވެ. އެތަނުން އެންމެ ބިޒީއެއް ހޮސްޕިޓަލަކީ ގަމު ރީޖަނަލް ހޮސްޕިޓަލެވެ.
ނަޝީދު ވިދާޅުވީ، 600-700 އާ ދެމެދުގެ މީހުން އެޕޮއިންޓްމަންޓް ހައްދަން ކޮންމެ ދުވަހަކު ވެސް ގުޅާ ކަމަށެވެ. ނަމަވެސް އެ ތަނުން ފަރުވާ ދެނީ އެވްރެޖްކޮށް 350-400 މީހުންނަށެވެ. ކޮވިޑުގެ ހާލަތު އައުމުގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދިީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އެއްހާ މީހުންނެވެ. އެ އަދަދު އެއަށް ވުރެ އިތުރުވަނީ ހޮނިހިރު ދުވަހު އެކަންޏެވެ. އެހެންވެ ނަޝީދު ވިދާޅުވީ ފަރުވާ ދިނުމުގައި ގަމު ހޮސްޕިޓަލަށް އާއްމުންގެ އިތުބާރު ހޯދިފައިވާ ކަމަށެވެ.
"އެގޮތަށް ފަރުވާ ހޯދާފައި މީހުން ފީޑްބެކް އެބަ ދޭ، [ގަމު ރީޖަނަލް ހޮސްޕިޓަލުން] ރަނގަޅު ފަރުވާ ލިބެން ހުރި ކަމެއް ކުރިއަކުން ނޭނގޭއޭ. މި ރަށު މީހުންނަށް ފަރުވާގެ ކަންކަން އޮތް ގޮތް އެނގޭނެ. އެކަމަކު މެދުރާއްޖެތެރޭގައި ދިރިއުޅޭ މީހުންނަށް މިހާރު އެނގިއްޖެ މާލެ ނުދިޔަސް ފަސޭހައިން ފަރުވާ ލިބެން އެބަހުރިކަން،" ނަޝީދު ވިދާޅުވި އެވެ.
ގަމު ހޮސްޕިޓަލުގައި ދެ ރޭޑިއޮލޮޖިސްޓާއި ދެ ރޭޑިއޯގްރާފަރުން އެބަތިއްބެވެ. ހޮސްޕިޓަލުގައި މި ވަގުތު 30 ޑޮކްޓަރުން މަސައްކަތް ކުރެ އެވެ.
ނަޝީދު ވިދާޅުވީ މި ދަތި ދުވަސްވަރު މުހިއްމު ހިދުމަތެއް ފެށުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެކަމުގައި ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމަށާއި ސަރުކާރުން ކޮށްދިން މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މާލެ ނުދެވޭތީ ލ. ގަމު ހޮސްޕިޓަލަށް ވެސް ބާރުބޮޑު
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ސަރުކާރުން ހައްލެއް ހޯދައި ނުދެވުމުން މަޖިލީހަށް!
ގަމުގައި ސިޒޭރިއަން ހެދި މީހެއް ހާލު ދެރަވެ މާލެއަށް
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އަންގައިފި
މާމެންދޫ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ
މަސްފެންގަނޑަކަށް ވެއްޓި، ސީރިއަސްވި ކުއްޖަކު މާލެއަށް
ކުޅުދުއްފުށީގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާ ފަށައިފި