Roadha Mihaaru
މަރުގެ މައްސަލައެއް ބޭރުކޮށްލީ ރަނގަޅަށް: ހައިކޯޓް

ދައުވާކުރުން ލަސްވުމުން މަރުގެ މައްސަލައެއް ބޭރުކޮށްލީ ރަނގަޅަށް: ހައި ކޯޓް

16 ޑިސެމްބަރ 2020

މަރުގެ މައްސަލައެއްގައި ދައުވާކުރުން ލަސްވުމުން އެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަރުގެ މައްސަލައެއްގައި ދައުވާކުރުން ލަސްވުމުން އެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2017 ގައި މާލޭގެ އައިޓަމްސް ފިހާރަ ކައިރިން ވ. ކެޔޮދޫ، ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރެއިން އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ.

ބިރުދެއްކުމާއި ނުރައްކާތެެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތައް ހައްޔަރުކުރާ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ކޯޓަށް ފޮނުވަން ޖެހޭނެ އެވެ. އެކަމަކު އިންސާފު ގާއިމުކުރުމަށްޓަކައި އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެކަން އިތުރުކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ. ސައްމާހުގެ މައްޗަށް ދައުވާކުރީ ދައުވާ ކުރުމުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރުމަށް ފަހު، އޭނާ ހައްޔަރު ކުރިތާ 58 ދުވަސް ފަހުންނެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އިންސާފު ގާއިމްކުރުމަށްޓަކައި ދައުވާ ކުރުމުގެ މުއްދަތު އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެފައި ވިޔަސް، އެކަށީގެންވާ ކުރު މުއްދަތަކީ ކޮބައިކަން އެ ގާނޫނުގައި ނެތް ކަމަށެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ދައުވާ ކުރަންޖެހޭ 30 ދުވަހުގެ މުއްދަތަށް ރިއާޔަތްކޮށް، އެކަށީގެންވާ ކުރު މުއްދަތަކީ އެއީ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށާއި އެކަމަކު ސައްމާހުގެ މައްޗަށް ދައުވާކުރީ އެ މުއްދަތު ވެސް ފާއިތުވި ފަހުން ކަމަށްވާތީ އެ މައްސަލަ ބޭރުކޮށްލީ ރަނގަޅަށް ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެގޮތަށް ހުކުމް ކުރެއްވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އަޣުލަބިއްޔަތުންނެވެ.

ރައުޔު ތަފާތުވި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބަލަން އެ ކޯޓަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

އިސް ފަނޑިޔާރު ހާތިފްގެ ރައުޔުގައިވަނީ އެކަށީގެންވާ ކުރު މުއްދަތު މާނަކުރަން ޖެހޭނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ 30 ދުވަހުގެ މުއްދަތަށް އެކަނި ބަލައިގެން ނޫން ކަމަށާއި ވަކި ހާލަތްތަކެއްގައި 30 ދުވަހަށް ވުރެ ވެސް އިތުރަށް ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރެވޭ ގޮތަށް އެ ގާނޫނުގައި އެބައޮތް ކަމަށް އެ ރައުޔުގައިވެ އެވެ.

އެހެންވެ، ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރަންޖެހޭ ހާލަތްތަކުގައި ޖުމްލަ 60 ދުވަހަށް މުއްދަތު އިތުރު ކުރެވިދާނެ ކަމަށް އިސް ފަނޑިޔާރުގެެ ރައުޔުގައިވެ އެވެ. އަދި ސައްމާހުގެ މައްޗަށް ދައުވާކުރީ 58 ދުވަސް ފަހުން ކަމަށްވާތީ އެކަށީގެންވާ ކުރު މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައިވާ ކަމަށް އެ ރައުޔުގައިވެ އެވެ.

މޫސަގެ މަރާ ގުޅިގެން އިތުރު ބަޔަކަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަތައް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.