Roadha Mihaaru
އެޕް ސްޓޯރަށް "ނިއުޓްރިޝަން ލޭބަލް"

އެޕް ސްޓޯރަށް "ނިއުޓްރިޝަން ލޭބަލް"

16 ޑިސެމްބަރ 2020

އެޕަލްގެ އެޕް ސްޓޯރުން އެޕްތައް ޑައުންލޯޑްކުރުމުގެ ކުރިން އެއީ ކަސްޓަމާ ޕްރައިވެސީ ކަށަވަރުކޮށްދޭ އެއްޗެހިކަން އަންގައިދިނުމުގެ ގޮތުން "ނިއުޓްރިޝަން ލޭބަލް" ހިމަނަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އެޕް ސްޓޯރުން އެޕްތައް ޑައުންލޯޑްކުރުމުގެ ކުރިން އެއީ ކަސްޓަމާ ޕްރައިވެސީ ކަށަވަރުކޮށްދޭ އެއްޗެހިކަން އަންގައިދިނުމުގެ ގޮތުން "ނިއުޓްރިޝަން ލޭބަލް" ހިމަނަން ފަށައިފި އެވެ.

އެޕް ސްޓޯރަށް މި ފީޗާ ގެންނަކަން ޖޫން މަހު އިއުލާންކުރި ފަހުން ބައެއް ޕްލެޓްފޯމްތަކުނާއި ބައެއް ޑިވެލޮޕަރުންގެ ފަރާތުން ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. ނަމަވެސް އެޕަލް އިން ބުނި ގޮތުގައި "ނިއުޓްރިޝަން ލޭބަލް" ގެ މައިގަނޑު މަގުސަދަކި އެޕްތަކުގެ ސައްހަކަމާއި ރައްކާތެރިކަން ޔަގީންކޮށް ދިނުމެވެ. އަދި މިއީ ސީދާ އެޕަލްގެ އެޕްތަކަކާ އެކު އެހެން ޑިވެލޮޕްޓަރުންގެ އެޕްތަކަށް ވެސް ހިނގާނެ އުސޫލެއް ކަމަށް ބުންޏެވެ.

އެޕަލް އިން ބުނި ގޮތުގައި "ނިއުޓްރިޝަން ލޭބަލް" އަކީ ބާޒާރުން ގަންނަ ކާ އެއްޗެހީގައި ނިއުޓްރިޝަން ލޭބަލްގައި ހުންނަ ގޮތަށް އެ އުފެއްދުމަކާ ބެހޭ އަސާސީ ވަރަށް ގިނަ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ އެއްޗެކެވެ.

އެގޮތުން އެ އެޕަކުން ކަސްޓަމަރެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ނަގާތޯ އާއި ނަގާ ނަމަ އެއީ ކިހިނެއް، ކޮން އުސޫލަކުން، ކޮން ގޮތަކަށް ކޮން އިރަކު ހިނގާނެ ކަމެއްތޯ އެނގެން އޮންނާނެ އެވެ. އަދި އެއްވެސް މައުލޫމާތެއް ޑިވެލޮޕްޕަރުންގެ ބޭނުމަށް ރައްކާކުރާނެ އެ މައުލޫމާތެއް ބޭނުންކުރާނެ ގޮތް ވެސް އެނގެން ހުންނަން ޖެހެ އެވެ.

"ނިއުޓްރިޝަން ލޭބަލް" އާންމުކޮށް އެޕް ސްޓޯރަށް ގެނެސްފައިވާތީ އެޕް ސްޓޯރަށް ލާން އެދޭ އެޕްތަކުގައި އެ ލޭބަލް ހުންނަން ޖެހޭ މައުލޫމާތުތައް އެޕްލައިކުރާ އިރު ހުށަހަޅަން ޖެހޭ ގޮތަށް ވެސް މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.

އެޕަލް އިން ބުނީ އެޕެއް އެޕް ސްޓޯރަށް ދޫކޮށްލާ ފަހުން ވެސް "ނިއުޓްރިޝަން ލޭބަލް" އަށް އެއްވެސް ކަހަލަ ބަދަލެއް ގެންނަން ބޭނުން ނަމަ އެކަމަށް ހާއްސަ އެޕަލްގެ ޓޫލަކުން އެ ފުރުސަތު ޑިވެލޮޕަރުންނަށް އޮންނާނެ ކަމަށެވެ.

އެޕަލް އިން ބުނީ "ނިއުޓްރިޝަން ލޭބަލް" އަކީ އެޕްތައް ރިވިއުކުރުމުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް އެޕަލް އިން ވަނީ ކަސްޓަމަރުންނަށް ރައްކާތެރި ނުން ކަމަށް ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އެޕް ސްޓޯރުން ބޭރުކޮށްލައިފަ އެވެ.