Roadha Mihaaru
ޑިޒްނީ ޕްލަސްގެ އަގުތައް ބޮޑުކުރަނީ

ޑިޒްނީ ޕްލަސްގެ އަގުތައް އަންނަ އަހަރު ބޮޑުކުރަނީ

14 ޑިސެމްބަރ 2020

މިދިޔަ އަހަރު ތައާރަފު ކުރި ޑިޒްނީގެ ސްޓްރީމިން ހިދުމަތް ޑިޒްނީ ޕްލަސްގެ އަގުތައް އަންނަ އަހަރު ބޮޑުކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ތައާރަފު ކުރި ޑިޒްނީގެ ސްޓްރީމިން ހިދުމަތް ޑިޒްނީ ޕްލަސްގެ އަގުތައް އަންނަ އަހަރު ބޮޑުކުރާ ގޮތަށް ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ބުނީ އަންނަ އަހަރުގެ ކުރީކޮޅު އަލަށް ގެނެސްދޭން ފަށާ އުފެއްދުންތަކާ އެކު އާ އަގުތައް ފެބްރުއަރީ 23 އިން ފެށިގެން ނަގަން ފަށާނެ ކަމަށެވެ.

އާންމުންގެ ތެރޭގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ޑިޒްނީ ޕްލަސް ރަސްމީކޮށް ލޯންޗްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގަ އެވެ. އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 86.8 މިލިއަނަށް އަރަ އެވެ.

ޑިޒްނީ ޕްލަސްގެ އަގަށް ބަދަލު ގެންނަން ނިންމި އިރު މަހު ފީއަކަށް މިހާރު ނަގަމުން އަންނަނީ 6.99 ޑޮލަރެވެ.

ޑިޒްނީން ބުނީ ޑިޒްނީ ޕްލަސްގެ އިތުރުން ޑިޒްނީ ބަންޑަލްގެ އަގަށް ވެސް އަންނަ އަހަރު ބަދަލު އަންނާނެ ކަމަށެވެ. އެއީ ޑިޒްނީ ޕްލަސްގެ އިތުރުން ހޫލޫ އާއި އީއެސްޕީއެން ޕްލަސް ހިމެނޭ ޕެކޭޖެކެވެ. އޭގެ މަހު ފީ އަކީ މިހާރު 12.99 ޑޮލަރު ނަމަވެސް އަގަށް އަންނަ ބަދަލާ އެކު އިޝްތިހާރުތައް ނުލައި ހިދުމަތް ލިބޭނީ 18.99 ޑޮލަރަށެވެ.

މީޑިއާތަކުން ބުނީ ޑިޒްނީ އަގަށް ބަދަލު ގެނައި ނަމަވެސް އެ ޕްލެޓްފޯމްގެ އަގުތައް އަދިވެސް ވާދަވެރި އެހެން ޕްލެޓްފޯމްތަކަށް ވުރެ ހެޔޮވާނެ ކަމަށެވެ. ސްޓްރީމިންގައި އެންމެ ވާދަވެރި ކުންފުނިތަކަކަނީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ އެވެ.

ޑިޒްނީ ޕްލަސް އަކީ އެ ކުންފުނީގެ 97 އަހަރުވީ ތާރީހުގައި ހިމެނޭ މުއްސަނދި ކޮންޓެންޓް ބަލައިލެވޭ ޕްލެޓްފޯމެކެވެ. އޭގެ ތެރޭގައި ސީދާ އެ ސްޓޫޑިއޯގެ ފިލްމުތަކާއި މާލެވެލް ސްޓޫޑިއޯސް އާއި "ސްޓާ ވޯސް" ގެނެސްދޭ ލޫކަސް ފިލްމްސްގެ އުފެއްދުންތަކާއި ޕިކްޒާ، ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަދި ނެޝަނަލް ޖޯގްރިފިކްގެ ކޮންޓެންޓްގެ އިތުރުން ސީދާ ޑިޒްނީ ޕްލަސް އަށް ހާއްސަކޮށްގެން ގެނެސްދޭ އޮރިޖިނަލް ކޮންޓެންޓްތައް ހިމެނެ އެވެ.