Roadha Mihaaru
ޒިޔަތު 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިި

ޒިޔަތު 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިި

07 ޑިސެމްބަރ 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ 32 ދައުވާއެއް ދައުލަތުން ކުރި އެވެ. ޒިޔަތާއި ދައުލަތާ އެކު ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން ޒިޔަތު ކުރިން ވަނީ އެ ހުރިހާ ދައުވާތަކަށް އެއްބަސްވެފަ އެވެ. އެ ދައުވާތަކުގައި، ޒިިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ހެނދުނުން ފެށިގެން ދަނީ ކޮންމެ ދައުވާއެއްގެ ހުކުމް ވަކިވަކިން އިއްވަމުންނެވެ. މިހާތަނަށް 12 ދައުވާއެއްގެ އަދަބެއްގެ ގޮތުން 11 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޒިޔަތުުގެ މައްޗަށް ވަނީ އިއްވައިފަ އެވެ. ދެން ބާކީ ހުރި ދައުވާތަކުގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަށް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގެ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދާނީ ދަށްވަމުންނެވެ.

އެގޮތަށް އަދަބުގެ މިންވަރު ދަށްވަމުން ގޮސް، 12 ވަނަ ދައުވާގެ އަދަބެއްގެ ގޮތުން ޒިޔަތަށް އިއްވީ އެއް ދުވަހުގެ ޖަލު ހުކުމެކެވެ. އެއް ދުވަހުގެ ޖަލު ހުކުމަކަށް ވުރެ ކުޑަ އަދަބެއް ނޯންނާތީ ބާކީ އޮޮތް 20 ދައުވާގައި ޒިޔަތުގެ މައްޗަށް އެއްވެސް އަދަބެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

ޒިޔަތުގެ މައްޗަށް މީގެ ކުރިން ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށެއް 2016 ވަނަ އަހަރު ސާބިތުވުމުން އަށް އަހަރުގެ ޖަލު ހުކުމެއް އޭނާ މިހާރު ގެންދަވަނީ ތަންފީޒު ކުރަމުންނެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވެސް ކުރިން ވަނީ ދައުވާތަކަށް އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.