Roadha Mihaaru
ޗައިނާ އިން އޮސްކާ އަށް "ލީޕް"

ޗައިނާ އިން އޮސްކާ އެވޯޑްސް އަށް "ލީޕް"

08 ޑިސެމްބަރ 2020

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ޗައިނާ އިން ފޮނުވާ ފިލްމަކަށް މި އަހަރު ރިލީޒްކުރި ކުޅިވަރު ބައޮގްރަފިކަލް ޑްރާމާ "ލީޕް" ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ޗައިނާ އިން ފޮނުވާ ފިލްމަކަށް މި އަހަރު ރިލީޒްކުރި ކުޅިވަރު ބައޮގްރަފިކަލް ޑްރާމާ "ލީޕް" ހަމަޖައްސައިފި އެވެ.

ޕީޓާ ޗަން ޑައިރެކްޓްކުރި މި ފިލްމަކީ ޗައިނާގެ އަންހެން ވޮލީ ލެޖެންޑް ލާންގް ޕިންގް ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ލީޕް" ގައި ދައްކުވައި ދޭނީ އޭނާ ފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް 2016 ގެ ރިއޯ އޮލިމްޕިކްސްގައި ޗައިނާގެ ވޮލީ ޓީމަށް ރަން މެޑަލް ހޯދައިދޭން ކުރި މަސައްކަތެވެ.

ލީ އަކީ 1984 ގައި އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި ސަމާ އޮލިމްޕިކްސްގައި ޗައިނާގެ ވޮލީ ޓީމުން ރަން މެޑަލް ހޯދި އިރު، ޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އޭނާގެ ވާހަކަ "ލީޕް" ގައި ކިޔައިދިން އިރު، ފިލްމުގައި ޕިންގްގެ ރޯލު ކުޅުނީ ގޮންގް ލީ އެވެ. އަދި މި ފިލްމުގެ ކާސްޓްގައި 2016 ގެ ވޮލީ ޓީމްގައި ހިމެނުނު 12 ކުޅުންތެރިޔަކު ވެސް ހިމެނެ އެވެ.

"ލީޕް" ޗައިނާގެ ސިނަމާތަކުގައި ދެއްކީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފިލްމު ރިލީޒްކޮށްގެން މާ ބޮޑު އާމްދަނީއެއް ނުލިބުނަސް ފިލްމުވެގެން ދިޔައީ އެ ބެލި މީހުންނާއި ކްރިޓިކުންގެ މެދުގައި ވެސް ތައުރީފު އޮހުނު ފިލްމަކަށެވެ. ބޮކްސް އޮފީހުގައި "ލީޕް" އަށް 127 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ހޮންކޮންގަށް ނިސްބަތްވާ މި ފިލްމު ޑައިރެކްޓަރު ޗަން އަކީ ކުރިން ވެސް މޮޅެތި ފިލްމުތަކެއް ގެނެސްދީގެން އެވޯޑް ހޯދާފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ޓައިވާންސް ގޯލްޑް ހޯސް އެވޯޑް ހޯދި 2008 ގެ "ވޯ ލޯޑްސް" އާއި ހޮންކޮންގް ފިލްމު އެވޯޑްސް ހޯދި 1999 ގެ ކޮމްރޭޑްސް: އޯލްމޮސްޓް އަ ލަވް ސްޓޯރީ ހިމެނެ އެވެ.

"ލީޕް" އަކީ އޮސްކާ އަށް ފޮނުވާ ޗަންގެ ފުރަތަމަ ފިލްމެއް ނޫނެވެ. އޭނާގެ 2005 ގެ "ޕާހެޕްސް ލަވް" އަކީ އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް ފޮނުވި ފިލްމެކެވެ،

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު އަދި ފިލްމުތަކަށް ބޮޑު މާކެޓެއް އޮންނަ ޗައިނާ އޮސްކާ އަށް ފިލްމުތައް ފޮނުވަމުން އަންނަނީ 1979 އިން ފެށިގެންނެވެ. އެކަމަކު މިހާތަނަށް އެ ގައުމުގެ ފިލްމަކަށް އޮސްކާ ނުލިބުނު ނަމަވެސް ދެ ފަހަރެއްގެ މަތިން މޮޅު ބޭރު މޮޅު ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވެފައިވެ އެވެ. އެއީ ޒަންގް ޔިމޯގެ 2002 ގެ "ހީރޯ" އާއި 1990 ފެ " ޖޫ ޑޫ" އެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ތާވަލުކޮށްފައި ވަނީ އެޕްރީލް 25 އަށެވެ. އަދި ކެޓަގަރީތަކަށް ވާދަކުރާ ފިލްމުތަކުގެ ނޮމިނޭޝަންތައް އިއުލާންކުރާނީ މާޗް 13 ގަ އެވެ.

މި އަހަރު ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ މަގާމާ އެކު ކޮރެއާގެ "ޕެރަސައިޓް" އަކީ އޮސްކާގެ ތާރީހު ބަދަލުކޮށްލި ފިލްމެކެވެ. އެ ފިލްމަކީ އޮސްކާގެ މޮޅު ފިލްމުގެ އިތުރުން މޮޅު ޑައިރެކްޓަރާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އަދި މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ގެންދިޔަ ފިލްމެކެވެ.