Roadha Mihaaru
ވެކްސިންގެ ދޮގުތައް: ކުއްޖެއްގެ ޓިޝޫ، މައިކްރޮޗިޕް!

ކޮވިޑް ވެކްސިންގެ ދޮގުތައް: ޑީއެންއޭ ބަދަލުވުން، އެބޯޓްކޮށްފައިވާ ކުއްޖެއްގެ ޓިޝޫ، މައިކްރޮޗިޕް

07 ޑިސެމްބަރ 2020

އަނެއްކާވެސް މި އޮތީ ވެކްސިނާ ދެކޮޅު މީހުންގެ އާދަޔާ ހިލާފް ވާހަކަތަކުން ސޯޝަލް މީޑިއާ ބަންޑުންވާ ވަގުތު ޖެހިފަ އެވެ. ކޮވިޑް-19 އަށް ފަރުވާއެއް ނެތި، އެ ބަލިމަޑުކަމުގައި ދުނިޔެ ބަންދުކޮށްގެން ތިބެން ޖެހުމުން އެންމެ ބޮޑަށް އިންތިޒާރުކުރެވެމުން އައީ ބައްޔާ ދެކޮޅު ވެކްސިނަކަށް ކަމަށް ވިޔަސް، ވެކްސިނާ ދެކޮޅު މީހުން ތައްޔާރުވަމުން ދިޔައީ ވެކްސިން ދެކެ މީހުން ބިރުގަންނަވައި ސުވާލު އުފައްދާނެހާ ވާހަކަތައް ހަދާށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އަނެއްކާވެސް މި އޮތީ ވެކްސިނާ ދެކޮޅު މީހުންގެ އާދަޔާ ހިލާފް ވާހަކަތަކުން ސޯޝަލް މީޑިއާ ބަންޑުންވާ ވަގުތު ޖެހިފަ އެވެ. ކޮވިޑް-19 އަށް ފަރުވާއެއް ނެތި، އެ ބަލިމަޑުކަމުގައި ދުނިޔެ ބަންދުކޮށްގެން ތިބެން ޖެހުމުން އެންމެ ބޮޑަށް އިންތިޒާރުކުރެވެމުން އައީ ބައްޔާ ދެކޮޅު ވެކްސިނަކަށް ކަމަށް ވިޔަސް، ވެކްސިނާ ދެކޮޅު މީހުން ތައްޔާރުވަމުން ދިޔައީ ވެކްސިން ދެކެ މީހުން ބިރުގަންނަވައި ސުވާލު އުފައްދާނެހާ ވާހަކަތައް ހަދާށެވެ.

މި ހުރީ މިހާރުވެސް ދައްކަމުން އަންނަ ބައެއް ވާހަކަތަކެވެ.

ޑީއެންއޭ އަށް ބަދަލު އަންނާނެ

މިއީ ކޮވިޑް-19 ގެ ވެކްސިނާ ބެހޭ ގޮތުން އެންމެ ގަދަޔަށް ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަ އެވެ. ބީބީސީން، މިނިވަން ތިން ސައިންސްވެރިޔަކާ މިކަމާ ބެހޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ވެކްސިން ހަދާފައިވާ ގޮތުން އިންސާނުންގެ ޑީއެންއޭ އަށް ބަދަލު އަންނާނެ ކަމަށް ބުނާތީ އެ ބޭފުޅުން އެކަން އޮޅުންފިލުވައިދެއްވި އެވެ.

ފައިޒާ/ބައޮންޓެކް އާއި އެހެން ބައެއް ކުންފުނިތަކުން ކޮވިޑާ ދެކޮޅަށް ހެދި ވެކްސިންގައި ވެސް ކޮވިޑް ޖައްސާ ވައިރަސްގެ ޖެނެޓިކް މެޓީރިއަލްގެ ފްރެގްމެންޓެއް ނުވަތަ ކުޑަކުޑަ މިންވަރެއް ބޭނުންކުރެ އެވެ. މިއީ މެސެންޖާ އާރްއެންއޭ އެވެ.

"އާރްއެންއޭ އެއް އިންޖެކްޓްކޮށްގެން އިންސާނުންގެ ސެލްގެ ޑީއެންއޭ އަށް އެއްވެސް ބަދަލެއް ނާންނާނެ،" އޮކްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަ ޖެފްރީ އާމަންޑް ވިދާޅުވި އެވެ.

މި ވެކްސިންގައި އާރްއެންއޭ އިން ކުރާ ކަމަކީ ކޮރޯނާވައިރަސްގެ ބޭރު ފަށަލާގައި ހުންނަ ޕްރޮޓީންއެއް އުފެއްދުމަށް ހަށިގަނޑަށް އިރުޝާދު ދިނުމެވެ. މިހެން ވުމުން މި ޕްރޮޓީންއާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތްކުރަން ދަސްކޮށް، އެ އުފައްދާ ޕްރޮޓީންއާ ދެކޮޅަށް އެންޓިބޮޑީސް އުފައްދަން ފަށަ އެވެ.

މިގޮތަށް އާރްއެންއޭ ބޭނުންކޮށްގެން ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީ މީގެ ކުރިން ޓެސްޓުކޮށްފައި ނުވާ ކަމަށާއި މި ޓެކްނޮލޮޖީ އަށް ހުއްދަ ވެސް ނެތް ކަމަށް، ވެކްސިނާ ދެކޮޅު ވާހަކަތަކުގައި ބުނެ އެވެ. އާރްއެންއޭ ބޭނުންކުރާ ވެކްސިނެއް މީގެ ކުރިން އެޕްރޫވްކޮށްފައި ނެތް ވާހަކަ އަކީ ތެދެކެވެ. އެކަމަކު މިދިޔަ އަހަރުތަކުގައި މި ޓެކްނޮލޮޖީ އިންސާނުންގެ ހަށިގަނޑުގައި ވެސް އައީ ޓެސްޓްކުރަމުންނެވެ. އަދި މި ބަލިމަޑުކަން އައުމާ އެކު އެ ޓެސްޓުތައް އިތުރަށް ފުޅާކޮށް އެތައް ހާސް ބަޔަކަށް ދީގެން ޓެސްޓުކޮށްފައި ވަނީ އެހެން ވެކްސިންތަކުގައި ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ގޮތަށެވެ. އެއީ ކްލިނިކަލް ދެ ޓްރަޔަލް ކަމަށްވާ ފޭސް 1 އަދި 2 އަދި އެތައް ހާސް ބަޔަކު ބޭނުންކޮށްގެން ހިންގާ ތިން ވަނަ ފޭސްގެ ނަތީޖާ އަށް ބަލައިގެންނެވް. ތިން ވަނަ ފޭސްގައި އެއްބަޔަށް އަސްލު ވެކްސިން ދޭއިރު އަނެއް ބަޔަކަށް ވެކްސިންގެ ގޮތުގައި ދޭނީ އެއްވެސް އަސަރެއް ނުކުރާ "ޕްލަސީބޯ" އެވެ.

ދެން ބަލަނީ އަސްލު ވެކްސިން ދިން މީހުންނާއި ޕްލަސީބޯ ދިން މީހުންގެ ހަށިގަނޑުން ފެންނަ ތަފާތެވެ. ވެކްސިނުން ނުރައްކަލެއް ކުރިމަތިވާ ނަމަ، މި މަރުހަލާގައި ދެނެގަނެ އެވެ.

ވެކްސިނަކީ ބިލް ގޭޓްސް ޖަހާ މައިކްރޮޗިޕެއް

މި ކޮންސްޕިރެސީގައި ބުނަނީ މި ބަލިމަޑުކަމަކީ މައިކްރޮސޮފްޓްގެ ކޯ ފައުންޑާ ބިލް ގޭޓްސް ދުނިޔޭގެ އެންމެންގެ ހަށިގަނޑުގައި މައިކްރޮޗިޕް ޕްލާންޓްކުރަން ހިންގާ ޕްރޮގްރާމެއްގައި ޖެހި ފިޔަނެއް ކަމަށެވެ. މިއީ ވަރަށް ތާކުންތާކު ނުޖެހޭ ޖޯކު ވާހަކައެކެވެ.

ބިލް ގޭޓްސް އެންޑް މެލިންޑާ ފައުންޑޭޝަނުން ބީބީސީ އަށް ވާހަކަ ދައްކަމުން ބުނީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މި ވާހަކަ މިގޮތަށް ދައްކާ ސަަބަބަކީ ބިލް ގޭޓްސް މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވެކްސިން ދީފައިވާ މީހުންނާއި ބަލިން ރަނގަޅުވި މީހުން ދެނެގަތުމަށް "ޑިޖިޓަލް ސެޓްފިކެޓެއް ބޭނުންކުރެވިދާނެ" ކަމަށް ވިދާޅުވެފައި ވުމެވެ. އަބަދުވެސް ބަލިތަކާ ދެކޮޅަށް މަސައްކަތްކުރައްވާ ގޭޓްސްގެ މި ވާހަކަ އަކީ މައިކްރޮޗިޕަކާ ބެހޭ ވާހަކައެއް ނޫނެވެ. އެ އިންޓަވިއުގައި ރެފަރެންސް ދީފައިވަނީ ގޭޓްސް ފައުންޑޭޝަނުން ކުރި ދިރާސާއެއްގައި، މީހުންނަށް ވެކްސިން ދޭއިރު އެ މައުލޫމާތު ޑިޖިޓަލްކޮށް ރައްކާކުރެވޭނެ ދެއްޔަކުން ހަށިގަނޑުގައި ފާހަގައެއް ޖެހިދާނެ ކަމަށް ބުނެ އެވެ. އެއީ ނުފެންނަ ޓެޓޫއެއް ފަދަ ގޮތަކަށެވެ. އެއީ އިންޖެކްޝަނަކުން ހަށިގަނޑަށް ދޫކޮށްލާ ޗިޕެއްގެ ވާހަކައެއް ނޫނެވެ.

އެކަމަކު ވެކްސިނަކީ ޖަހާ ޗިޕެއް ކަމަށް ބުނެ މާޗް މަހުން ފެށިގެން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަ އެވެ.

އެބޯޓްކޮށްފައިވާ ކުއްޖެއްގެ ޓިޝޫ ބޭނުންކުރި ވާހަކަ

ކޮވިޑް-19 އާ ދެކޮޅަށް ހަދާފައިވާ ވެކްސިންތަކުގައި، އެބޯޑްކޮށްފައިވާ ކުއްޖެއްގެ ފުއްޕާމޭގެ ޓިޝޫ ބޭނުންކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ. އެކަމަކު އެއީ ވެސް ދޮގެކެވެ.

"ވެކްސިން އުފެއްދުމުގެ އެއްވެސް މަރުހަލާއެއްގައި، އުފަންނުވާ ކުދިންގެ ސެލް ބޭނުމެއް ނުކުރާނެ،" ޔުނިވަސިޓީ އޮފް ސަދަމްޕްޓަންގެ ޑރ. މައިކަލް ހެޑް ވިދާޅުވި އެވެ.

ވެކްސިންއާ ދެކޮޅަށް ހިންގާ ފޭސްބުކް ޕޭޖެއްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ކޮވިޑްގެ ބައެއް ވެކްސިންތަކުގައި ބޭނުންކުރާ ކަމަށް ބުނާ މާއްދާތަކުގެ ވާހަކަ ދައްކަ އެވެ. އެކަމަކު އެ ވާހަކަ ދައްކާ މީހާ ހަވާލާދޭ ދިރާސާ މާނަކޮށްދެނީ ނުބައިކޮށެވެ. އެ ވީޑިއޯގައި ހަވާލާދޭ ދިރާސާގައި ބަލާފައި އޮންނަނީ ލެބްގައި ވެކްސިން އިންސާނުންގެ ސެލް އަށް ދިނުމުން ދެން މަސައްކަތްކުރާ ގޮތެވެ.

މީހުންނަށް އޮޅުން އަރާ ކަމަކީ ނުވަތަ ގަސްދުގައި އޮޅުވާލާ ކަމަކީ ބައެއް ވެކްސިން ހަދާއިރު ބޭނުންކުރާ، ލެބްގައި އާލާކޮށްފައިވާ ސެލްގެ ބޭނުމެވެ. މިއީ އެބްރިއޯގައި ހުންނަ ފަދަ ސެލްއެކެވެ. މި ސެލް ލެބްގައި އާލާކޮށްގެން ގެންގުޅެނީ މިއީ އެމްބްރިއޯގެ މަރުހަލާތަކާ އެކު ނެތިގެންދާ ސެލްއަކަށް ވާތީ އެވެ. އެނގެންޖެހޭ ކަމަކީ، މި ސެލް އާލާކުރުމުގެ ރިސާޗަށް އެއްވެސް ކުއްޖެއް ނުވަތަ އެމްބްރިއޯއެއް އެބޯޓްކޮށްފައިނުވާ ކަމެވެ.

ބްރިސްޓަލް ޔުނިވަސިޓީގެ ޑރ. ޑޭވިސް މެތިއުސް މި ޕްރޮސެސް ތަފްސީލްކޮށްދެއްވަމުން ވިދާޅުވެފައި ވަނީ މިއީ ވަރަށް ގިނަ ވެކްސިންތަކުގައި ބޭނުންކުރާ ޓެކްނިކެއް ކަމަށާއި އެކަމަކު އެ ސެލްތަކުގެ އެއްވެސް އަސަރެއް ވެކްސިންގައި ނުހުންނަ ވަރަށް ނައްތާލައި، ވެކްސިން ހަދާނީ އެ ވައިރަސްގެ އެއްވެސް އަސަރެއް ނެތްކަން ޔަގީންވާ ފެންވަރުގައި ކަމަށެވެ.

އޮކްސްފޯޑް ޔުނިވަސިޓީގައި ވެކްސިން އުފެއްދި ޓީމުން މިކަން ކިޔައިދެމުން ބުނީ ވެކްސިން ހެދުމުގެ މަރުހަލާއެއްގައި ބޭނުންކުރަނީ ފީޓަސް އިން ނަގާ ސެލް ނޫން ކަމަށާއި އެއީ ކްލޯންކޮށްގެން ލެބްގައި ގެންގުޅޭ ސެލް ކަމަށެވެ. ވެކްސިން ހަދާއިރު، ކްލޯންކޮށްފައިވާ މި ސެލް ބޭނުންކުރަނީ، ވެކްސިންގައި ބޭނުންކުރާ، ބާރު ދަަށްކޮށްފައިވާ ވައިރަސް އާލާކުރާ "ފެކްޓަރީއެއް" ގޮތަށް ކަމަށާއި ބޭނުންވާ ވަރަށް ވައިރަސް އާލާވުމުން އޭގެ ތެރެއިން ސެލްތައް އެއްކޮށް ނައްތާލަނީ ކަމަށް އޮކްސްފޯޑުން ބުންޏެވެ. އެހެންވެ މި ސެލް އަކީ ވެކްސިންގައި ހުންނަ އެއްޗެއް ނޫނެވެ.

ވެކްސިނަށް ވުރެ ކޮވިޑް ޖެހުން ރަނގަޅު

ކޮވިޑް-19 ޖެހުނަސް ރަނގަޅުވުމަށް 99.97 ޕަސެންޓް ޗާންސް އޮންނަ ކަމަށާއި އެހެންވެ ވެކްސިން ޖަހައިގެން ބަލިން ރައްކާތެރިވުމަށް ވުރެ ބަލި ޖެހުނިއްޔާ މާ ރަނގަޅު ކަމަށް ބުނާ ޕޯސްޓްތަކެއް ވެސް ސޯޝަލް މީޑިއާގައި އުޅެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް، ރިކަވަރީ ރޭޓް ކަމަށް އޭގައި އެ މާނަކުރާ ވަރު ވެސް ރަނގަޅެއް ނޫނެވެ.

ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ސީނިއާ ސްޓެޓިސްޓީޝަން ޖޭސަން އޯކް ވިދާޅުވީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 99 ޕަސެންޓް މީހުން ރަނގަޅުވާ ކަމަށާއި މި ރޭޓުން ބެލިޔަސް، ކޮވިޑް ޖެހޭ ކޮންމެ 10،000 މީހެއްގެ ތެރެއިން 100 މީހުން މަރުވުން އެކަށީގެންވާ ކަމަށެވެ. އެކަަމަކު މި ހުރިހާ ކަމެއް ބިނާވަނީ ބަލި ޖެހޭ މީހުންގެ އުމުރާއި ސިއްހީ ހާލަތަށެވެ.

ކޮވިޑްގައި ބަލަންވީ، މި ބަލި ޖެހި މަރުން ސަލާމަތްވާ ރޭޓަށް އެކަންޏެއް ނޫނެވެ. މި ބަލި ޖެހޭ އެތައް ބަޔަކު އެތައް ދުވަހެއް ވަންދެން ބަލި އެނދުގައި އޮވެ ފަރުވާ ހޯދަންޖެހުމަކީ އާންމު ކަމެކެވެ. ބައެއް މީހުންނަށް ސީރިއަސް ފަރުވާތަކެވެ. އެހެންވެ މި ބަލީގައި ފުރާނަ ސަލާމަތްވާން އޮތް ނިސްބަތަށް އެކަނި ބަލާ ނަމަ އެއީ ބޮޑު ނުރައްކަލެކެވެ. -- ބީބީސީ