Roadha Mihaaru
އެމްޑީޕީ ރައީސާއި ނައިބު ރައީސް އިންތިހާބުކުރަން ކޯޓަށް

އެމްޑީޕީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކޮށްދޭން އެދި ކޯޓަށް!

03 ނޮވެމްބަރ 2016

އިދިކޮޅު އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގެ ދައުރު ހަމަވެފައިވާ ކަމަށް ބުނެ އިންތިހާބު ބާއްވަން އެ ޕާޓީގެ މައްޗަށް އަމުރުކޮށްދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގެ ދައުރު ހަމަވެފައިވާ ކަމަށް ބުނެ އިންތިހާބު ބާއްވަން އެ ޕާޓީގެ މައްޗަށް އަމުރުކޮށްދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ދައުރު ހަމަވެފައިވާ ކަމަށް ކޯޓަށް މައްސަލަ ވެއްދީ، އެމްޑީޕީން ވަކިކޮށްފައިވާ އަލްހާން ފަހުމީ އެވެ. އޭނާ ހުށަހެޅުއްވި މައްސަލަ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

އަލްހާން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ މެއި 1، 2011 ގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އަދި ނައިބު ރައީސް ކަމަށް އޭނާ އިންތިހާބު ކުރި ކަމަށެވެ. ޕާޓީގެ ރައީސް ކަމަށް ނަޝީދު އަދި ނައިބު ރައީސް ކަމަށް ޝިފާޒް އައްޔަންކުރީ، އެ ދައުރު، ހަމަވުމުގެ ކުރިން އޭނާ އާއި އިބްރާހިމް ދީދީ އެޕްރީލް، 30، 2012 ގައި ވަކިކުރުމަށް ފަހު ކަމަށް އަލްހާން ވިދާޅުވި އެވެ.

އެހެންވެ ފަސް އަހަރުގެ ދައުރު ހަމަވެ، ނަޝީދާއި ޝިފާޒްގެ މަގާމުގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށް އަލްހާން ހުށަހެޅި މައްސަލާގައިވެ އެވެ.

އެމްޑީޕީ އިސްލާހުކުރުމާ ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ޕްރެސް ކޮންފަރެންސްގައި މޫސަ އާއި އަލްހާން އަދި ސުޖާއު ބައިވެރިވެވަޑައިގަންނަވަނީ. --ސޯޝަލްމީޑިއާ ފޮޓޯ: ޗެނަލް13

އެމްޑީޕީ އިސްލާހުކުރުމާ ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ޕްރެސް ކޮންފަރެންސްގައި މޫސަ އާއި އަލްހާން އަދި ސުޖާއު ބައިވެރިވެވަޑައިގަންނަވަނީ. --ސޯޝަލްމީޑިއާ ފޮޓޯ: ޗެނަލް13

އެމްޑީޕީގެ އެތެރޭގެ މައްސަލައެއް ކޯޓަށް ވެއްދިއިރު، ވެރިކަން ކުރާ ޕީޕީއެމް އެތެރޭގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމުން، ޕާޓީ ހިންގަންވީ ގޮތް ކޯޓު އަމުރުގައި އޮތީ ބަޔާންކޮށްދީފަ އެވެ. އެ އަމުރުގައިވާ ގޮތަށް ޕީޕީއެމްގެ ރައީސްގެ ހުރިހާ ޒިންމާތަކެއް އެ ޕާޓީގެ މުސްތަޝާރާ ވަނީ ހަވާލުކޮށްފަ އެވެ.

އަލްހާން ކޯޓަށް މި ވަޑައިގަތީ، އެމްޑީޕީ ޑިމޮކްރަސީ އާއި ޕާޓީ އުފެއްދި މަގްސަދާ ހިލާފަށް ހިންގަމުންދާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވުމަށް ފަހު އެވެ.

މޫސަ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބު ބާއްވަން އިލެކްޝަންގައި އެދިވަޑައިގަތުމަށް ފަހު، އެކަން ނުވެއްޖެ ނަމަ ކޯޓަށް ވެސް މައްސަލަ ވައްދައިގެން ޕާޓީ އަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަޝީދު ޕާޓީ ހިސޯރުކޮށްގެން އުޅުއްވާ ކަމަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވެފައި ވަނީ އެކަން ނިމުމަކަށް ގެންނަވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އަލްހާނާއި މޫސަ އަށް ރައްދު ދީ އެމްޑީޕީން ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ އެޖެންޑާއަކީ އެމްޑީޕީ ހަލާކުކޮށްލުން ކަމަށެވެ. އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވީ އާއްމު މެމްބަރުންގެ ތާއީދު އޮތް ބޭފުޅުން ކަމަށާއި ޕާޓީ ހިންގަނީ ވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.