Roadha Mihaaru
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ

ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ

26 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީން މުބާރާތުގެ އަނެއް ބުރުގެ ޖާގަ ޔަގީންކުރިއިރު، އަމިއްލަ ދަނޑުގައި 2-0 އިން އެޓަލަންޓާ އަތުން ބަލިވެ ލިވަޕޫލް ކޮލިފައިވާން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ލަންޑަން (ނޮވެމްބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީން މުބާރާތުގެ އަނެއް ބުރުގެ ޖާގަ ޔަގީންކުރިއިރު، އަމިއްލަ ދަނޑުގައި 2-0 އިން އެޓަލަންޓާ އަތުން ބަލިވެ ލިވަޕޫލް ކޮލިފައިވާން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ރޭ އަމިއްލަ ދަނޑުގައި ސަލްޒްބާގާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 3-1 އިންނެވެ. ބާކީ ދެ މެޗު އޮއްވައި ބަޔާނުން އަނެއް ބުރުގެ ޖާގަ ޔަގީންކުރީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހަަމަކޮށްގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ހަތަރު މެޗުން އެތުލެޓިކޯ އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލޮކޮމޯޓިވަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސަލްޒްބާގަށް ލިބިފައިވަނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ.

ބަޔާން ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ. ދެ ވަނަ ހާފްގައި ކިންގްސްލީ ކޯމަން އާއި ލެރޯއި ސާނޭގެ ގޯލުތަކުން ބަޔާނުން ތިން ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ސަލްޒްބާގުގެ ހަމައެކަނި ގޯލު ޖެހީ މާގީމް ބެރީޝާ އެވެ.

ސިޓީގެ ސްޓާލިން އަތުން ބޯޅަ ހޯދަން އޮލިމްޕިއާކޯސްގެ ބާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ސްޓާލިން އަތުން ބޯޅަ ހޯދަން އޮލިމްޕިއާކޯސްގެ ބާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން ސިޓީ މޮޅުވީ 1-0 އިންނެވެ. ފިލް ފޯޑެންގެ ހަމައެކަނި ގޯލާ އެކު ރޭ ލިބުނު ތިން ޕޮއިންޓުން ސިޓީ އަށް ވަނީ ހަތަރު މެޗުން ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައި ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ސިޓީ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ޕޯޓޯ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. އެއީ ރޭ އެ ޓީމުން މާސޭ އަތުން 2-0 އިން މޮޅުވުމުންނެވެ.

އެ ގްރޫޕްގެ ތިން ވަނައިގައި އޮލިމްޕިއާކޯސް ތިން ޕޮއިންޓާ އެކު އޮތްއިރު، ހަތަރު މެޗުން އަދި ފުލުގައި އޮތް މާސޭ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ ކުޅުނު ތިން މެޗުން ވެސް މޮޅުވި ލިވަޕޫލަށް ރޭގެ މެޗަކީ ނާކާމިޔާބު ރެޔެކެވެ. އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކުގެ ސަބަބުން ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު ލިވަޕޫލަށް ރޭ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނެވެ. އެޓަލަންޓާ އިން ދެ ގޯލު ޖެހީ ދެ ވަނަ ހާފުގެ ފަސް މިނިޓް ތެރޭގަ އެވެ. ޔޯސިޕް އިލިޗިޗްގެ ގޯލުން ލީޑުނެގިއިރު، ރޮބިން ގޮސެންސް ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.

ރޭގެ މެޗުން މޮޅުވެގެން ލިވަޕޫލަށް އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ނަމަވެސް އެކަމެއް ހާސިލެއްނުވި އެވެ. މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު އޮތް ލިވަޕޫލް އަނެއް ބުރަށް ކޮލިފައިވާން ބޭނުންވަނީ މަދުވެގެން ތިން ޕޮއިންޓެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތީ ރޭ މިޓްޔައެލަންޑް އަތުން 3-1 އިން މޮޅުވި އަޔަކްސް އެވެ. ދެ ވަނައިގައި އޮތް އަޔަކްސް އާއި ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް މިޓްޔައެލަންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ލިވަޕޫލްގެ ސަލާހު (ވ) ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ: ރޭގެ މެޗަކީ ކޮވިޑް އިން ރަނގަޅުވެގެން އައި ފަހުން ސަލާހު ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ސަލާހު (ވ) ރޭގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ: ރޭގެ މެޗަކީ ކޮވިޑް އިން ރަނގަޅުވެގެން އައި ފަހުން ސަލާހު ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ވަނީ ރޭ ރަށުން ބޭރުގައި އިންޓަ މިލާން އަތުން 2-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި އެޑެން ހަޒާޑްގެ ޕެނަލްޓީން ރެއާލް ލީޑުނަގާފައިވަނިކޮށް މެޗުގެ 33 ވަނަ މިނިޓްގައި އިންޓަ އަށް މައްސަލަ ދިމާވީ އެ ޓީމުގެ އާޓޫރޯ ވިޑާލަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އިންޓަގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ރެއާލުން ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖެހި އެވެ. މިއީ އިންޓަގެ އަޝްރަފް ހަކީމީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު އޮތީ ރޭ ޝަހުތަރު ޑޮނެސްކް އަތުން 4-0 އިން މޮޅުވި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބަކް އެވެ. އެ ޓީމަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މޮޅާ އެކު ރެއާލް ދެ ވަނަ އަށް އެރީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޝަހުތަރަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އިންޓަ ފުލުގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ބަލިވުމާ އެކު އަމިއްލަ ބާރުގައި އަނެއް ބުރަށް ކޮލިފައިވުމުގެ ދޮރު އިންޓަ އަށް ބަންދުވީ އެވެ.

ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗު އޮއްވައި ސިޓީ އާއި ބަޔާންގެ އިތުރުން ދެން އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފައިވަނީ ބާސެލޯނާ، ޔުވެންޓަސް، ޗެލްސީ އަދި ސެވިއްޔާ އެވެ.