Roadha Mihaaru
އޭވީސީ އިސް ކޮމިޓީ އަކަށް ވީއޭއެމްގެ ރައީސް ލަތީފް

އޭވީސީ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީ އަށް ވީއޭއެމްގެ ރައީސް ލަތީފް

23 ނޮވެމްބަރ 2020

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީ އަށް އައްޔަންކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީ އަށް އައްޔަންކޮށްފި އެވެ.

މިދިޔަ އަހަރު ޖޫން މަހުން ލަތީފްގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ބަލައި ކޮމިޝަނާ އޮފް ސްޕޯޓްސް ހިނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ލަތީފްގެ ލީޑަޝިޕް އުވާލައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކޮށްފަ އެވެ. ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވީ ވީއޭއެމްގެ އިންތިހާބެއް ނުބޭއްވި އެވެ. އޭގެ ފަހުން ކްލަބްތަކުން އިސްވެ ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެސޯސިއޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރި ނަމަވެސް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން އަދިވެސް ވީއޭއެމްގެ ކަންތައްތަކުގައި މުއާމަލާތްކުރަނީ ލަތީފްއާ އެވެ.

މިިދިޔަ މަހުގެ ތެރޭގައި އޭވީސީގެ ސެންޓްރަލް ޒޯންގެ ރައީސްކަމަށް ލަތީފް އިންތިހާބުކުރިއިރު، އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީގެ މެމްބަރުކަމަށް ލަތީފް އައްޔަނުކުރީ މި މަހު ނުވަ ވަނަ ދުވަހު ބޭއްވި އޭވީސީގެ ބޯޑް މެމްބަރުންގެ ބައްދަލުވުމުގަ އެވެ. ކޮމިޓީގައި ލަތީފްގެ ދައުރަކީ 2020-2023 އެވެ.

އޭވީސީ މާކެޓިން ކޮމިޓީގެ އަކީ މި ބައްރުގައި ވޮލީބޯޅަ ޑިވެލޮޕްކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީ އެކެވެ. އެ ކޮމިޓީގެ ފަރާތުން އޭޝިއާގެ ވޮލީބޯޅައިގެ ޑިވެލޮޕްމަންޓަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން އޭވީސީ ބޯޑަށް ލަފާދިނުމާއި ވޯލްޑް ވިޝަން 2008ގެ ޕްރޮޖެކްޓްގެ ތެރެއިން ވޮލީބޯޅައިގެ ޑިވެލޮޕްމަންޓް އަދި މާކެޓިން މަސައްކަތްތައް ކުރުމުގައި މެމްބަރު އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން ވޮލީބޯޅައިގެ ޑިވެލޮޕްމަންޓާއި މާކެޓިން ސެމިނާތަކުގައި އެހީތެރިވުން ފަދަ މުހިއްމު ކަންތައްތައް ހިމެނެ އެވެ. އަދި އޭވީސީގެ ރައީސް އާއި އެގްޒެކްޓިވް ޑިރެކްޓަރުންނާ ގުޅިގެން ސްޕޮންސަރުންނާ އެކު ޑިވެލޮޕްމަންޓުގެ މަސައްކަތްކުރުން ވެސް ހިމެނެ އެވެ.

ލަތީފް ވަނީ ވީއޭއެމްގެ ކަންތައްތަކާ ގުޅޭގޮތުން ކުރިމަތިވެފައިވާ ހިތްހަމަނުޖެހުން ހައްލުކޮށް ވޮލީބޯޅައިގެ މަސްލަހަތު ރަނގަޅުކުރަން ދާދި ފަހުން ގޮވާލައިފަ އެވެ. ވީއޭއެމްގެ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ މިނިސްޓަރު މަހުލޫފް ވަނީ މިދިޔަ ނޮވެމްބަރު މަހު ސްވިޒަލެންޑްގައި މަޝްވަރާކުރައްވައިފަ އެވެ. އެ ފަހަރު ބޭއްވުނު މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފް ފަރާތުން މެމްބަރެއް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދަނިކޮށް ކޮވިޑް-19ގެ ކަންތައްތައް ދިމާވެގެން މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ.