Roadha Mihaaru

ފައިޒާގެ ކޮވިޑް ވެކްސިންގެ މޭސްތިރިންނަކީ ދެމަފިރިން

ކޮވިޑް-19 އިން ސަލާމަތްވުމަށް މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރަނީ ފައިޒާ ކުންފުނީގެ ވެކްސިނަށެވެ. މީގެ އަޖުމަބެލުމުގެ ފުރަތަމަ ދިރާސާތަކުން ދައްކަނީ މި ވެކްސިން 90 ޕަސެންޓަށް ވުރެ ވެސް މަތީ މިންވަރަކަށް ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ.

ފައިޒާގެ ކޮވިޑް ވެކްސިންގެ މޭސްތިރިންނަކީ ދެމަފިރިން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

12 ނޮވެމްބަރ 2020

ކޮވިޑް-19 އިން ސަލާމަތްވުމަށް މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރަނީ ފައިޒާ ކުންފުނީގެ ވެކްސިނަށެވެ. މީގެ އަޖުމަބެލުމުގެ ފުރަތަމަ ދިރާސާތަކުން ދައްކަނީ މި ވެކްސިން 90 ޕަސެންޓަށް ވުރެ ވެސް މަތީ މިންވަރަކަށް ބަލިން ރައްކާތެރިކޮށްދޭ ކަމަށެވެ.

މި ވެކްސިނަކީ ޖަރުމަންގެ ބައޮއެންޓެކާއި އެމެރިމާގެ ފާމަސޫޓިކަލް ކުންފުނި ފައިޒާގެ ބުރަ މަސައްކަތެކެވެ. އެކަމަކު މައިގަނޑު ކްރެޑިޓް ހައްގުވަނީ ތުރުކީ ދަރިކޮޅުގެ ޖަރުމަން ދެމަފިރިން ކަމަށްވާ އުގޫރް ސާހިން، 55، އޮޒްލެމް ތުރޭޝީ، 53، އަށެވެ. ބައޮއެންޓެކަކީ މި ދެ ސައިސްޓިސްޓުންގެ ކުންފުންޏެކެވެ. އެ ކުންފުނި ވުޖޫދަށް އައީ މީގެ 12 އަހަރު ކުރިން 2008 ގަ އެވެ.

ޖަރުމަންގެ އެންމެ މުއްސަނދި 100 މީހުންގެ ތެރޭގައި ވެސް ހިމެނޭ ސާހިން އާއި ޓުރޭޝީ ވަނީ ސިއްހީ ދާއިރާ އަށް މިހާތަނަނަށް ވަރަށް ގިނަ ހިދުމަތްތަކެއްކޮށްފަ އެވެ. ހާއްސަކޮށް އެންކޮލޮޖީ އާއި އިންފެކްޝަން ޑިޒީޒްގެ ދާއިރާ އިންނެވެ. ސާހިން އާއި ޓްރޭޝީގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކެންސަރުގެ ފަރުވާ އަށް އުފެއްދި ޕާސަނަލައިޒްޑް އިމިއުނޯތެރަޕީ އެވެ. އަދި ކެންސަރާ ދެކޮޅަށް އެންޓިބޮޑީއެއް އުފައްދަން ކުރި މަސައްކަތަކީ ވެސް ދެމަފިރިންގެ ކެރިއަރުގައި ކުރި ވަރަށް ވެސް ހާއްސަ މަސައްކަތެކެވެ.

އެކަމަށް ގެނިމެޓް ފާމަސޫޓިކަލްގެ ނަމުގައި 2001 ގައި ކުންފުންޏެއް ވެސް އުފެއްދި އެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން އެ ކުންފުނި ވަނީ 1.4 ބިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.

ބަލިތަކަށް ފަރުވާ ހޯދުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓާ މި ދެ ފިޒިޝަނުނަށް ކޮރޯނާވައިރަހާ ދެކޮޅަށް ވެސިކްނަށް އުފެއްދޭނެ ކަމުގެ އުންމީދު އާލާވީ މެއި މަހުގެ ތެރޭގައި އެވެ. މި މަސައްކަތް ކުރަން ފައިޒާއާ އެކު ބައޮއެންޓެކުން އަތުގުޅާލީ މާޗް މަހުގެ ތެރޭގަ އެވެ.

ސާހިން ވިދާޅުވެފައިވާ ގޮތުގައި ކޮވިޑަށް ފަރުވާ ހޯދުމުގެ މަސައްކަތާ ދޭތެރޭ އޭނާ ސީރިއަސްކޮށް ވިސްނަން ފެށީ އެ ވައިރަސް އުފަންވި ޗައިނާގެ ވޫހާންގެ ހާލަތާ ގުޅޭ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ލިބިވަޑައިގަތް ސައިންޓިފިކް ކަރުދާހަކާ ގުޅިގެންނެވެ. އޭގައި ފާހަގަކޮށްފައި ހުރި ކަންކަމުން ކޮވިޑަށް ފަރުވާއެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް، އެއީ ނުވާނެ ކަމެއް ނޫންކަން ގަބޫލުކުރެއްވި އެވެ.

ނަތީޖާ އަކީ ކުރިން ހުއްދަ ވެސް ދީފައި ނުވާ ޓެކްނޮލޮޖީއެއް ކަމަށްވާ މެސެންޖާ އާރްއެންއޭ ނުވަތަ އެމްއާރްއެންއޭގެ އެހީހައި ދިފާއި ނިޒާމު ވަރުގަދަކޮށްދޭނެ ގޮތްތަކެއް ހޯދުމެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަހުގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަހާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.

އެ މަސައްކަތުން އާކޮށްދިން އުންމީދަކީ މިހާރު 90 ޕަސަންޓްގެ ކަށަވަރުކަމެއް ލިބިފައިވާ ފައިޒާ ވެކްސިނެވެ. ހޯމަ ދުވަހު މި އިއުލާންކުރުން ވެގެން ދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ކަމަށެވެ. މިއީ ބައޮއެންޓެކްގެ 500 މީހުންގެ ޓީމުން މާޗް މަހުން ފެށިގެން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ އެވެ.

"ފައިޒާ އިން އުންމީދުތަކެއް އާލާކޮށް ދިނުމަކީ އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިހާރު އަހަހެރެމެންނަށް ކަށަވަރުވޭ ކޮވިިޑް-19 އަށް ވެކްސިނަކުން ފަރުވާ ހޯދިދާނެކަން،" ސާހިން އަންގާރަ ދުވަހު ވިދާޅުވި އެވެ.

އޭނާ އަންހެނުން ޓްރޭޝީގެ މަސައްކަތް ދެން އޮތީ އިތުރު މަރުހަލާއަކަށް ގެންދިއުމެވެ. އެއީ އެއަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ލިބުމެވެ. ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެ ހުއްދަ ލިބޭނެކަމުގެ އުންމީދު ބޮޑެވެ.

ފައިޒާ ކުންފުނީގެ ސީއީއޯ އަލްބަޓް ބޯލާ ވިދާޅުވީ މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ބޭސްވެރިކަމުގެ ދާއިރާ އިން ހޯދުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

ސާހިން އާއި ޓްރޭޝީގެ މަސައްކަތަށް އޮތީ ތައުރީފެވެ. އެ މީހުންނާ އެކީގައި މަސައްކަތް ކުރި މީހުން ވެސް އަންނަނީ އެކަން ފާހަގަކުރަމުންނެވެ. މައިންޒް ޔުނިވަސިޓީގެ އޮންކޮލޮޖީ ޕްރޮފެސަރު އަދި ސާހިންއާ ވަރަށް ގާތް ގުޅުމެއް އޮންނަ މެތިއަސް ދިބޯލްޑް ވިދާޅުވި ގޮތުގައި ސާހިން އަކީ އާދަޔާހިލަށް ވިސްނުން ތޫނު އޭނާ ކުރާ ކޮންމެ ކަމަކަށް ވަރަށް ހުށިޔާރު މީހެކެވެ. އޭނާ އެހާ ކާމިޔާބު މީހަކަށް ވެސް އެ ސަބަބާ ހެދި ކަމަށް ބުންޏެވެ.

"ވަރަށް ހިތްތިރި މަޑުމައިތިރި ކަމަށް ކަމޭހިތައިގެން މަސައްކަޔްކުރާ މީހެއް އޭނާ އަކީ،" ސާހިންއާ އެކު 20 އަހަރު މަސައްކަތްކުރެއްވި މެތިއަސް ވިދާޅުވި އެވެ. "އޭނާގެ ފަރާތުން އަހަންނަށް ފާހަގަކުރެވުނީ ބޮޑެތި ކުރިއެރުންތަކާ އެކު ވެސް ވަރަށް ސާދާ ސީދާ މީހެއްގެ ގޮތުގައި. އެއްވެސް ކަހަލަ ބޮޑާކަމެއް ކިބުރުވެރި ކަމެއް ނުހުންނަ މީހެއްގެ ގޮތުގައި."

ބައޮއެންޓެކަށް މާލީ އެހީ ފޯރުކޮށްދޭ ކުންފުނި އެމްއައިޖީ އޭޖީ ވެންޗާގެ ބޯޑް މެމްބަރު މެތިއަސް ކްރޮމޭޔާ ވެސް ވިދާޅުވި ގޮތުގައި ސާހިންގެ ދެމަފިރިންނަކީ ބޮޑެތި ކާމިޔާބީތަކާ އެކު ވެސް ބަދަލުވުމެއް ނެތް ވަރަށް ހިތްތިރި ދެމަފިރިންނެވެ.

ފައިޒާގެ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް ފޯރުކޮށް ދިނުވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން 1.3 ބިލިއަން ޑޯޒް ބާޒާރަށް ނެރެވޭނެ ކަމަށް ވެސް، ދުނިޔޭގެ އެންމެ ބޮޑު އެއް ބޭސް ކުންފުނިން ލަފާކުރެ އެވެ.